ENGLISH
21 ޖުލައި 2026
ކޮރަޕްޝަނާ ދެކޮޅަށް އެކުލަވާލާ ގައުމީ ސިޔާސަތާ ގުޅޭ މަޝްވަރާ ބައްދަލުވުން ފަށައިފި
20 ޖުލައި 2026
|
"ނޭޝަނަލް އެންޓި-ކޮރަޕްޝަން ސްޓްރެޓެޖީ" އިތުރަށް ހަރުދަނާކުރުމަށް ބާއްވާ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ؛ އޭސީސީ.
އެންމެ މަޤްބޫލު
ކޮރަޕްޝަން ހުއްޓުވުމަށާއި ދައުލަތުގެ ނިޒާމުގެ ތެރޭގައި ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުން އިތުރުކުރުމަށްޓަކައި އެކުލަވާލާ "ނޭޝަނަލް އެންޓި-ކޮރަޕްޝަން ސްޓްރެޓެޖީ" (އެން.އޭ.ސީ.އެސް) އިތުރަށް ހަރުދަނާކުރުމަށް ކަމާގުޅޭ ދާއިރާތަކާއެކު ބާއްވާ މަޝްވަރާ ބައްދަލުވުންތައް ފަށައިފިއެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުން ކުރިއަށްދާނީ މިއަދުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ކޮރަޕްޝަން ހުއްޓުވުމާއި، ނަޒާހާތްތެރިކަން އިތުރުކުރުމަށް ގައުމީ ފެންވަރުގައި ހުރިހާ މުއައްސަސާތަކެއްގެ ބައިވެރިވުން ހިމެނޭ ފުރިހަމަ އޮނިގަނޑެއް އެކުލަވާލުންކަމަށް އޭސީސީން ބުނެއެވެ.
މި މަސައްކަތު ބައްދަލުވުމުގައި މިއަދު އަލިއަޅުވާލާފައިވަނީ މި ސިޔާސަތުގެ މައިގަނޑު އަމާޒުތަކާއި، ތަސައްވުރާއި، އަދި އަމަލީ މަސައްކަތްތައް ބައްޓަންކުރާނެ ގޮތުގެ މައްޗަށެވެ. ދެވަނަ ދުވަހު ސަރުކާރުގެ މުއައްސަސާތަކުގެ ބައިވެރިވުން އިތުރުކުރުމަށާއި، ދައުލަތުގެ މާލީ ނިޒާމާއި، ޕްރޮކިއުމަންޓް، އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާނެއެވެ. ބައްދަލުވުމުގެ ފަހު ދުވަސް ހާއްސަކޮށްފައިވަނީ އަމިއްލަ ވިޔަފާރިތަކާއި މަދަނީ ޖަމިއްޔާތަކަށެވެ. މި ބައްދަލުވުމުގައި ކޮރަޕްޝަން ހުއްޓުވުމުގައި އާންމުންގެ ބައިވެރިވުން އިތުރުކުރުމާއި، އިޖުތިމާއީ ޒިންމާ އަދާކުރުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ.
އޭސީސީންބުނީ މި މަޝްވަރާތަކުން ލިބޭ ހިޔާލާއި އިރުޝާދުތަކާއެކު "ނޭޝަނަލް އެންޓި-ކޮރަޕްޝަން ސްޓްރެޓެޖީ" ފައިނަލް ކުރެވުމުން ރާއްޖޭގައި ކޮރަޕްޝަން ނައްތާލުމަށް ކުރެވޭ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެކަމަށެވެ.