ENGLISH

10 އޭޕްރީލު 2025

Advertisement

އިޒްރޭލުން ގެއްލުންދިން ޣައްޒާ ހޮސްޕިޓަލުގެ ވެރިޔާ ހައްޔަރުކޮށްފި

29 ޑިސެމްބަރު 2024

|

ހަސަން އާމިރު

ފަލަސްތީނުގެ ޣައްޒާގެ ދެކުނުގައި ހުރި ހަމައެކަނި ހޮސްޕިޓަލަށް އިޒްރޭލު ސިފައިން ގަދަބާރުން އިއްޔެ ވަދެގަނެ، އެތަނުގައި ހުޅުޖަހައި، އެ ހޮސްޕިޓަލުގެ ވެރިޔާ ހައްޔަރުކޮށްފިއެވެ.

ޣައްޒާގެ ކަމާލް އަދުވާނީ ހޮޕިސްޓަލަށް ޔަހޫދީ ފައުޖުން އިއްޔެ ވަދެގަނެ، އެ ތަނުގައި ތިބި ބަލި މީހުން ނެރެ، ހޮސްޕިޓަލުގެ ބޮޑު ބައެއްގައި ވަނީ ހުޅުޖަހަައިފައެވެ.

އެ އަނިޔާވެރި ޢަމަލުގެ ސަބަބުން، ހޮސްޕިޓަލުގެ ޚިދުމަތްތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯ އިން ވަނީ ބުނެފައެވެ.

އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނީ، ކަމާލް އަދުވާނީ ހޮސްޕިޓަލުގައި ހިންގި އޮޕަރޭޝަނަށްފަހު، އެ ހޮސްޕިޓަލުގެ ޑިރެކްޓަރު ހޮސާމް އަބޫ ސަފިޔޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާ ހައްޔަރުކުރީ، ޙަމާސް ޖަމާޢަތަށް ވަގިވެރިވާ "އޮޕަރޭޓިވް"އެއް ކަމުގެ ތުހުމަތުގައި ކަމަށް ވެސް ޔަހުދީ ސިފައިން ބުންޏެވެ.

ހޮސްޕިޓަލަށް އިޒްރޭލު ސިފައިން ވަދެގަނެ، އެތަނުގައި ތިބި މުވައްޒަފުންނާއި ބަލި މީހުން ވެސް ވަނީ ނެރެފައެވެ.

ޑަބްލިޔުއެޗްއޯއިން ބުނީ، އެތަނުގައި ތިބި އެންމެ ހާލު ދެރަ ބަލި މީހުން، އިންޑޮނީޝިއަން ހޮސްޕިޓަލަށް ބަދަލުކުރަން މަޖުބޫރުވެފައިވާ ކަމަށެވެ.

އަދި އިޒްރޭލުގެ އެކި ޙަމަލާތަކުގެ ސަބަބުން، އިންޑޮނީޝިއަން ހޮސްޕިޓަލަކީ ވެސް ރަނގަޅަށް ނުހިންގޭ ޙާލަތެއްގައި ހުރި ހޮސްޕިޓަލެއް ކަމަށް ވެސް އެ ޖަމްޢިއްޔާ އިން އިތުރަށް ބުނެފައިވެއެވެ.

ޙަމާސް ޖަމާޢަތުގެ ހަނގުރާމަވެރިން ނައްތާލުމުގެ ނަމުގައި އިޒްރޭލު ސިފައިން ދަނީ ޣައްޒާގެ ސިއްޙީ މަރުކަޒުތަކާއި، ގެދޮރު ގެއްލިފައިވާ މީހުން ހިމާޔަތް ހޯދައިތިބި ވަގުތީ ހިޔާތަކަށް ވެސް މެދުކެނޑުމެއްނެތި ޙަމަލާތައް އަމާޒުކުރަމުންނެވެ.

ޣައްޒާއަށް ޔަހޫދީ ފައުޖުން ޙަމަލާތައް ދެމުން އަންނަތާ 14 މަސް ދުވަސް ވެފައިވާއިރު، އެ ޙަމަލާތަކުގައި ފަލަސްތީނުގެ މައުސޫމް 45،000 މީހަކު ވަނީ ޝަހީދުވެފައެވެ. އަދި ޣައްޒާ އިސްތިޢުމާރުކޮށް އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޖަރީމާތަކުގެ ސަބަބުން، ޣައްޒާގައި ދިރިއުޅޭ 2.3 މިލިއަން މީހުންނަށް ވަނީ ކާބޯތަކެއްޗާއި ބޭސްފަރުވާ ނުލިބި، ޙާލުގައި ޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު