ENGLISH
28 ޖުލައި 2026
ތެޔޮ ބޭރުކުރުމަށް ހުރްމުޒް ކަނޑުއޮޅި ނޫން ގޮތެއް ހޯދުމުގެ މަސައްކަތް ފަށައިފި
19 ޖުލައި 2026
|
އެންމެ މަޤްބޫލު
ތެޔޮ ބޭރުކުރުމަށް ހުރްމުޒް ކަނޑުއޮޅި ނޫން ގޮތެއް ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ދުނިޔޭގެ ތެލުގެ 20 އިންސައްތަ ދަތުރުކުރާ މި ކަނޑުއޮޅީގެ މައްޗަށް އޮތް އީރާނުގެ ބާރު ކުޑަކުރުމަށްޓަކައި ޔޫއޭއީ، ސައުދީ އަރަބިއްޔާ އަދި އިރާގު އިސްވެއޮވެ ވަނީ އައު ތެޔޮހޮޅިތައް އެޅުމުގެ މަސައްކަތް ފަށައިފައެވެ.
އެގޮތުން އިރާގުން ދަނީ ބަސަރާއިން ފެށިގެން އުރުދުން، ސީރިއާ އަދި ތުރުކީއާ ގުޅާލެވޭ 435 މޭލު ދިގު ތެޔޮހޮޅިއެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. މި މަޝްރޫއަށް 1.5 ބިލިއަން ޑޮލަރު ކަނޑައަޅާފައިވާއިރު، މީގެ ސަބަބުން ދުވާލަކު 2.5 މިލިއަން ފީފާ ތެޔޮ ބޭރުކުރެވޭނެއެވެ. ހަމައެހެންމެ، ސައުދީ އަރަބިއްޔާއިންވެސް ދަނީ ރަތްކަނޑާ ހަމައަށް ތެޔޮ ގެންދެވޭ ހޮޅިއެއް އަޅައި އެ ހޮޅިން ދުވާލަކު 9 މިލިއަން ފީފާގެ ތެޔޮ ބޭރުކުރުމަށް މަޝްވަރާކުރަމުންނެވެ. ޔޫއޭއީގެ 'ވެސްޓް-އީސްޓް' ޕައިޕްލައިން މަޝްރޫއުގެ 50 އިންސައްތަ މަސައްކަތް މިހާރު ނިންމާލާފައިވާއިރު ވަލީއަހުދު ޝައިޚް ޚާލިދު ބިން މުޙައްމަދު ބިން ޒައިދު ވަނީ 2027 ވަނަ އަހަރަށް މި މަޝްރޫއު ނިންމުމަށް އަމުރުކުރައްވާފައެވެ. މި މަޝްރޫއު ނިމުމުން ޔޫއޭއީއަށް ދުވާލަކު 3.6 މިލިއަން ފީފާ ތެޔޮ އެއްގަމު މަގުން ބޭރުކުރެވޭނެއެވެ.
ފިނޭންޝަލް ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ ޝެވްރޮން ކުންފުނިން ދަނީ އިރާގުގެ ދެކުނުގެ ތެޔޮވަޅުތަކުން ސީރިޔާ މަގުން މެޑިޓަރޭނިއަންއަށް ތެޔޮ ފޮނުވުމުގެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާ ކުރަމުންނެވެ. މި މަޝްރޫއުގެ ދަށުން އެއް ހޮޅި އިރާގުގެ ދެކުނުން ކިރުކޫކަށް އަދި އަނެއް ހޮޅި ސޫރިޔާގެ ބަނިޔާސް ބަނދަރަށް ގުޅާލެވޭނެއެވެ. ސީރިއާގެ ބަނިޔާސް އަކީ މެދުތެރޭ ކަނޑުގެ އައްސޭރީގައި އޮންނަ، ތެޔޮ ސާފުކުރާ ކާރުހާނާތަކާއި ތެޔޮ ބޭރުކުރާ ޓާމިނަލްތައް ހުރި މުހިންމު ސިޓީއެކެވެ. ނަމަވެސް ފާއިތުވީ އަހަރުތަކުގަައި އެ ސަރަހައްދުގައި ކުރެވުނު ހަނގުރާމަތަކުގެ ސަބަބުން އެ ހޮޅި ވަނީ ބޭނުންނުކުރެވި ހަލާކުވެފައެވެ.
މި މަޝްރޫއުތަކުގެ އިތުރުން، ޔޫއޭއީން ދަނީ އަރަބި ކަނޑަށް ވާގޮތަށް އައު ބަނދަރެއް ތަރައްގީކުރުމަށް ރާވަމުންނެވެ. މިކަމުގެ މަގްސަދަކީ މުދާ އެތެރެކުރުމުގައި ހުރި ހުރަސްތައް ނައްތާލުމެވެ.
މުހައްލިލުން ފާހަގަކުރާ ގޮތުގައި މި ހުރިހާ މަސައްކަތަކާއެކުވެސް ދުނިޔޭގެ ތެލުގެ ބާޒާރަށް އޮތް އީރާނުގެ ނުފޫޒު އެއްކޮށް ކަނޑުވައެއް ނުލެވޭނެއެވެ. ސަބަބަކީ ހުރުމުޒް ކަނޑުއޮޅި މެދުވެރިކޮށް އަދިވެސް ދުވާލަކު 7 މިލިއަނާއި 9 މިލިއަނާ ދެމެދުގެ އަދަދަކަށް ތެޔޮ ބޭރުކުރަން ޖެހޭތީއެވެ. އަނެއްކޮޅުން އެމެރިކާގެ އަމަލުތަކުގެ ސަބަބުން ރަތްކަނޑުގެ މަގުތަކަކީ ވެސް މިހާރު އުޅަނދުފަހަރަށް ރައްކާތެރި މަގުތަކެއްް ނޫނެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 88 ޑޮލަރަށް އަރާފައެވެ.