ENGLISH
24 ޖުލައި 2026
ދިވެހި ޕާސްޕޯޓުގެ ޚިދުމަތަށް ބަދަލުތަކެއް: ރައްޔިތުންނަށް އިތުރު ލުއިފަސޭހަތަކެއް
24 ޖުލައި 2026
|
ޕާސްޕޯޓުގެ ހިދުމަތް ޒަމާނީކޮށް، އިސްރަށްވެހިންނަށް ހާއްސަ އެހީތެރިކަމެއް ދޭން ފެށުން: ފޮޓޯ: އިމިގްރޭޝަން.
އެންމެ މަޤްބޫލު
ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ ޕާސްޕޯޓުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޒަމާނީ ވަސީލަތްތަކާއެކު މޯލްޑިވްސް އިމިގްރޭޝަނުން ޚިދުމަތަށް އައު ބަދަލުތަކެއް އިފްތިތާޙުކޮށްފިއެވެ.
ޚިދުމަތަށް ގެނައި މި ބަދަލުތައް ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ، އޮނަރަބަލް ޢަލީ އިޙްސާނެވެ. މި ބަދަލުތަކަކީ ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ތަކުލީފުތައް ކުޑަކޮށް، އަވަސް އަދި ފަސޭހަ ނިޒާމެއްގެ ތެރެއިން ޚިދުމަތް ފޯރުކޮށްދިނުމަށް ގެނެވުނު މުހިންމު އިޞްލާޙުތަކެކެވެ.
މިގޮތުން އަލަށް ތަޢާރަފުކުރެވުނު ޚިދުމަތްތަކުގެ ތެރޭގައި، ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭ ފަރާތްތަކަށް އިސްކަންދީގެން، އިސްރަށްވެހިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހެޅުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. އެގޮތުން، އިސްރަށްވެހިންނަށް ޕާސްޕޯޓު ފޮޓޯ ނެގުމާއި އޮންލައިން އެޕްލިކޭޝަން ފުރިހަމަކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ހާއްސަ އިންތިޒާމެއް މިހާރު ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް މަޑުކޮށްލައިގެން ތިބެވޭނެ ހިތްގައިމު މާޙައުލެއް ޤާއިމުކޮށް، ޢާންމު މަޢުލޫމާތާއި އިރުޝާދު ދިނުމަށް ހާއްސަ"އިންފޮމޭޝަން ކައުންޓަރެއް" ވެސް ވަނީ ހުޅުވާފައެވެ.
މި ޚިދުމަތްތައް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ކޮމިޝަނަރ އޮފް ޕޮލިސް (ރޓ) އަޙްމަދު ފަޞީޙް ވިދާޅުވީ، ދިވެހި ރައްޔިތުންނާ އެންމެ ގާތުން ގުޅިފައިވާ މިފަދަ ޚިދުމަތްތައް މެދުނުކެނޑި ތަރައްޤީކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ.
"ދިވެހި ޕާސްޕޯޓްގެ ޚިދުމަތަކީ އަޅުގަނޑުމެން ރައްޔިތުންނަށް ފޯރުކޮށްދޭ އެންމެ މުހިންމު އެއް ޚިދުމަތް. މިއަދު ރާއްޖޭގެ ހުރިހާ އަތޮޅަކުން މި ޚިދުމަތް ލިބެން ހުރިއިރު، އަޅުގަނޑުމެންގެ އަމާޒަކީ މި ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ކޮންމެ ރައްޔިތަކަށްވެސް އެއްވެސް ތަކުލީފެއް ނެތި، ފަސޭހަކަމާއެކު ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުން،" ކޮންޓްރޯލާ ޖެނެރަލް ވިދާޅުވިއެވެ.
މި ގެނެވުނު ބަދަލުތަކަކީ ޒަމާނީ އީޖާދުތަކުގެ އެހީގައި، އިތުބާރު ހުރި އަދި ހަރުދަނާ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.