ENGLISH

15 ޖުލައި 2026

Advertisement

މާޒީގައި ހިނގައިދިޔަ ކަންކަމަށްވުރެ ބޮޑަށް އިންގްލެންޑުން ސަމާލުކަންދޭނީ މެޗަށް: ޓުޗެލް

15 ޖުލައި 2026

|

މުޙައްމަދު އަދުހަމް

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންގްލެންޑްގެ ކޯޗު ޓުޗެލް --ފޮޓޯ: ގެޓީ

ފީފާ ވޯލްޑް ކަޕް 2026 ގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިރޭ އާޖެންޓީނާއާ ދެކޮޅަށް ނިކުތުމަށް އިންގްލެންޑުން ތައްޔާރުވަމުންދާއިރު، މާޒީގައި ދެ ޓީމުގެ ތާރީޚާ ގުޅުންހުރި ކަންކަމަށްވުރެ ބޮޑަށް ސަމާލުކަންދޭނީ ސީދާ މެޗަށް ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އިންގްލެންޑްގެ ކޯޗު ޓުޗެލް ބުނީ، އިންގްލެންޑާއި އާޖެންޓީނާގެ މެދުގައި އޮތް ވާދަވެރިކަމާއި ތާރީޚީ ކަންކަމަށް އޭނާގެ ކުޅުންތެރިން ސަމާލުކަން ނުދޭނެ ކަމަށާއި، މި މެޗަކީ އޭގެ ޒާތުގައި ވަރަށް މުހިންމު މެޗެއްގެ ގޮތުގައި ބަލައިގަނެގެން ތައްޔާރީތައް ކުރިއަށްގެންގޮސްފައިވާ ކަމަށެވެ.

ޓުޗެލް ބުނީ މާޒީގައި ހިނގައިދިޔަ ކަންކަމަކީ ސީދާ މިރޭގެ މެޗާ ގުޅުމެއް ނެތް ކަންކަމުގައި ބުނެވިދާނެ ކަމަށެވެ.

"އަހަރެންނަށް ހީވަނީ ދެ ޓީމުގެ ކުޅުންތެރިންނަށްވެސް އެނގޭނެހެން ވާދަވެރިކަމާއި މާޒީގެ ކުރިމަތިލުންތަކުގައި ވެފައި ހުރި ގޮތް. މެޗުގެ މުހިއްމުކަންވެސް އެމީހުންނަށް އެނގޭނެ." ޓުޗެލް ބުންޏެވެ.

ޓުޗެލް ބުނީ މާޒީގައި ދެ ޓީމުގެ ކުރިމަތިލުންތަކުގެ ވާދަވެރިކަމާއި، ތަފާތު އެކި ހާދިސާތައް ހިނގާފައިވުމުން ދޭހަކޮށްދެނީ އެއީ އާދައިގެ ފުޓްބޯޅަ މެޗެއްގެ ގޮތުގައި ނުބެލެވޭނެކަން ކަމަށެވެ.

"އެހެންނަމަވެސް، ކޯޗެއްގެ ހައިސިއްޔަތުން އަހަރެމެން ކުރާ ކަމަކީ، އަހަރެމެންގެ ބާރު ފޯރުވޭނެ ކަންކަމަށް ސަމާލުކަން ދިނުން. އަހަރެމެން، މާޒީގެ ތާރީޚީ ހާދިސާތަކާ ބެހޭގޮތަކުން ވާހަކައެއް ނުދައްކަން. މި މެޗަކީ އޭގެ ޒާތުގައި ވެސް ވަރަށް ބޮޑު އަދި އެހާމެ ސަމާލުކަން ލިބިފައިވާ މެޗެއް." ޓުޗެލް ފާހަގަކުރިއެވެ.

ޓުޗެލްގެ ވާހަކައިގައިވަނީ، އަމިއްލަ ފަސްގަނޑުގައި ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން، ވޭތުވެދިޔަ 60 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ފައިނަލަށް ދިއުމަށް އިންގްލެންޑުން އަމާޒު ހިފާފައިވާއިރު، ތާރީޚީ ގޮތުން ކުރިމަތިވެފައިވާ މި އޮތް ޕްރެޝަރާއި ގުޅިގެން އުނދަގޫތަކެއް ކުރިމަތިވެދާނެ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ.

"އަހަރެން އެއްވެސް ބުރައެއް އިހުސާސެއް ނުކުރަން. މި މެޗުގައި ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ހުންނާނެ. އެއީ މިފަދަ މެޗުތަކުގައި އާދައިގެ ކަމެއް،" ޓުޗެލް ބުންޏެވެ.

އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީ އަށް ތައުރީފުކުރަމުން ދެއްކި ވާހަކައިގައި ޓުޗެލް ބުނީ، މެޗެއްގައި މެސީ އަށް ބޯޅަ ލިބިއްޖެނަމަ އެހާ ހިސާބުން އޭނާގެ ބާރުގެ ދަށަށް މެޗުގެ ހުރިހާ ކަމެއް ދާ ކަމަށެވެ. މެސީ އަކީ އަދިވެސް އެންމެ މަތީ ލެވެލްގައި ކުޅޭ ކުޅުންތެރިއަކަށްވުމުން ގިނަ ކަންތައްތަކާ ސަމާލުވާން ޖެހޭނެ ކަމަށް ޓުޗެލް ބުންޏެވެ.

ޓުޗެލްގެ ވާހަކަ ނިންމާލަމުން ބުނީ، އޭނާއަށް އިންގްލެންޑުން ފެންނަނީ ގޮންޖެހުންތަކަށް ކުރިމަތިލާން ތައްޔާރަށް ތިބި ކުޅުންތެރިންތަކެއް ކަމަށާއި، ވޭތުވެދިޔަ ތާނގާއި ފެނުނު ފަދަ ވާދަވެރިކަމާއެކު އާޖެންޓީނާ މެޗަށް ނިކުތުމަށްވެސް އެ ކުޅުންތެރިން ތިބީ ކެތްމަދުވެފައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު