ENGLISH

15 ޖުލައި 2026

Advertisement

އާޖެންޓީނާ އާއި އިންގްލެންޑް ބައްދަލުކުރާ މެޗުގެ ކުރިން ފުލުހުންގެ އިލްތިމާސެއް

15 ޖުލައި 2026

|

ޙުސައިން މަޚްތޫމް

ވޯލްޑް ކަޕުގައި އާޖެންޓީނާ ކުޅުނު މެޗެއް ބެލުމަށް ސަޕޯޓަރުން ސްކްރީނެއް ކައިރީގައި އެއްވެފައި - ފޮޓޯ: އެމްއެމްޓީވީ

ފީފާ ވޯލްޑް ކަޕް 2026 ގެ ސެމީ ފައިނަލުގައި އާޖެންޓީނާ އާއި އިންގްލެންޑް ބައްދަލުކުރާ މެޗަށްފަހު ސަޕޯޓަރުން އުފާފާޅުކުރުމުގައި އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމުކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ. 

ދިވެހި ފުލުހުންގެ ޚިދުމަތުން ނެރުނު އާންމު އިލްތިމާސްގައި ބުނެފައިވަނީ މިރޭ އާޖެންޓީނާ އާއި އިންގްލެންޑް ބައްދަލުކުރާ ފޯރިގަދަ މެޗު ބަލަން ސަޕޯޓަރުން ތައްޔާރުވަމުންދާއިރު، އުފާފާޅުކުރުމުގައި އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމުކުރުމަށާއި، އަމާންކަން ގެއްލިދާނެ އެއްވެސްކަމެއް ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. 

އަދި ދަންވަރުގެ ވަގުތުތަކަކީ ގިނަ ރައްޔިތުން އަރާމުކުރާ ވަގުތުތަކަކަށް ވުމާއެކު، އާންމު މަގުތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އަޑުގަދަކުރުމާއި، ބާރަށް ލަވަޖެހުމާއި، އުޅަނދުފަހަރުގެ ބަރުގޮނު އެޅުން ފަދަ، އެހެންމީހުންނަށް އުނދަގޫވާނޭ ކަންކަމުން ދުރުހެލިވުމަށް ހަނދާންކޮށްދޭ ކަމަށެވެ.

މީގެ އިތުރުން އާންމު ސަރަހައްދުތަކުގައި ބަހައްޓާފައިވާ ސްކްރީންތަކުން މެޗު ބަލާއިރު، މަގު ބޭނުންކުރާ އެހެނިހެން ފަރާތްތަކަށް ދަތިވާނެހެން ސައިކަލުތައް މަޑުކޮށްގެން ނުތިބުމަށާއި، މެޗު ނިމުމަށްފަހު ބައިބަޔަށް އެއްވުމާއި، ސައިކަލު ބުރު ޖެހުން ފަދަ ކަންކަން ނުކުރުމަށް ދަންނަވާ ކަމަށެވެ. މިފަދަ ހަރަކާތްތަކުގެ ސަބަބުން އަވައްޓެރިންނަށް އުނދަގޫވެ، މަގު ބޭނުންކުރާ އެހެންމީހުންނަށް ދަތިތަކާ ކުރިމަތިވެދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އެހެންކަމުން މެޗުގެ ފޯރީގައި ބައިވެރިވާއިރު، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި އަވައްޓެރިންގެ ހައްގުތަކަށް އިސްކަންދިނުމަށް އިލްތިމާސްކޮށްފައިވެއެވެ.

އާޖެންޓީނާ އާއި އިންގްލެންޑް ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މެންދަމު 12 ޖަހާއިރުއެވެ.

ކިޔުންތެރިންގެ ހިޔާލު