ENGLISH
17 ޖުލައި 2026
ސިހުރުވެރިޔާ ކޮންމެ ސިހުރެއް ހެދި ނަމަވެސް، ލިޔުއްވައިފައިވާ ކަމެއް މެނުވީ ނުޖެހޭނެ: ހުކުރު ޚުޠުބާ
17 ޖުލައި 2026
|
އެންމެ މަޤްބޫލު
ސިހުރުވެރިޔާ ކޮންމެ ސިހުރެއްހެދި ނަމަވެސް މާތް ﷲ ތިބާއަށް ލިޔުއްވައިފައިވާ ކަމެއް މެނުވީ ނުޖެހޭނޭކަން ޔަޤީންކަމާ އެކު ހިތުގެ އަޑީން ޤަބޫލުކުރާން ޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
"ސިހުރުހާހޫރައިގެ ނުބައިކަން" މި މަޢުޟޫއަށް މުޅި ރާއްޖޭގައި ދިން ޚުޠުބާގައި ބުނީ، ފެންނަ ހުވަފެނެއް ނުވަތަ ގައިގައި އަޅާ ވޭނެއް ނުވަތަ ކުއްޖެއްގެ ނަތީޖާ ދަށްވުމުން ނުވަތަ މީހެއްގެ ކައިވެނި ލަސްވުމުގެ ސަބަބަކީ ސިހުރުގެ ސަބަބުން މެދުވެރިވާ ކަމެއްކަމުގައި ޤަބޫލުކުރުމަކީ މުސްލިމުން ކޮށްގެންވާނޭ ކަމެއް ނޫން ކަމަށެވެ.
"މުސްލިމުންގެ ޢަޤީދާއަކީ ކޮންމެ ނިޢުމަތަކާއި ކޮންމެ މުޞީބާތެއް ޖެހެނީ މާތް ﷲގެ މިންވަރުފުޅުންކަން ގަބޫލުކުރުމެވެ. ފަރުޟު ފަސް ނަމާދު އޭގެ ވަގުތުގައި އަދާކުރުމާއި، ހެނދުނާއި ހަވީރުގެ ޛިކުރުތަކަށް ރައްކާތެރިވުމާއި، ގޭތެރޭގައި ކީރިތި ޤުރްއާން (ޚާއްޞަކޮށް ސޫރަތުލްބަޤަރާ) ކިޔެވުން ގިނަކުރުމަކީ ޝައިޠާނާގެ މަގުތައް ބަންދުވެ، ހިތުގައިވާ ވަހުމުތައް ފިލައިދާ ކަމެކެވެ. ބަލިމަޑުކަމެއް ދިމާވާ އިރު ފުރަތަމަ ވެސް މާތް ﷲގެ މަތީން ހަނދުމަކޮށް، އެކަލާނގެ ޙަޟުރަތުން ރައްކާތެރިކަމަށް އެދުމަކީ މުއުމިނުންގެ ސިފައެކެވެ. ފަރުވާއެއް ހޯދާ ނަމަ، އަހަރެމެން ދާންވީ ސުންނަތުން ސާބިތުވާ ޝަރުޢީ ރުޤުޔާގެ ޞައްޙަ މަގަށެވެ." ޚުޠުބާގައި ބުންޏެވެ.
ޚުޠުބާގައި ބުނީ، ޝަރުޢީ ރުޤުޔާއަކީ ކީރިތި ޤުރްއާނުގެ އާޔަތްތަކާއި، ކީރިތި ރަސޫލާ صلى الله عليه وسلم އަރިހުން ސާބިތުވެފައިވާ ދުޢާތަކާއި ޒިކުރުތައް ބޭނުންކޮށްގެން ކުރެވޭ ފަރުވާއެއް ކަމަށެވެ. މީގެ ތެރޭގައި އެއްވެސް ކަހަލަ ސިއްރު ކިޔެވުމެއް، ނުވަތަ ނޭނގޭ ބަސްތަކެއް ނުވެއެވެ. ޞައްޙަ ގޮތުގައި ރުޤްޔާކުރާ މީހާ، މައިންބަފައިންގެ ނަމެއް ނާހާނެ ކަމަށާއި، ގޮތްނޭނގޭ ފޮތިގަނޑުތަކާއި، ތަވީދުތަކާއި، ކަރުދާސްކޮޅުތައް ގެންގުޅޭކަށް ނުބުނާނެ ކަމަށްވެސް ޚުޠުބާގައި ބުންޏެވެ.
ބައްޔެއްވެގެން ނުވަތަ އަޖުމަބަލައިލުމުގެ ނިޔަތުގައި ނަމަވެސް ސިހުރުވެރިޔެއް ނުވަތަ ކާހިނެއްގެ ގާތަށް ގޮސް ކަމަކު އެދުމާއި ސުވާލުކުރުމާއި އެ މީހުންގެ ބަސް ޤަބޫލުކުރުން ނަހީކުރައްވައިފައިވާ ކަމަށްވެސް ޚުޠުބާގައި ބުންޏެވެ.
"ފަރުވާކުރުމުގެ ނަމުގައި ގެންނަ ސިހުރުވެރީންގެ ސަބަބުން ފަރުދުންނާއި ޢާއިލާތަކާއި މުޖުތަމަޢުގައި ބޮޑެތި ފިތުނަވެރިކަން އުފެދެނީ ކިހައިވަރަކަށް ހެއްޔެވެ؟ މި ފަދަ ކަންކަމަށް ހެއްލި ތިމާގެ އީމާންކަން ފުނޑުފުނޑުކޮށްނުލާށެވެ! މި ފަދަ ބާޠިލު ވަހުމްތަކާއި ޝައްކުތަކުން އަހަރެމެންގެ ހިތްތައް ސަލާމަތްކޮށް، ސިހުރުގެ ނުރައްކަލުން ރައްކާތެރިވުމަށް އޮތް އެންމެ ވަރުގަދަ އައްޑަނައަކީ މާތް ﷲއަށް ފުރިހަމައަށް ވަކީލުކޮށް އެކަލާނގެ ޙަޟުރަތަށް ދުޢާ ދެންނެވުމެވެ." ޚުޠުބާގައި ބުންޏެވެ.
ސިހުރުހެދުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެއް ކަމަށާއި، އަދި އެއީ ޝިރުކުގެ ޢަމަލެއްކަން ހަނދާންކޮށްދެމުން ޚުޠުބާގައި ބުނީ، ސިހުރުވެރިޔާ، ކޮންމެ ކަމެއްގައިމެ ޝައިޠާނާއަށް ކިޔަމަންވުމަށް އޭނާއާ އެކު ޢަހުދުކަށަވަރު ހިފައިފުމަށް ދާންދެން ސިހުރުވެރިއަކަށް ނުވެވޭނެ ކަމަށެވެ.
ޖުނުބުވެރިކަމުން ހިނައިނުގަނެ ދިގު މުއްދަތަކަށް ހުރުމަށާއި، ފަޅު ތަންތަނަށް ނުވަތަ ކުނިބުންޏާއި ނަޖިސް ތަންތަނަށް ގޮސް، އެ ތަންތަނުގައި ގިނަ ވަގުތު ހޭދަކުރުމަށް ޝައިޠާނާ އޭނާއަށް އަމުރުކުރާ ކަމަށާއި، އަދި ކީރިތި ޤުރްއާނަށް އިހާނެތިކޮށްހިތުމަށާއި، ވުޟޫއާ ނުލައި ނަމާދުކުރުމަށް އަމުރުކުރާ ކަމަށްވެސް ޚުޠުބާގައި ބުންޏެވެ.
"ޖިންނިޝައިޠާނުންގެ ނަމުގައި ކަތިލައި، ޖިންނިޝައިޠާނުންގެ އެހީއަށް އެދި، އެ ނޫން ވެސް ބޮޑެތި ފާފަތަކަށް އަރައިގަނެ، އިސްލާމް ދީނުން ބޭރުވެގެން މެނުވީ ސިހުރުވެރިޔާއަށް އޭނާގެ ސިހުރު ފުރިހަމައެއް ނުކުރެވެއެވެ. މި ސަބަބަށް ޓަކައި، ސިހުރުވެރިޔާގެ ކާފިރުކަމާއި، ނުބައިކަން ބޮޑުވެ، މާތް ﷲއާއި އެކަލާނގެ ރަސޫލާއަށާއި މުއުމިން އަޅުންނަށް ހުރި ޢަދާވާތްތެރިކަން ބޮޑުވިވަރަކަށް، އޭނާގެ ސިހުރު ބާރުގަދަވެފައި މާ އަވަހަށް އަސަރުކުރެއެވެ." ޚުޠުބާގައި ބުންޏެވެ.
ސިހުރު ނުހެދި ނަމަވެސް އެ އުނގެނި އުނގަންނައިދިނުމަކީ ވެސް މީހާ ކުފުރުވާވަރުގެ ބޮޑު ފާފައެއް ކަމަށްވެސް ޚުޠުބާގައި ބުންޏެވެ.
ޚުޠުބާ ނިންމާލަމުންވަނީ، މާތް ﷲ ފިޔަވައި އެހެން ފަރާތަކަށް ކަތިލުމަކަށް ނުވަތަ ދީނުގެ އަދަބާ ޚިލާފު އެއްވެސް ކަމެއް ކުރުމަކަށް ނޭދޭނެކަން ހަނދާންކޮށްދެމުން، މި ފަދަ ކަންކަމަކީ ސިހުރުވެރީން ކުރާ ކަންކަމަށްވުމާއެކު އެ ފަދަ ކަންތަކަށް ތަބާނުވުމަށް އިލްތިމާސްކޮށްފައެވެ.