ENGLISH

10 އޭޕްރީލު 2025

Advertisement

ޣައްޒާގައި ހުރި ހަމައެކަނި ހޮސްޕިޓަލަށް އިޒްރޭލު ސިފައިން ވަދެގަނެ، ހުޅު ޖަހައިފި

28 ޑިސެމްބަރު 2024

|

ހަސަން އާމިރު

ފަލަސްތީނުގެ ޣައްޒާގެ ދެކުނުގައި ހުރި ހަމައެކަނި ހޮސްޕިޓަލަށް އިޒްރޭލު ސިފައިން ގަދަބާރުން ވަދެގަނެ، އެތަނުގައި ތިބި ބަލި މީހުން ނުކުންނަން މަޖުބޫރުކޮށް، ބޮޑު ބައެއްގައި ހުޅުޖަހައިފިއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނީ، ޣައްޒާގެ ކަމާލް އަދުވާނީ ހޮޕިސްޓަލަށް ޔަހޫދީ ފައުޖުން ވަދެގަނެ، އެ ތަނުގައި ތިބި ބަލި މީހުން ނެރެ، ހޮސްޕިޓަލުގެ ބޮޑު ބައެއްގައި ހުޅުޖަހާފައިވާ ކަމަށެވެ.

އެ ތަނުގައި ތިބި މުވައްޒަފުންނާ ނުގުޅޭތީ، ބަލި މީހުންގެ ޙާލަތު ދެނެގަނެވިފައިނުވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

"އިސްތިޢުމާރީ ފައުޖުތައް މިހާރު ތިބީ ހޮސްޕިޓަލް ތެރޭގައި. އެ މީހުން ދަނީ ހޮސްޕިޓަލުގެ އެކި ތަންތަނުގައި ހުޅު ޖަހަމުން،" މިނިސްޓްރީގެ ޑިރެކްޓަރު މުނީރު އަލް ބުރުޝް ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.

އާންމު އުޞޫލުގެ ދަށުން، އިޒްރޭލުގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ، ޙަމާސް ޖަމާޢަތުގެ ހަނގުރާމަވެރިންނާ ދެކޮޅަށް ކަމާލް އަދުވާނީ ހޮސްޕިޓަލުގައި އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށެވެ.

ޙަމާސް ޖަމާޢަތުގެ ހަނގުރާމަވެރިން ނައްތާލުމުގެ ނަމުގައި އިޒްރޭލު ސިފައިން ދަނީ ޣައްޒާގެ ސިއްޙީ މަރުކަޒުތަކާއި، ގެދޮރު ގެއްލިފައިވާ މީހުން ހިމާޔަތް ހޯދައިތިބި ވަގުތީ ހިޔާތަކަށް ވެސް މެދުކެނޑުމެއްނެތި ޙަމަލާތައް އަމާޒުކުރަމުންނެވެ.

އިޒްރޭލު ސިފައިން ވަދެގަނެ، ސަރޖަރީ ޑިޕާޓްމަންޓާއި، އެމްބިޔުލަންސް ޔުނިޓު އަދި ބޭސް ގުދަނުގައި ހުޅުޖެހުމުގެ ސަބަބުން، ހޮސްޕިޓަލުގެ ޚިދުމަތްތައް އެކީގައި ހުއްޓިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

އަދި އެ އަލިފާނުގައި ޖަނަރޭޓަރުތަކަށް ގެއްލުންވެ، ހޮސްޕިޓަލުގައި މި ވަގުތު ކަރަންޓު ނެތް ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.

ޣައްޒާގެ ހޮސްޕިޓަލަށް އިޒްރޭލުން ދިން ޙަމަލާ، ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯ އިން ވެސް ވަނީ ކުށްވެރިކޮށްފައެވެ. އެ ޖަމްޢިއްޔާ އިން ބުނީ، އިޒްރޭލުން ގަސްދުގައި، ރާވައިގެން، ޣައްޒާގެ ސިއްޙީ މަރުކަޒުތަކަށް ގެއްލުން ދެމުންދާ ކަމަށެވެ.

ޣައްޒާއަށް ޔަހޫދީ ފައުޖުން ޙަމަލާތައް ދެމުން އަންނަތާ 14 މަސް ދުވަސް ވެފައިވާއިރު، އެ ޙަމަލާތަކުގައި ފަލަސްތީނުގެ މައުސޫމް 45،000 މީހަކު ވަނީ ޝަހީދުވެފައެވެ. އަދި ޣައްޒާ އިސްތިޢުމާރުކޮށް އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޖަރީމާތަކުގެ ސަބަބުން، ޣައްޒާގައި ދިރިއުޅޭ 2.3 މިލިއަން މީހުންނަށް ވަނީ ކާބޯތަކެއްޗާއި ބޭސްފަރުވާ ނުލިބި، ޙާލުގައި ޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު