ENGLISH

17 ޖުލައި 2026

Advertisement

14 އަހަރަށްފަހު މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ ބޯޓެއް އުފެއްދި ކުންފުންޏާ އަނބުރާ ހަވާލުކޮށްފި

17 ޖުލައި 2026

|

އައިމިނަތު ޝަފާ

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓު ޒަމާނީކޮށް އައު ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، 14 އަހަރަށްފަހު މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ ބޯޓެއް އުފެއްދި ކުންފުންޏާ ހަވާލުކޮށްފިއެވެ. 

މޯލްޑިވިއަނުން ހަވާލުކޮށްފައިވަނީ "ޑީއެޗްސީ-8-300" މަރުކާގެ، ރަޖިސްޓްރީ ނަންބަރު 8Q-IAS (އެމްއެސްއެން 546) ބޯޓެވެ.

މި ބޯޓަކީ 14 އަހަރަށްވުރެ ގިނަ ދުވަހު، 29,000 އަށްވުރެ ގިނަ ފްލައިޓް ގަޑިއާއި 37,000 އަށްވުރެ ގިނަ ސައިކަލް ފުރިހަމަކޮށް، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް ދިވެހި ރައްޔިތުން ގުޅުވައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ބޯޓެއްކަން މޯލްޑިވިއަނުން ފާހަގަކުރެއެވެ.

މޯލްޑިވިއަނުން ބުނީ އެ ކުންފުނީގެ ފްލީޓް ޒަމާނީކުރުމުގެ ސިޔާސަތުގެ ދަށުން، މިހާރު ބޭނުންކުރަމުންދާ ޑޭޝް-8ގެ ބޯޓުތަކުގެ ބަދަލުގައި އައު ޖީލުގެ އޭޓީއާރް މަރުކާގެ ބޯޓުތައް ތައާރަފުކުރަން ފަށާފައިވާކަމަށެވެ. މިއީ ދަތުރުވެރިންނަށް ފަސޭހަ، ދަތުރުފަތުރުގެ ނިޒާމަށް ހަލުއިކަން ގެނެސްދޭނެ، އިތުބާރު ހުރި އަދި ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ބޯޓުތަކެއްކަމަށް އެ ކުންފުނިން ބުންޏެވެ. 

ކެނެޑާއަށް މި ބޯޓު ފުރާފައިވާއިރު، މިއީ ބޯޓު އުފެއްދިތާ 26 އަހަރު ފަހުން، އޭގެ އަސްލު އުފެއްދުންތެރިޔާ ކަމަށްވާ "ޑި ހަވިލޭންޑް ކެނެޑާ" އާ ހަވާލުކުރުމަށް ކުރާ ދަތުރެއް ކަމަށް މޯލްޑިވިއަނުން ފާހަގަކުރެއެވެ.

މޯލްޑިވިއަން އެއާލައިންގެ ފްލީޓުގައި 26 މަތިންދާބޯޓް ހިމެނެއެވެ. އޭގެ ތެރޭގައި އޭޓީއާރް ފަސް ބޯޓާއި އޭ 330 މަތިންދާބޯޓަކާއި އެއާބަސް އޭ 320 އާއި ޑޭޝް މަރުކާރުގެ އަށް ބޯޓާއި 11 ސީޕްލޭނެއްވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު