ENGLISH

23 ޖުލައި 2026

Advertisement

ޑޯޓްމުންޑަށް ކުޅެމުން އައި ހުނަރުވެރި ފޯވާޑް އަޑެޔެމީ ބާސެލޯނާއަށް

23 ޖުލައި 2026

|

އިސްމާއިލް ޝާހު

ޖަރުމަނުގެ ހުނަރުވެރި ފޯވާޑް ކަރީމް އަޑެޔެމީ ބާސެލޯނާއަށް ސޮއިކުރުމަށްފަހު --- ފޮޓޯ: ރޮއިޓަރސް

ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުން އައި ޖަރުމަނުގެ ހުނަރުވެރި ފޯވާޑް ކަރީމް އަޑެޔެމީ ބާސެލޯނާއަށް ސޮއިކޮށްފިއެވެ. އެ ކުލަބުން މިއަދު ހާމަކުރި ގޮތުގައި އަޑެޔެމީއާއެކު ހެދި އެއްބަސްވުން 2031 ވަނަ އަހަރުގެ ނިޔަލަށް ދެމިގެންދާނެއެވެ.

މި ޓްރާންސްފާގެ މާލީ ތަފްސީލުތައް ދެ ކުލަބުން ރަސްމީކޮށް ހާމަނުކުރި ނަމަވެސް، މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މި އެއްބަސްވުމުގެ އަގަކީ 22 މިލިޔަން ޔޫރޯ (25.1 މިލިޔަން ޑޮލަރު) އެވެ. މީގެ އިތުރުން އިތުރު ފީތަކާއި އަދި ކުރިމަގުގައި އޭނާ އެހެން ކުލަބަކަށް ވިއްކާލައިފިނަމަ ޑޯޓްމުންޑަށް ފައިދާގެ ބައެއް ލިބޭ ގޮތަށް މި އެއްބަސްވުމުގައި ވަނީ ހިމަނާފައެވެ.

ބާސެލޯނާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ފޯވާޑް ކަރީމް އަޑެޔެމީ ބާސެލޯނާއަށް ބަދަލުވުމާ ގުޅޭގޮތުން ބޮރޫޝިއާ ޑޯޓްމުންޑާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި، އޭނާ ވަނީ 2031 ވަނަ އަހަރުގެ ނިޔަލަށް އެ ކުލަބާއެކު އެއްބަސްވުމުގައި ސޮއިކޮށްފައި،" ކަމަށެވެ.

އޮސްޓްރިއާގެ ރެޑްބުލް ސާލްޒްބާގުން 2022 ވަނަ އަހަރު ޑޯޓްމުންޑާ ގުޅުނު އަޑެޔެމީ ވަނީ އެ ޓީމަށް ކުޅުނު 146 މެޗުގައި 36 ލަނޑު ކާމިޔާބުކޮށްދީފައެވެ.

އުމުރުން 24 އަހަރުގެ އަޑެޔެމީ މި ބަދަލާއެކު އަލުން ގުޅޭނީ ކޯޗު ހަންސީ ފްލިކާއެވެ. ފްލިކް ޖަރުމަނުގެ ޤައުމީ ޓީމުގެ ކޯޗަކަށް ހުރިއިރު، އަޑެޔެމީއަށް ޤައުމީ ޓީމުން ފުރުސަތުދީ، ފުރަތަމަ ފަހަރަށް އޭނާ ޤައުމީ ޓީމަށް ކުޅެން އެރުވިއެވެ.

އަޑެޔެމީއަކީ އޭނާގެ ހަލުވި ދުވެއްޔަށް މަޝްހޫރު ކުޅުންތެރިއެކެވެ. އެގޮތުން 2022/23 ވަނަ އަހަރުގެ ސީޒަނުގައި ފްރައިބާގާ ދެކޮޅަށް ކުޅުނު މެޗެއްގައި ގަޑިއަކު 36.65 ކިލޯމީޓަރުގެ ބާރުމިނުގައި ދުވެ، އޭނާ ވަނީ އޭރު ޖަރުމަން ލީގުގެ ރިކޯޑެއްވެސް ގާއިމުކޮށްފައެވެ.

މިއީ މި ޓްރާންސްފާ ބާޒާރުގައި ބާސެލޯނާއިން ގެނައި ފޯވާޑް ލައިނަށް ކުޅޭ ދެވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން އެ ކުލަބުން ވަނީ ނިއުކާސަލް ޔުނައިޓެޑުން އެންތަނީ ގޯޑަންވެސް ގެނެސްފައެވެ.

ރޮބަޓް ލެވަންޑޯސްކީ ޝިކާގޯ ފަޔަރއަށް ބަދަލުވުމާއި، ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާއަށް ކުޅުނު މާކަސް ރަޝްފޯޑް އަނބުރާ މެންޗެސްޓަރ ޔުނައިޓެޑަށް ދިޔުމާ ގުޅިގެން، ބާސެލޯނާއިން އަންނަނީ އެ ޓީމުގެ ފޯވާޑް ލައިން ވަރުގަދަކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު