ENGLISH

21 ޖުލައި 2026

Advertisement

އަހަރު ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭ، މަލްޓިޕަލް އެންޓްރީ އުމްރާ ވިސާއެއް ސަޢޫދީން ތާރަފްކޮށްފި

20 ޖުލައި 2026

|

ޙުސައިން މަޚްތޫމް

އަހަރު ދުވަހުގެ ތެރޭގައި އިތުރަށް ވިސާ ނެގުމަކާއި ނުލައި ދަތުރުކުރެވޭ ގޮތަށް ވަނީ ހަދާފައި - ފޮޓޯ: އަލްޒޯވާޓް

ސަޢޫދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން، ދޫކުރާ ތާރީޚުން ފެށިގެން 365 ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭ، މަލްޓިޕަލް އެންޓްރީ އުމްރާ ވިސާއެއް ތައާރަފުކޮށްފިއެވެ.

މި ވިސާގެ ދަށުން ވިސާ ލިބޭ ފަރާތްތަކަށް އެކި ފަހަރު މަތިން ސައޫދީއަށް އެތެރެވުމުގެ ފުރުސަތު ލިބޭއިރު، ޖުމްލަ 90 ދުވަހާ ހަމައަށް އެ ގައުމުގައި މަޑުކުރެވޭނެއެވެ.

މި ފިޔަވަޅަކީ ސަޢޫދީ ވިޝަން 2030 އާއި "ޕިލްގްރިމް އެކްސްޕީރިއަންސް ޕްރޮގްރާމް" ގެ މަގްސަދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޒިޔާރަތްކުރާ ފަރާތްތަކަށް އައުމަށް މަގުފަހިކޮށްދިނުމަށާއި، އުމްރާވެރިންގެ ތަޖުރިބާ މުއްސަނދިކުރުމަށާއި، ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް އެޅި ފިޔަވަޅެކެވެ.

ކޮންމެ ދަތުރަކަށް ވެސް "ނުސުކް" ޕްލެޓްފޯމް މެދުވެރިކޮށް ހުއްދަދެވިފައިވާ ފަރާތަކުން ސާވިސް ޕެކޭޖެއް ގަންނަންޖެހޭނެއެވެ. އަދި މި ޕެކޭޖުގެ މުއްދަތު ވިސާގައި ބާކީ އޮތް ދުވަސްތަކަށްވުރެ އިތުރުވެގެން ނުވާނެއެވެ. މީގެ އިތުރުން، ސައޫދީއަށް އެތެރެވުމުގެ ކުރިން ނުސުކް އެޕްލިކޭޝަން މެދުވެރިކޮށް އުމްރާ ހުއްދަ ހޯދަންޖެހޭނެއެވެ.

ކޮންމެ ފަހަރަކު ގައުމުން ފުރައިގެން ދިއުމުން ވިސާ ޑިއެކްޓިވޭޓް ވާނެއެވެ. އަދި ދެން އަންނަ ދަތުރަކަށް ކަނޑައެޅިފައިވާ ގަވާއިދުތަކަށް ފެތުމުން އަލުން ވިސާ އެކްޓިވޭޓް ވާނެއެވެ. ނަމަވެސް، ހައްޖު މޫސުމުގައި (ޒުލްގައިދާ މަހުގެ 1 އިން ފެށިގެން ޒުލްހިއްޖާ މަހުގެ 13 އަށް) މި ވިސާ އެކްޓިވޭޓެއް ނުކުރެވޭނެއެވެ.

މި ވިސާގެ ސަބަބުން ދަތުރުތައް ރޭވުމުގައި އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށާއި، އުމްރާވެރިޔާގެ މުޅި ދަތުރުގައި ޑިޖިޓަލް އަދި އޮޕަރޭޝަނަލް ހިދުމަތްތައް ފުރިހަމައަށް ގުޅުވާލުމަށް އެހީތެރިވެދޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު