ENGLISH
24 ޖުލައި 2026
ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު ތަސްދީގުކުރައްވައިފި
24 ޖުލައި 2026
|
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު
އެންމެ މަޤްބޫލު
އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފިއެވެ.
މި ބިލު ތަސްދީގުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ފަހު ފުރަތަމަ ފޮނުވީ މެއި މަހުގެ 14 ވަނަ ދުވަހުއެވެ. ނަމަވެސް ރައީސް ވަނީ އަލުން ވިސްނާވަޑައިގަތުމަށް އެދި މެއި މަހުގެ 31 ވަނަ ދުވަހު ބިލު އަނބުރާ ފޮނުއްވާލައްވާފައެވެ. ކޮމިޓީ މަރުހަލާގައި އެ ބިލަށް އިސްލާހުތަކެއް ގެނައުމަށްފަހު އަލުންއެ ބިލު ފާސްކުރީ މި މަހުގެ 14 ވަނަ ދުވަހުއެވެ.
މި ބިލު އެކުލަވާލައްވާފައިވަނީ، ދިވެހިރާއްޖޭގައި އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ޚިދުމަތް ރައްކާތެރިކަމާއެކު، ފެންވަރު ރަނގަޅުކޮށް ފޯރުކޮށްދިނުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވާލައި، އެކަމާ ގުޅޭ އުސޫލުތައް ކަނޑައަޅައި، ޚިދުމަތް ދޭ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތަކާއި ޒިންމާތައް ކަނޑައެޅުމުގެ މަޤުޞަދުގައެވެ.
މި ބިލުގައި ގުނަވަން ޓްރާންސްޕްލާންޓްކުރުމާ ގުޅޭ ޢާންމު ހަމަތަކާއި، ގުނަވަން ހަދިޔާކުރާ ފަރާތްތަކާއި ލިބިގަންނަ ފަރާތުގެ ޙައްޤުތައް ބަޔާންކޮށްފައިވެއެވެ. ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ނިޒާމާބެހޭ ސިޔާސަތުތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާ "އޯގަން ޓްރާންސްޕްލާންޓް ކައުންސިލް" އިންނެވެ. އަދި ދިވެހިރާއްޖޭގައި ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ހުއްދަދޭނީ މި ޤާނޫނުގެ ދަށުން އެކުލަވާލާ "އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމިޓީ" އިންނެވެ.
މީގެއިތުރުން، ޓްރާންސްޕްލާންޓްކުރުމުގެ އިޖުރާތުތަކާއި މިންގަނޑުތަކާއި، ޤާނޫނާ ޚިލާފަށް ޓްރާންސްޕްލާންޓްކުރުމުގެ ކުށާއި އަދަބު މި ބިލުގައި ވަނީ ކަނޑައަޅާފައެވެ.
މި ޤާނޫނަށް އަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން 180 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.