ENGLISH
10 އޭޕްރީލު 2025
ޒިންމާ ނުނަންގަވައި، އަޒަރުބައިޖާންގެ ބޯޓު ވެއްޓުމާ ގުޅިގެން ޕޫޓިން މަޢާފަށް އެދިވަޑައިގެންފި
29 ޑިސެމްބަރު 2024
|
އާޒަރުބައިޖާން އެއަރލައިންސްގެ މަތިންދާބޯޓު މިދިޔަ ބުދަ ދުވަހު ވެއްޓުނީ، ރަޝިޔާގެ ވައިގެ ދިފާއީ ނިޒާމުގެ ޙަމަލާއަކުން ކަމުގެ ތުހުމަތުތައް ކުރެވެމުންދަނިކޮށް، އެ ހާދިސާއާ ގުޅިގެން ރަޝިޔާގެ ރައީސް ލަޑިމިއަރ ޕޫޓިން މަޢާފަށް އެދިވަޑައިގެންފިއެވެ.
ހަތްދިހައަށް ވުރެ ގިނަ މީހުންނާއެކު އަޒަރުބައިޖާން އެއާލައިންސްގެ މަތިންދާބޯޓު ދަތުރު ކުރަމުން ދިޔައީ އަޒަރުބައިޖާންގެ ވެރިރަށް ބާކޫއިން ރަޝިޔާގެ ގްރޮޒްނީއަށެވެ.
ނަމަވެސް، އެ މަތިންދާބޯޓު ވަނީ ކަޒަކިސްތާނުގެ އަކްތައު ސިޓީ ކައިރިއަށް ވެއްޓި، 38 މީހަކު މަރުވެފައެވެ.
މަތިންދާބޯޓު ވެެއްޓުނު ހާދިސާގެ ތަހުޤީޤާ ބެހޭ މަޢުލޫމާތު އެނގޭ މަސްދަރަކުން ބުނީ ތަހުޤީޤަށް ފާހަގަވެފައިވާ ގޮތުގައި މަތިންދާބޯޓު ވަނީ ރަޝިޔާގެ ޕެންޓްސަރ-އެސް ވައިގެ ދިފާއީ ނިޒާމުގެ އަމާޒަކަށް ވެފައެވެ.
އަޒަރުބައިޖާންގެ ލީޑަރު އިލްހާމް އަލިޔޭވް އަށް ފޯނުން ގުޅުއްވައި، މި ހިތާމަވެރި ހާދިސާއާ ގުޅިގެން ޕޫޓިން ވަނީ މަޢާފަށް އެދިވަޑައިގެންފައެވެ. އަދި ބޯޓު ވެއްޓުނު ވަގުތު، ރަޝިޔާގެ ވައިގެ ދިފާއީ ނިޒާމު ހަރަކާތްތެރިވަމުން ދިޔަ ކަމަށް ވެސް ޕޫޓިން ވަނީ ވިދާޅުވެފައެވެ.
ނަމަވެސް، ބޯޓު ވެެއްޓުނީ އެ ނިޒާމުގެ ޙަމަލާއެއް އަމާޒުވެގެން ކަމަށް ޕޫޓިން އެއްބަސްވެވަޑައިގެންފައެއް ނުވެއެވެ.
އެ ފޯނު ކޯލަށްފަހު، އަލިޔޭވްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ބޯޓު ވެއްޓުނީ، ރަޝިޔާގެ ވައިގެ ސަރަޙައްދުގެ ތެރެއިން، ބޭރު ތެރެއިން ކުރިމަތިވި "ޓެކްނިކަލް" މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ.
މިގޮތުން، ބޯޓަށް ލިބިފައިވާ ގެއްލުންތަކާއި ފަސަންޖަރުންގެ ހެކި ބަހުން ވެސް، ބޯޓުގެ ބޭރުން ހުރަސްތަކެއް ކުރިމަތިވިކަން ސާފުވާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
އެއީ ރަޝިޔާއިން ގަސްތުގައި ދިން ޙަމަލާއެއް ކަމަށް ނުބެލެވުނަސް ލިބެން ހުރި މައުލޫމާތަކުން މަތިންދާބޯޓު ވެއްޓުނީ ރަޝިޔާގެ ވައިގެ ދިފާޢީ ނިޒާމުގެ ސަބަބުން ކަމަށް ރަޝިޔާއިން އިޢުތިރާފު ވާން ޖެހޭ ކަމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.