ENGLISH

17 ޖުލައި 2026

Advertisement

ޗައިނާ ފަތުރުވެރިންގެ އަދަދު 190،000 އަށްވުރެ މައްޗަށް!

17 ޖުލައި 2026

|

އައިމިނަތު ޝަފާ

މިއަހަރު ޗައިނާއިން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 190،000 އަށްވުރެ މައްޗަށް އަރައިފިއެވެ. 

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1،155،017 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އޭގެ ތެރެއިން ޗައިނާއިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 190،016 އަށް އަރައެެވެ. 

ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ރަޝިއާއިން ރާއްޖެއަށް 164،067 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މީގެ އިތުރުން 91،574 ފަތުރުވެރިންނާއެކު ތިން ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިނގިރޭސިވިލާތުންނެވެ. މިލިސްޓުގައި ދެން ހިމެނެނީ އިޓަލީ، ޖަރުމަނުވިލާތް، އިންޑިއާ، ފަރަންސޭސިވިލާތް، އެމެރިކާ، އޮސްޓްރޭލިއާ އަދި ސްވިޒަލޭންޑެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 820،284 ފަތުރުވެރިން އައިސްފައިވަނީ ރިސޯޓުތަކަށެވެ. 258،538 ފަތުރުވެރިން ގެސްޓްހައުސްތަކަށް ގޮސްފައިވާއިރު، ހޮޓެލްތަކަށް 27،050 ފަތުރުވެރިން ވަނީ ގޮސްފައެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ އެކު އެ ސަރަހައްދުގެ ވައިގެ މަގުތައް ބަންދުވެ، ބައިނަލްއަގުވާމީ ދަތުރުފަތުރަށް ބުރޫއަރާ، ދިމާވި އެތައް ގޮންޖެހުންތަކަކާ އެކުވެސް، މިދިޔަ އަހަރާ ދާދި އެއް މުއްދަތެއްގެ ތެރޭގައި ރާއްޖެއިން ވަނީ އެއް މިލިއަން ފަތުރުވެރިންގެ ލަނޑުދަނޑިއަށް ވާސިލުވެފައެވެ. 

ހަނގުރާމައާ ގުޅިގެން ވައިގެ ދަތުރުފަތުރަށް ކުރިމަތިވި ހުރަސްތަކާ ގުޅިގެން، ވިޒިޓް މޯލްޑިވްސްއިން ވަނީ އިންޑިއާއި، ޗައިނާ އަދި ރަޝިއާ ފަދަ މާކެޓުތަކަށް ހާއްސަ ސަމާލުކަމެއްދީ، އައު މާކެޓުތައް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

މި ދަތި އުނދަގޫ ހާލަތުގައިވެސް އެއް މިލިއަން ފަތުރުވެރިންގެ ލަނޑުދަނޑިއަށް ވާސިލުވުމަކީ ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއެކު ވެސް ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި މި ސިނާއަތުގެ އެންމެހާ ފަރާތްތަކުން ގުޅިގެން ކުރެވޭ މަސައްކަތްތަކުގެ ކާމިޔާބީ ރަމްޒުކޮށްދޭކަމެއްކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ބުންޏެވެ.  

ކިޔުންތެރިންގެ ހިޔާލު