ENGLISH
12 ޖުލައި 2026
ވިމްބަލްޑަންގެ އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ނޮސްކޯވާއަށް
11 ޖުލައި 2026
|
ވިމްބަލްޑަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ޓްރޮފީއާއެކު ލިންޑާ ނޮސްކޯވާ --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
ކަރޮލީނާ މުޗޯވާގެ މައްޗަށް 2-1 ސެޓުން ކުރި ހޯދައި، ވިމްބަލްޑަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ޓްރޮފީ ފުރަތަމަ ފަހަރަށް ލިންޑާ ނޮސްކޯވާ އުފުލާލައިފިއެވެ. މި ފަހަރުގެ މުބާރާތުގެ ފައިނަލުގައި ޗެކިއާގެ ދެ ކުޅުންތެރިން ވާދަކުރިއިރު، ފައިނަލް މެޗުގެ ސެޓުތައް ނޮސްކޯވާ ގެންދިޔައީ 6-2، 5-7 އަދި 6-3 އިންނެވެ.
މި ކާމިޔާބީއާއެކު ނޮސްކޯވާ ވެފައިވަނީ ފާއިތުވި ހަތަރު އަހަރު ތެރޭގައި ވިމްބަލްޑަން ތަށި އުފުލާލި ޗެކިއާގެ ތިންވަނަ އަންހެން ކުޅުންތެރިޔާއަށެވެ.
މުބާރާތް ކާމިޔާބުކުރުމަށްފަހު ނޮސްކޯވާ ބުނީ ވިމްބަލްޑަންގެ ޓްރޮފީގައި ހިފަހައްޓާނެ ގޮތެއްވެސް ނޭނގޭ ކަމަށާއި، މިއީ އޭނާއަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މުބާރާތުގެ ހުރިހާ މެޗުތަކަކީވެސް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވަރަށް ބުރަ މެޗުތަކެއްކަން އޭނާ ފާހަގަކުރިއެވެ. މުޗޯވާއާ މުޚާތަބުކޮށް އޭނާ ބުނީ މިއީ ދެ އެކުވެރިންގެ ދެމެދުގައި ކުޅެވުނު ތާރީޚީ މެޗެއް ކަމަށާއި، ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް މިއީ ޗެކިއާގެ ސަޕޯޓަރުން ފަޚުރުވެރިވާނެ ދުވަހެއް ކަމަށެވެ.
ވިމްބަލްޑަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސްގެ ފައިނަލް މެޗުގެ ތެރެއިން ލިންޑާ ނޮސްކޯވާ --- ފޮޓޯ: ރޮއިޓަރސް
މިރޭ ކުޅުނު މެޗުގެ ކުރީކޮޅު ނޮސްކޯވާގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔައިރު، އޭނާ ވަނީ ފުރަތަމަ ސެޓު ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެވެ. ނަމަވެސް ދެވަނަ ސެޓުގައި މުޗޯވާ އޭނާގެ ކުޅުން ވަރުގަދަކޮށް، މި ސެޓު ގެންދިޔައެވެ.
އެކަމަކު ފަހު ސެޓުގައި ނޮސްކޯވާ އަލުން ހަމައަކަށް އެޅި، މެޗުގެ ކޮންޓްރޯލް ހޯދިއެވެ. އަދި ހަވަނަ މެޗު ޕޮއިންޓް ކާމިޔާބުކޮށް، މުބާރާތުގެ ޗެމްޕިއަންކަން ވަނީ ހޯދާފައެވެ. މިއީ މުޗޯވާ ގްރޭންޑް ސްލޭމް ފައިނަލެއްގައި ބަލިވި ދެވަނަ ފަހަރެވެ.
މެޗަށްފަހު ވާހަކަދައްކަމުން މުޗޯވާ ވަނީ އޭނާގެ އާއިލާއާއި ރަހުމަތްތެރިން ދިން އެއްބާރުލުމަށް ޝުކުރު އަދާކޮށް، އަދިވެސް އިތުރު ކާމިޔާބީތައް ހޯދުމަށް މަސައްކަތްކުރާނެ ކަމަށް ބުނެފައެވެ.