ENGLISH

17 ޖުލައި 2026

Advertisement

މާލެ ސަރަހައްދުގައި ޕާކިންއަށް 2 އިމާރާތް އެޅުމުގެ މަސައްކަތް މިއަހަަރު ފަށަނީ

17 ޖުލައި 2026

|

އައިމިނަތު ޝަފާ

ފޮޓޯ: ދައުރު

މާލެ ސަރަހައްދުގައި ޕާކިން 2 ބިލްޑިންގް އެޅުމުގެ މަސައްކަތް މިއަހަަރު ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް މިފަދައިން ވިދާޅުވީ "ދަ ޕަލްސް" ޕޮޑްކާސްޓު ސިލްސިލާގެ ހަތަރުވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ޒަމާންވީ ބޮޑެތި މައްސަލަތަކަށް ހައްލެއް ބޭނުންވެފައިވާކަމަށެވެ. މާލޭގެ ތޮއްޖެހުމާއި ވެހިކަލްތަކުގެ މައްސަލައަކީ ވަގުތީ ހައްލެއް ގެނެސްގެން ނިމޭނެކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

"އިރާދަފުޅުކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި މަދުވެގެން ޕާކިންއަށް ހާއްސަ 2 ބިލްޑިން އެލުމުގެ މަސައްކަތް ފަށާނަން. މިކަން އެންމެ ފުރަތަމަ ބެލީ ބޭރުގެ އެހީގައި ކުރެވޭތޯ. ނަމަވެސް އެކަން އެގޮތަށް ގެންދަން މަޑުކުރާކަށް ގަސްދެއް ނުކުރަން. އެހެންވީމަ މާލޭގައި މިއަހަރު 2 ޕާކިން ބިލްޑިން އަޅަން ފަށާނަން، ހުޅުމާލޭގައި ދެތިން ހަތަރު ބިލްޑިންއެއްގެ މަސައްކަތް ފަށައިފި،". ރައީސް ވިދާޅުވިއވެެ. 

ރައީސް ވިދާޅުވީ މި މަސައްކަތުގެ ތެރެއިން ޕާކިންއަށް ހައްލު ލިބިގެންދާނެކަމަށެވެ. 

މާލޭ ބޮޑުތަކުރުފާނު މަގު ޒަމާނީކޮށް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތުގެ ސަބަބުން މާލޭގެ އެތެރޭގެ މަގުތަކުގެ ތޮއްޖެހުމަށް ހައްލު އަންނާނެކަމަށާއި މި މަސައްކަތުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ޢިއްޒުއްދީން ފާލަމުން ފެށިގެން ބާސެލޯ ނަސަންދުރާއާ ހަމައަށް އޮންނަ ސަރަހައްދުގެ މަސައްކަތް ނިންމައި، އަންނަ ހަފުތާގައި މަގު ހުޅުވުމަށް ތައްޔާރުވަމުންގެންދާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

މި މަސައްކަތާ ގުޅުންހުރި އިތުރު ތަފްސީލު ދެއްވަމުން އެމަނިކުފާނު ވަނީ، އެ ސަރަހައްދުގައި 500 ސައިކަލު ޕާކުކުރެވޭނޭ ފަދަ ޕާކިން ސަރަހައްދެއް ކަނޑައަޅުއްވާފައިވާނޭ ކަމަށް ވިދާޅުވެފައެވެ. މިގޮތަށް މި މަގު ހަދައި ނިމުމުން، އެކަމުގެ ފައިދާ ލިބޭނީ ހަމައެކަނި އެ މަގު ބޭނުންކުރާ ފަރާތްތަކަށް ނޫންކަމަށާއި، އެތެރޭގެ މަގުތަކަށް ވެސް ލުއިވެގެންދާނޭކަން، މިހާރު ނިންމައި ބޭނުންކުރާ ސަރަހައްދުގެ ޓްރެފިކް ފްލޯ އިން ސާބިތުކޮށްދޭކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު