ENGLISH

12 ޖުލައި 2026

Advertisement

ބެލިންހަމްގެ ދެ ލަނޑާއެކު ނޯވޭ ކަޓުވާލައި، އިންގްލެންޑް ސެމީއަށް

12 ޖުލައި 2026

|

އިސްމާއިލް ޝާހު

ވޯލްޑް ކަޕުގައި ނޯވޭ ކޮޅަށް ލަނޑު ޖެހުމަށްފަހު އިންގްލެންޑުގެ ބެލިންހަމް އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ

ފީފާ ވޯލްޑް ކަޕް 2026 ގެ ކުއާޓާ ފައިނަލް މެޗުގަ ފަހަތުން އަރައި ނޯވޭގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރިހޯދައި، މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ އިންގްލެންޑުން ކަށަވަރުކޮށްފިއެވެ.

ނޯވޭއިން ފުރަތަމަ ފަހަރަށް ވާދަކުރި ކުއާޓާ ފައިނަލް މެޗުގައި އަންޑްރެސް ޝެލްޑްރަޕް ލަނޑެއް ޖަހައި އެ ޓީމަށް ހައިރާންކުރުވަނިވި ކުރިެރުމެއް ހޯދައިދިނެވެ. ނަމަވެސް މުބާރާތުގެ ގަދަ 16 ގައި މެކްސިކޯއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ދެ ލަނޑު ކާމިޔާބުކުރި ޖޫޑް ބެލިންހަމް، ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް ހިތްގައިމު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނެވެ.

މެޗުގެ ފަހު ހާފުގައި ނޯވޭއިން ދެވަނަ ލަނޑެއް ޖެހި ނަމަވެސް، އާލިން ހާލަންޑް ފައުލްކުރި ކަމަށް ނިންމައި ވީޑީއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން އެ ލަނޑު ބަލައިނުގަތުމަށް ނިންމިއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވަރުވެފައި އޮތުމުން މެޗު އިތުރު ވަގުތުގެ ދެ ހާފަށް ދެމިގެންދިޔައިރު، ފުރަތަމަ ހާފުގައި ނޯވޭގެ ގޯލްކީޕަރު އޯޔާން ނައިލޭންޑަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ބެލިންހަމް ވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މިއީ މި މުބާރާތުގައި އޭނާ ޖެހި ހަވަނަ ލަނޑެވެ.

މި މޮޅާއެކު، ފާއިތުވި 60 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ފައިނަލަށް ދިޔުމަށްޓަކައި، އަންނަ ބުދަ ދުވަހު އިނގިރޭސިން ނުކުންނާނީ އާޖެންޓީނާ ނުވަތަ ސްވިޒަލެންޑާ ދެކޮޅަށެވެ.

ވޯލްޑް ކަޕުގައި އިންގްލެންޑް ކޮޅަށް ލަނޑު ޖެހުމަށްފަހު ނޯވޭގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ

ނޯވޭއަށް ކުޅުނު އެންމެ ފަހުގެ 14 މެޗުގައި މެދުނުކެނޑި ލަނޑު ޖަހަމުން އައި ހާލަންޑުގެ އެ ރިކޯޑަށް މި މެޗުގައި ވަނީ ނިމުން އައިސްފައެވެ. އޭނާ އުފަންވި ޤައުމާ ދެކޮޅަށް ކުޅުނު މި މެޗުގައި ބޮޑަށް ވަރުބަލިވެފައި ހުރުމުން، އިތުރު ވަގުތުގެ ފުރަތަމަ ހާފަށްފަހު އޭނާ ވަނީ ބަދަލުކޮށްފައެވެ.

1966 ވަނަ އަހަރުގެ ފައިނަލް މެޗަށްފަހު، ވޯލްޑް ކަޕުގެ ނޮކްއައުޓް މަރުހަލާގައި އިދިކޮޅު ޓީމުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް މެޗުން މޮޅުވުމުގެ ރިކޯޑެއް އިނގިރޭސިންގެ ނެތް ނަމަވެސް، މި މުބާރާތުގައި އެ ޓީމުން މިވަނީ އެކަން ދެ ފަހަރަށް ތަކުރާރުކޮށްފައެވެ. މީގެ ކުރިން ދެވަނަ ބުރުގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ އަތުން ބަލިވެ ކަޓައިގެން ދާން ދަނިކޮށް ސަލާމަތްވީ ހެރީ ކޭންގެ ހިތްވަރުގަދަ ކުޅުމުންނެވެ. އަދި ފާއިތުވި ދެ މެޗުގައިވެސް އިނގިރޭސިން މުބާރާތުގައި ދެމިއޮތުމުގެ އަސްލަކީ ބެލިންހަމްގެ މޮޅު ކުޅުމެވެ.

އެމެރިކާގެ މަޔާމީ ސްޓޭޑިއަމުގައި ކުޅުނު މެޗު ފެށިއިރު، ހޫނުމިން ހުރީ 30 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތީގައެވެ. މި ހޫނުގެ ސަބަބުން ކުޅުންތެރިންނަށް ވަރަށް ބޮޑަށް ދަތިތަކާ ކުރިމަތިވިއެވެ. ފުރަތަމަ ހާފުގައި އިނގިރޭސި ޓީމަށް ނޯވޭގެ ފަރާތުން ނުރައްކާ ކުރިމަތިވިއިރު، މާޓިން އޮޑެގާޑް ފޮނުވާލި ބޯޅައެއް ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ ދިފާއުކޮށްފައެވެ. އަދި އެލެގްޒެންޑާ ސޯލޮތަށް ލިބުނު ރަނުގެ ފުރުސަތެއްގެ ބޭނުން އޭނާއަށް ހިފިފައެއް ނުވެއެވެ.

ވޯލްޑް ކަޕުގައި އިންގްލެންޑާއި ނޯވޭ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

އިނގިރޭސި ޓީމު އުނދަގޫ ހާލަތެއްގައި އޮއްވައި، އަނެއްކާވެސް ބެލިންހަމް އެ ޓީމު ސަލާމަތްކޮށްދިނެވެ. އެންތަނީ ގޯޑަން ދިން ބޯޅައެއް ހިފައިގެން އޭރިއާ ތެރެއަށް ވަދެ، ބެލިންހަމް ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އިނގިރޭސިން އިތުރު ލަނޑެއް ޖެހި ނަމަވެސް، ހެރީ ކޭން އެ ވަގުތު ހުރީ އޮފްސައިޑުގައެވެ.

ދެވަނަ ހާފުގައި ކޯޗު ތޯމަސް ޓުޗެލް ވަނީ ބުކާޔޯ ސަކާ އާއި އެބެރެޗީ އެޒޭ ކުޅެން ނެރެފައެވެ. ނަމަވެސް މި ބަދަލުތަކާއެކު މެދުތެރެއިން އިނގިރޭސި ޓީމު ކޮންމެވެސް ވަރަކަށް ބަލިކަށިވިކަން ފާހަގަކުރެވުނެވެ. މި ދަނޑިވަޅުގައި ނޯވޭއިން ލަނޑެއް ޖެހި ނަމަވެސް، ކޯނަރެއް ނެގުމުގެ ކުރިން ހާލަންޑް އިދިކޮޅު ކުޅުންތެރިއަކަށް ފައުލްކުރުމާ ގުޅިގެން އެ ލަނޑު ބަލައިނުގަތުމަށް ރެފުރީ ނިންމިއެވެ. އަދި ނޯވޭގެ ކްރިސްޓޮފާ އަޔާ ފޮނުވާލި ބޯޅައެއް ގޯލުގެ ދަނޑީގައި ޖެހި ބޭރުވުމުން އެ ޓީމަށް މޮޅުވުމުގެ ފުރުސަތު ގެއްލުނެވެ.

އިތުރު ވަގުތުގެ ތެރޭގައި އިނގިރޭސިންނަށް ކުރިލިބުނީ މޯގަން ރޮޖާސް ފޮނުވާލި ބޯޅައެއް ނޯވޭގެ ކީޕަރު ނައިލޭންޑް އަތުން ދޫވުމުން، ބެލިންހަމް އެ ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ. މެޗުގެ ފަހުކޮޅު އިނގިރޭސިންނަށް ޕެނަލްޓީއެއް ދިން ނަމަވެސް، ވީއޭއާރް ބެލުމަށްފަހު އެއީ ޕެނަލްޓީއެއް ނޫން ކަމަށް ނިންމިއެވެ.

ކިޔުންތެރިންގެ ހިޔާލު