ENGLISH
23 ޖުލައި 2026
ވޯލްޑް ކަޕުގެ ކާމިޔާބީއާއެކު ރުއިޒް އާއި ގަވީގެ ބަރުދަނަށް ބަލައި ޓޮމާޓޯ ހަދިޔާކޮށްފި
23 ޖުލައި 2026
|
ވޯލްޑް ކަޕުގެ ކާމިޔާބީއާއެކު ސްޕެއިންގެ ރުއިޒް އާއި ގަވީއަށް ޓޮމާޓޯ ހަދިޔާކުރަނީ --- ފޮޓޯ: ގެޓީ
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރުމަކީ ކުޅުންތެރިންނަށް ގިނަގުނަ އިނާމުތަކާއި ޝަރަފުތައް ލިބޭ ކަމެކެވެ. އެކަމަކު އިނާމެއްގެ ގޮތުގައި އެ މީހެއްގެ ހަށިގަނޑުގެ ބަރުދަނަށް ބަލައި ޓޮމާޓޯ ލިބުމަކީ ހަމަގައިމުވެސް ވަރަށް ތަފާތު އަދި އާދަޔާޚިލާފު ކަމެކެވެ.
މިއީ އުތުރު އެމެރިކާގައި ބޭއްވުނު ވޯލްޑް ކަޕް 2026 ކާމިޔާބުކުރި ސްޕެއިން ޓީމުގައި ހިމެނޭ ދެ މިޑްފީލްޑަރުން ކަމަށްވާ ފަބިއަން ރުއިޒް އާއި ގަވީ އެނބުރި އެ މީހުންގެ އުފަން ރަށަށް ދިޔުމުން ލިބުނު ހަދިޔާއެކެވެ.
މި ދެ ކުޅުންތެރިންނަކީ ސެވިލްގެ ދެކުނުން އޮންނަ، ގާތްގަނޑަކަށް 40،000 އަށްވުރެ މަދު އާބާދީއެއް އޮންނަ "ލޮސް ޕަލާސިއޯސް އީ ވިލާފްރަންކާ" އަށް ނިސްބަތްވާ ދެ ކުޅުންތެރިންނެވެ. އިއްޔެ އެ ރަށުގެ ކައުންސިލް އިދާރާގައި ބޭއްވި ރަސްމީ ހަފުލާއެއްގައި މި ދެ ކުޅުންތެރިން ބައިވެރިވިއެވެ.
ޕީއެސްޖީއަށް ކުޅޭ ރުއިޒް އާއި ބާސެލޯނާގެ ގަވީ، ރަށުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ އާންމުންނާ ބައްދަލުކުރީ ވޯލްޑް ކަޕުގެ ރަން މެޑެލް އަޅައިގެން ތިބެއެވެ. އެ މީހުން ހޯދި ބޮޑު ކާމިޔާބީގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވި މި ހަފުލާގައި، ކޮންމެ ކުޅުންތެރިއަކަށް ދޭނެ ޓޮމާޓޯގެ މިންވަރު ކަނޑައެޅުމަށްޓަކައި ދެ ކުޅުންތެރިން ވަނީ ތިލަފަތަށް އަރާފައެވެ.
މިގޮތުން ރުއިޒްއަށް 85 ކިލޯގެ ޓޮމާޓޯ އަދި ގަވީއަށް 68.5 ކިލޯގެ ޓޮމާޓޯ ލިބޭނެއެވެ. ރަށުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މިއީ އެ ރަށުގެ ފަޚުރުވެރި ކުޅުންތެރިންގެ އަގުވަޒަންކުރުމަށް ބާއްވާ، އެ ރަށަށް ޚާއްސަވެފައިވާ ސަގާފީ އާދަކާދައެކެވެ.
ސްޕެއިންގެ ކުރީގެ ކުޅުންތެރިޔާ ހީސޫސް ނަވާސްވެސް މި ހަފުލާގައި ބައިވެރިވިއެވެ. އޭނާއަކީ 2010 ވަނަ އަހަރު ސްޕެއިނުން ވޯލްޑް ކަޕް ކާމިޔާބުކުރިއިރު، އެ ރަށުން އެ ޝަރަފު ހޯދި ފުރަތަމަ ކުޅުންތެރިޔާއެވެ. މީގެ އިތުރުން ޔޫރޯ 2024 ސްޕެއިން ކާމިޔާބުކުރުމާ ގުޅިގެންވެސް ނަވާސް އާއި ރުއިޒްއަށް ވަނީ ޓޮމާޓޯގެ ހަދިޔާދީފައެވެ.
އެ ރަށުގެ ސްޕޯޓްސް ޕެވިލިއަންއަށް މިހާރުވެސް ނަވާސްގެ ނަމުން ނަން ދީފައިވާއިރު، ރުއިޒް އާއި ގަވީގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން އެ ރަށުގެ ފުޓްބޯޅަ ދަނޑުތަކަށް އެ ދެ ކުޅުންތެރިންގެ ނަމުން ނަން ދިނުމަށް ވަނީ ނިންމާފައެވެ.
ރަށު ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މީގެ އިތުރުން ލޮސް ޕަލާސިއޯސްއަށް ނިސްބަތްވާ މި ތިން ޗެމްޕިއަނުންގެ ހަނދާނުގައި ބިނާއެއް ބެހެއްޓުމަށްވެސް ނިންމާފައިވާ ކަމަށެވެ. މިއީ މުޅި ރަށަށް ރީތި ނަން ހޯދައިދިން އަދި އާދަޔާޚީލާފު ހުނަރާއި އަޚުލާގުގެ ސަބަބުން ކުޑަކުދިންނާއި ޒުވާނުންނަށް ނަމޫނާ ދައްކައިދިން މި ތިން ކުޅުންތެރިންގެ އަގު ދާއިމީ ގޮތެއްގައި ވަޒަންކުރުމަށް ކުރާ ކަމެއް ކަމަށްވެސް ކައުންސިލުން ފާހަގަކުރިއެވެ.