ENGLISH
17 ޖުލައި 2026
އިސްދޫ ކަލައިދޫގައި އަޅާ އެއާޕޯޓުގެ ފައިދާ މުޅި އަތޮޅަށް ކުރާނެ
17 ޖުލައި 2026
|
ލ. އިސްދޫ
އެންމެ މަޤްބޫލު
ހައްދުންމަތީގެ ދެވަނަ އެއާޕޯޓު އިސްދޫ ކަލައިދޫގައި ތަރައްގީކުރުމުން އެކަމުގެ ފައިދާ މުޅި އަތޮޅުގެ ރައްޔިތުންނަށް ކުރާނެކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މާވަށު ދާއިރާގެ މެމްބަރު އަހުމަދު ޝާކިރު ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގައެވެ.
ވަޒީރު ވިދާޅުވީ އެއާޕޯޓެއް އަޅާއިރުގައި ވަށައިގެން އޮންނަ އާބާދީއަކަށާއި އެތަނެއްގެ އިޤްތިޞާދީ ކުރިއެރުމަށާއި އެތަނެއްގައި ޓޫރިޒަމް ތަރައްޤީކުރުމަށް ހުރި ފުރުސަތުތަކަށް ބަލާނެކަމަށެވެ. ގޮތަށް ބަލާއިރު އިސްދޫ ކަލައިދޫއަކީ އާބާދީގެގޮތުވެސް ބޮޑު އަދި އިގްތިސާދީ ނަފާވެސް ލިބޭނެ ސަރަހައްދަކަށް ވުމުން އިސްދޫ ކަލައިދޫގައި އެއާޕޯޓް ތަރައްގީކުރުމަށް ސަރުކާރުން ނިންމީކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑު ހަނދާންވަނީ ހަތަރު ވަނައަށް އެންމެ ބޮޑު ރަށޭ އިސްދޫ ކަލައިދޫއަކީ. އެހެންވީމާ، އެހާބޮޑު ރަށެއްގައި، އާބާދީ ތަރައްގީ އެއްފަސްކުރުމުގެ ފުރުސަތު އޮތް ރަށެއްގައި އަދި އެހާބޮޑު އިގްތިސާދީ ކަންތައްތައް ކުރުމުގެ ފުރުސަތު އޮތް ތަނެއްގައި އަދި ޓޫރިޒަމުގެ ގޮތުން ބަލާކަމުގައި ވާނަމަ އަޅުގަނޑަށް ހީވަނީ އިއްޒަތްތެރި މެންބަރަށް ވެސް އެނގިވަޑައިގަންނަވާނެ ވަރަށް ރީތި ސަރަހައްދެއް އެއީ ޓޫރިޒަމް ގެންދާ ކަމުގައި ވާނަމަ. އެހެންވީމާ، އެގޮތުން ސަރުކާރުން، ސަރުކާރުގެ ހުރިހާ ކަމަކަށް ބައްލަވާފައި ނިންމީ ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް އަޅާ ކަމުގައި ވާނަމަ އެ އެއާޕޯޓެއް އެޅުމަށް އެންމެ ރަނގަޅު ތަނަކީ އިސްދޫ ކަލައިދޫކަން،". ވަޒީރު ވިދާޅުވިއެވެ.
ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް ތަރައްގީކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައި އެ އަތޮޅު މާވަށަށް ކުރެއްވި ދަތުރުފުޅުގައި، އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ، ލ. އަތޮޅުގެ ދަތުރުގައި އެންމެ ގިނައިން ދެކެވުނީ އެއާޕޯޓުގެ ވާހަކަ ކަމަށެވެ. އެގޮތުން، ތިން ރަށަކުން އެކަމަށް އެދެމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެއާޕޯޓު ތަރައްގީކުރުމުގައި އިސްކަންދޭނީ ދެމެހެއްޓެނިވި ތަރައްގީއަށްކަމަށެވެ.
"މިރަށުގައި ތަފާތު ކަމަކީ އެއާޕޯޓެއް އަޅާއިރު، ބިން ހިއްކަން ހަރަދުކުރަން ނުޖެހޭ، ބިން ނުހިއްކާ އެކަން ކުރެވޭނެ. އެއީ ފާހަގަކޮށްލަންޖެހޭ ވަރަށް މުހިއްމު ނުކުތާއެއް،" ރައީސް ވިދާޅުވިއެވެ.
އިސްދޫ ކަލައިދޫ އިން ކައްދޫއަށް ދާން 40 މިނެޓްގެ ދަތުރެއް ކުރަންޖެހެއެވެ. އިސްދޫ ކަލައިދޫގައި އަޅާ އެއާޕޯޓުގެ ސަބަބުން އެ އަތޮޅުގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ސަރުކާރުން ދެކެެއެވެ.