ENGLISH
10 އޭޕްރީލު 2025
އަޒަރުބައިޖާންގެ ބޯޓު ވެއްޓުނީ ރަޝިޔާގެ ދިފާއީ ނިޒާމުގެ ވައިގެ ޙަމަލާއެއްގައި ކަމަށް ބުނެފި
28 ޑިސެމްބަރު 2024
|
އަޒަރުބައިޖާން އެއަރލައިންސްގެ މަތިންދާބޯޓު މިދިޔަ ބުދަ ދުވަހު ވެއްޓުނީ، ރަޝިޔާގެ ވައިގެ ދިފާއީ ނިޒާމުގެ ޙަމަލާއަކުން ކަމަށް ބެލެވޭ ކަމަށް ބައެއް މަސްދަރުތަކުން ބުނެފިއެވެ.
ހަތްދިހައަށް ވުރެ ގިނަ މީހުންނާއެކު އަޒަރުބައިޖާން އެއާލައިންސްގެ މަތިންދާބޯޓު ދަތުރު ކުރަމުން ދިޔައީ އަޒަރުބައިޖާންގެ ވެރިރަށް ބާކޫއިން ރަޝިޔާގެ ގްރޮޒްނީއަށެވެ.
ނަމަވެސް، އެ މަތިންދާބޯޓު ވަނީ ކަޒަކިސްތާނުގެ އަކްތައު ސިޓީ ކައިރިއަށް ވެއްޓި، 38 މީހަކު ވަނީ މަރުވެފައެވެ.
މަތިންދާބޯޓު ވެެއްޓުނު ހާދިސާގެ ތަހުޤީޤާ ބެހޭ މަޢުލޫމާތު އެނގޭ މަސްދަރަކުން ބުނީ ތަހުޤީޤަށް ފާހަގަވެފައިވާ ގޮތުގައި މަތިންދާބޯޓު ވަނީ ރަޝިޔާގެ ޕެންޓްސަރ-އެސް ވައިގެ ދިފާއީ ނިޒާމުގެ އަމާޒަކަށް ވެފައެވެ.
ގްރޮޒްނީއަށް ދަތުރުކުރަމުން ދިޔަ ވަގުތު ރަޝިޔާގެ ވައިގެ ދިފާޢީ ނިޒާމުން ބޯޓުގެ ހުރިހާ މުވާސަލާތީ ގުޅުމެއް ކަނޑާލި ކަމަށް އޭނާ ބުނެއެވެ. އެއީ ރަޝިޔާއިން ގަސްތުގައި ދިން ޙަމަލާއެއް ކަމަށް ނުބެލެވުނަސް ލިބެން ހުރި މައުލޫމާތަކުން މަތިންދާބޯޓު ވެއްޓުނީ ރަޝިޔާގެ ވައިގެ ދިފާޢީ ނިޒާމުގެ ސަބަބުން ކަމަށް ރަޝިޔާއިން އިއުތިރާފު ވާން ޖެހޭ ކަމަށް އޭނާ ބުނެއެވެ.
އަޒަރުބައިޖާންގެ މަތިންދާބޯޓު ވެއްޓުމާ ގުޅޭގޮތުން ރަޝިޔާގެ ދިފާޢީ ވުޒާރާގެ ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ. ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިނުން ބުނީ ހާދިސާ ތަހުޤީޤު ކުރަމުންދާ ކަމަށާއި ތަހުޤީޤު ނިމުމުގެ ކުރިން ވަކި އެއްޗެއް ބުނުން ރަނގަޅު ނޫން ކަމަށެވެ.