ENGLISH
17 ޖުލައި 2026
އަހަރެމެން މިހިސާބަށް އައީ ބަޔަކު އެހީތެރިވެދީގެނެއް ނޫން: މެސީ
17 ޖުލައި 2026
|
ވޯލްޑް ކަޕުގައި އިންގްލެންޑާ ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗަށްފަހު ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލަށް އާޖެންޓީނާ ދަތުރުކުރީ އެއްވެސް ބަޔަކު އެހީތެރިވެދީގެނެއް ނޫން ކަމަށާއި، އެކަން ހާސިލްކުރެވުނީ ހުރިހާ ކުޅުންތެރިން އެކަމަށްޓަކައި ގަދައަޅާ ކުރި ބުރަ މަސައްކަތްތަކުގެ ސަބަބުން ކަމަށް އެ ޓީމުގެ ކެޕްޓަން، ލިއޮނަލް މެސީ ބުނެފިއެވެ.
ފީފާ އިން އާޖެންޓީނާ އަށް ވަކި ގޮތްތަކެއް ފަހިކޮށްދޭ ކަމަށް ތަފާތު އެކި ފަރާތްތަކުން ކުރަމުންދާ ތުހުމަތުތަކާ ގުޅޭގޮތުން ވާހަކަ ދައްކަމުން މެސީ ބުނީ، އާޖެންޓީނާ އަށް މެޗުތަކުގެ ފަހު ވަގުތުގައި ނަތީޖާ އަނބުރާލެވިފައިވަނީ އެއީ ޗެމްޕިއަނުންގެ ކިބައިގައި ހުންނަ ޤާބިލްކަން އެ ޓީމަށް ލިބިފައިވުމުން ކަމަށެވެ.
މީގެތެރޭގައި، އެންމެ ފަހުން މުބާރާތުގެ ސެމީ ފައިނަލުގައި އިންގްލެންޑްގެ މައްޗަށް ފަހަތުންއަރައި 2-1 އިން ކުރިހޯދީ މެޗުވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން، އެ މެޗުގައި 85 ވަނަ މިނެޓާ ހަމައަށް 1-0 އިން އިނގިރޭސީން ކުރީގައި އޮއްވައި، ފަހު ވަގުތު ދެ ގޯލު ޖަހައިގެން އާޖެންޓީނާއިން ވަނީ ފައިނަލަށް ދަތުރުކޮށްފައެވެ.
މި މުބާރާތުގައި މީގެ ކުރިން އާޖެންޓީނާ ވަނީ ކާބޯ ވާޑޭ އާއި ސްވިޒަލޭންޑް އަތުން އިތުރު ވަގުތުގައި މޮޅުވެފައެވެ. އަދި މިސްރާ ދެކޮޅަށް ކުޅުނު މެޗުގައި 2-0 އިން ބަލިވާން ދަނިކޮށް، ފަހު 11 މިނެޓުގެ ތެރޭގައި ތިން ގޯލު ޖަހައި 3-2 އިން ވަނީ މޮޅުވެފައެވެ.
ނަމަވެސް، ސްވިޒަލޭންޑާއި މިސްރުގެ ކޯޗުން ވަނީ މި މެޗުތަކުގައި ރެފްރީންގެ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. މިސްރުގެ ކޯޗު ހުސާމް ހަސަން ބުނި ގޮތުގައި، އޭނާގެ ޓީމު ބަލިވީ މެސީ އާއި އާޖެންޓީނާއަށް ފުޓްބޯޅަ އިދާރާތަކުން ކުރާ ތާއީދުގެ ސަބަބުންނެވެ.
ވޯލްޑް ކަޕުގައި އިންގްލެންޑާއި އާޖެންޓީނާ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
މި ފާޑުކިޔުންތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް ސަޕޯޓަރުން ބުނަމުންދަނީ ފީފާ ވޯލްޑް ކަޕްގެ ގުރުއަތުލުންވެސް އޮތީ އާޖެންޓީނާއަށް ފަހިވާ ގޮތަށް ކަމަށާއި، ފީފާއިން ބޭނުންވަނީ އަނެއްކާވެސް އާޖެންޓީނާ ޗެމްޕިއަނަކަށް ހަދަން ކަމަށެވެ. ނަމަވެސް މި ވާހަކަތަކަށް މެސީ ވަނީ ރަނގަޅު ރައްދެއް ދީފައެވެ.
މެސީ ބުނީ، ވޭތުވެދިޔަ ހަތަރު އަހަރު ދުވަހު އެންމެ މޮޅު ޓީމަކީ އާޖެންޓީނާ ކަމަށާއި، ކޮންމެ މީހަކު ކޮންމެ ވާހަކައެއް ދެއްކިކަމުގައިވިޔަސް އެއީ ޙަޤީޤަތް ކަމަށެވެ.
"އަހަރެމެން މިވަނީ އަނެއްކާވެސް ދުނިޔޭގެ އެންމެ މޮޅު ދެ ޓީމުގެ ތެރޭގައި ހިމެނިފައި. މިއިން އެނގެނީ އަހަރެމެން ކުރި މަސައްކަތަކީ އިއްތިފާގެއް ނޫންކަމާއި، އަހަރެމެންނަށް އެއްވެސް ކަމެއް ބަޔަކު ކޮށްދީފައި ނުވާކަން." މެސީ ބުންޏެވެ.
ސްވިޒަލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި އާޖެންޓީނާގެ ލެއަންޑްރޯ ޕަރޭޑޭސް ކުރި ފައުލަކަށް ސްވިޒަލޭންޑްގެ ބްރީލް އެމްބޯލޯއަށް ރެފްރީ ދެއްކި ރަތް ކާޑާ ގުޅިގެންވެސް ފާޑުކިޔުންތައް އަމާޒުވިއެވެ.
ވޯލްޑް ކަޕުގައި އިންގްލެންޑާއި އާޖެންޓީނާ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
އެ މެޗުގެ ހާދިސާގައި ވީޑިއޯއިން ފެންނަ ގޮތުގައި ޕަރޭޑޭސްގެ ގައިގައި ޖެހުމުގެ ކުރިން އެމްބޯލޯ ވެއްޓުނު ނަމަވެސް، ރެފްރީ ނިންމީ އޭނާ ޑައިވް ކުރީ ކަމަށެވެ. އޭގެކުރީން، އޭނާ އަށް ރީނދޫ ކާޑެއް ދައްކާފައި އޮތުމުން ދެން ދެއްކީ ރަތް ކާޑެކެވެ.
މިކަމާ ގުޅިގެން ސްވިޒަލޭންޑްގެ ކޯޗު މުރާތު ޔަކިން ބުނީ، އެއީ ބަލައިގަނެވޭނެ ނިންމުމެއް ނޫން ކަމަށެވެ. ހަމައެފަދައިން މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަނުންވެސް ވަނީ އާޖެންޓީނާއާ ދެކޮޅަށް އެ ޓީމު ކުޅުނު މެޗުގައި އިންސާފުން ބޭރުން ކަންތައްތައް ހިނގާފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ހުރިހާ ވާހަކަތަކަކަށް އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ މީގެ ކުރިން މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. އޭނާ ނޫސްވެރިން ގާތު ބުނެފައިވަނީ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކަށް މާ ބޮޑަށް ސަމާލުކަން ނުދިނުމަށެވެ. ނަމަވެސް ސެމީގައި އިންގްލެންޑް ބަލިކުރުމަށްފަހު މެސީ ވަނީ ޓީމުގެ ދިފާއުގައި ވާހަކަ ދައްކާފައެވެ.
"ޖެހިޖެހިގެން ދެ ވޯލްޑް ކަޕް ފައިނަލަށް ދިއުމަކީ މަދު ޓީމަކަށް ނޫނީ ނުކުރެވޭނެ ކަމެއް. އަހަރެމެން މި މެޗުން ބަލިވިނަމަ، ބައެއް މީހުން ތާކުންތާކު ނުޖެހޭ ވާހަކަތައް ދައްކަން ނުކުތީސް. އެކަމަކު އެ ފުރުސަތެއް އަހަރެމެން އެމީހުންނަކަށް ނުދެން،" މެސީ ބުންޏެވެ.
ވޯލްޑް ކަޕުގައި އިންގްލެންޑް ކޮޅަށް ލަނޑުޖެހުމަށްފަހު އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒް އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ
މުބާރާތުގެ ސެމީގައި ދެ ޓީމު ބައްދަލުކުރި މި މެޗަކީ އާޖެންޓީނާ އާއި އިނގިރޭސިވިލާތުގެ ދެމެދުގައި އޮންނަ ސިޔާސީ ހަމަނުޖެހުންތަކާވެސް ގުޅިފައިވާ މެޗެކެވެ. ހާއްސަކޮށް ފޯކްލޭންޑް އައިލެންޑްސް (އާޖެންޓީނާއިން ކިޔާ ގޮތުން ނަމަ މަލްވީނަސް) ގެ މިލްކުވެރިކަމާ ބެހޭ ގޮތުންނެވެ. މިހެން މިކަން އޮއްވައި، މެޗަށްފަހު އާޖެންޓީނާގެ ކުޅުންތެރިން "މަލްވީނަސްއަކީ އާޖެންޓީނާގެ ތަނެއް" ކަމަށް ލިޔެފައިވާ ބެނާއަކާއެކު އުފާފާޅުކުރުމުން، އިނގިރޭސި ސަރުކާރުން ވަނީ އެކަން ތަހުގީގުކުރުމަށް ފީފާއަށް ގޮވާލާފައެވެ.
އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި އާޖެންޓީނާގެ މިޑްފީލްޑަރު، އެންޒޯ ފެނާންޑޭޒް ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރީވެސް ފާޑުކިޔާ މީހުންނަށް ރައްދެއް ދިނުމުގެ ގޮތުންނެވެ. އޭނާ ބުނި ގޮތުގައި އެއީ ލިބުނު އުފަލާއި ކުރިމަތިވި ފިއްތުންތަކުގެ ބަދަލުގައި ކުރި ކަމެކެވެ.
އާޖެންޓީނާގެ ކޯޗު ސްކަލޯނީ ބުނީ، "އެހީތެރިކަން" ލިބޭ ކަމަށް ދެކެވޭ ވާހަކަތަކަކީ އަބަދުވެސް ދެކެވޭނެ ވާހަކަތަކެއް ކަމަށާއި، ވީއޭއާރު އޮތް ޒަމާނެއްގައި އެފަދަ އެހީތެރިކަމެއް ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
މުބާރާތުގެ ފައިނަލުގައި ސްޕެއިނާ ދެކޮޅަށް އާޖެންޓީނާ ކުޅޭ މެޗު އޮންނާނީ މި މަހުގެ 20 ވާ ހޯމަ ދުވަހު ރާއްޖެގަޑިން މެންދަމުން 12 ޖަހާއިރުއެވެ.