ENGLISH

21 ޖުލައި 2026

Advertisement

ވިޒިޓް މޯލްޑިވްސް އިން ބާދްޝާއާއެކު ރާއްޖޭގައި ކޮންޓެންޓް އުފެއްދުމުގެ ދަތުރެއް ފުރިހަމަކޮށްފި

20 ޖުލައި 2026

|

ޙުސައިން މަޚްތޫމް

އިންޑިއަން އައިޑަލްގެ ޖަޖް ބާދްޝާހަށް ރާއްޖެއައުމުން މަރުހަބާ ކިޔަނީ - ފޮޓޯ: ވިސިޓް މޯލްޑިވްސް

އިންޑިއަން އައިޑަލްގެ ޖަޖު އަދި ވިޒިޓް މޯލްޑިވްސްގެ ކަލްޗަރަލް އެމްބެސެޑަރު ބާދްޝާއާއެކު ކުރިއަށްގެންދިޔަ ހަތަރު ދުވަހުގެ ދަތުރު، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ދަތުރު ހޯސްޓްކޮށްދީފައި ވަނީ ހައިޑްއަވޭ ބީޗް ރިސޯޓް އެންޑް ސްޕާ ރިސޯޓުންނެވެ. ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ދަތުރަކީ އިންޑިއާގެ ނުފޫޒުގަދަ ސަގާފީ ޝަޚްސިއްޔަތަކާއި ދުނިޔޭގެ އެންމެ މަގުބޫލު އެއް މަންޒިލް ގުޅުވައިދިން މަސައްކަތެކެވެ. މިއީ އިންޑިއާގައި ދިވެހިރާއްޖޭގެ މަގުބޫލުކަން އިތުރުކޮށް، ރާއްޖެއަށް ދަތުރުކުރުމަށް އިންޑިއާގެ މިލިއަނުން މީހުންނަށް ހިތްވަރުދީ، ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރާއްޖޭގެ ރީތިކަން އިޝްތިހާރުކުރުމަށް ފަރުމާކުރެވުނު ކެމްޕޭނެކެވެ.

އިންޑިއާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ނުހަނު މުހިއްމު މާކެޓެކެވެ. ދެ ގައުމުގެ ދެމެދުގައި އޮތް ކައިރި މިނާއި، ދަތުރުފަތުރުގެ ފަސޭހަކަމާއި އެކު އެގައުމުގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުވަމުންދިއުމަކީ، ދިގުމުއްދަތުގައި ރާއްޖެއަށް ފަތުރުވެރިން އަންނާނެ މުހިންމު ވަސީލަތެކެވެ. ރާއްޖެއަކީ އިންޑިއާގެ ހަނީމޫން ދަތުރުވެރިންނަށާއި، އާއިލާތަކަށާއި، ލަގްޒަރީ ދަތުރުވެރިންގެ އިތުރުން ކައިވެނީގެ ހަފުލާތަކާއި ކޯޕަރޭޓް ދަތުރުތަކަށް ވެސް އެންމެ އެކަށީގެންވާ މަންޒިލެވެ.

ތާރީޚަށް ބަލާއިރު، އިންޑިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ހޯދައިދީފައިވާ މާކެޓެކެވެ. އެގޮތުން 2020 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމަކަށް އިންޑިއާ ވެފައިވާއިރު، 2021 އަދި 2022 ވަނަ އަހަރު ވެސް އެ މަގާމު ދެމެހެއްޓިއެވެ. އަދި 2023 ވަނަ އަހަރު 209,193 ފަތުރުވެރިންނާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ 11.1 އިންސައްތަ ހިއްސާކުރީ އިންޑިއާއިންނެވެ.

ބާދްޝާއަކީ އިންޑިއާގައާއި މުޅި ދެކުނު އޭޝިއާ ސަރަހައްދުގައި ނުހަނު މަގުބޫލު، އަދި އޭނާގެ މިއުޒިކާއި ވީޑިއޯތަކަށް ބިލިއަނުން 'ސްޓްރީމްސް' ލިބިފައިވާ ފަންނާނެކެވެ. މިއުޒިކުގެ އިތުރުން ފެޝަން، ލައިފްސްޓައިލް އަދި މުނިފޫހިފިލުވުމުގެ ދާއިރާގައި އޭނާގެ އޮތް ނުފޫޒުގެ ސަބަބުން، އައު ޖީލުގެ ދަތުރުވެރިންނަށް ރާއްޖެ އިޝްތިހާރުކުރުމަށް އޭނާއަކީ އެންމެ އެކަށީގެންވާ ބައިވެރިޔާއެވެ.

މި ދަތުރުގައި ބާދްޝާ ވަނީ ހައިޑްއަވޭ ބީޗް ރިސޯޓް އެންޑް ސްޕާގައި މަޑުކޮށް، ރާއްޖޭގެ މެހުމާންދާރީއާއި، ވޯޓަރ އެޑްވެންޗާ، ލަގްޒަރީ ޔޮޓް ދަތުރުތަކާއި، އަދި ރާއްޖޭގެ ސަގާފީ ކަންކަން ތަޖުރިބާކޮށްފައެވެ. މި ކެމްޕޭނުގެ މަގްސަދަކީ ރާއްޖެއަކީ ހަމައެކަނި ލަގްޒަރީ މަންޒިލެއްގެ ގޮތުގައި ދެއްކުމުގެ ބަދަލުގައި، އާއިލީ ދަތުރުތަކާއި، ރޮމޭންޓިކް އަދި އެޑްވެންޗާ ދަތުރުތަކަށް ވެސް އެންމެ ފުރިހަމަ މަންޒިލްކަން ހާމަކޮށްދިނުމެވެ.

މި ކޮލަބްރޭޝަންގެ ދަށުން ބާދްޝާ އުފެއްދި ކޮންޓެންޓްތައް ކުރިއަށް އޮތް ހަފުތާތަކުގައި އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އާންމުކުރާނެއެވެ. މީގެ ތެރޭގައި އިންސްޓަގްރާމް ރީލްސް، ޕޯސްޓްތައް އަދި ޔޫޓިއުބް ވްލޮގްތައް ހިމެނެއެވެ.

"އިންޑިއާއަކީ ހަމައެކަނި ފަތުރުވެރިން އަންނަ ގައުމެއް ނޫން، އެއީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަގުބަލަށް ނުހަނު މުހިންމު މާކެޓެއް. ބާދްޝާއާއެކު މި ފެށި މަސައްކަތަކީ އިންޑިއާގެ ދަތުރުވެރިންނާ އޮތް ގުޅުން ބަދަހިކުރުމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް. އަޅުގަނޑުމެންގެ ބޭނުމަކީ ބާދްޝާގެ މަގުބޫލުކަން ބޭނުންކޮށްގެން، އިންޑިއާގެ ދަތުރުވެރިންނަށް ރާއްޖެއަކީ ކައިރި، ފަސޭހައިން އާދެވޭ އަދި ތަފާތު ތަޖުރިބާތަކެއް ކުރެވޭނެ މަންޒިލެއްކަން ހަނދާންކޮށްދިނުން." ވިޒިޓް މޯލްޑިވްސްގެ ސީ.އީ.އޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝިއުރީ ވިދާޅުވިއެވެ.

މި ކެމްޕޭން ކުރިއަށްދަނީ އިންޑިއާގެ ބޭރަށް ދަތުރުކުރާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލުން ލަފާކުރާ ގޮތުގައި އިންޑިއާގެ ދަތުރުވެރިން ކުރާ ހޭދަ 2025 ވަނަ އަހަރު ހުރި 34.6 ބިލިއަން ޑޮލަރުން 2036 ވަނަ އަހަރު 71.8 ބިލިއަން ޑޮލަރަށް އިތުރުވާނެއެވެ.

19 ޖުލައި 2026 އާ ހަމައަށް ރާއްޖެއަށް އިންޑިއާއިން 68,933 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ޖުމްލަ ފަތުރުވެރިންގެ 6.0 އިންސައްތައެވެ. ވިޒިޓް މޯލްޑިވްސްގެ އަމާޒަކީ މިފަދަ މަގުބޫލު ޝަޚްސިއްޔަތުތަކާ ގުޅިގެން މަސައްކަތްކޮށް، އިންޑިއާ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމެވެ.

ކިޔުންތެރިންގެ ހިޔާލު