ENGLISH
12 ޖުލައި 2026
ކްލަސިކް: ބީސީސީ، ކްެރިމިނަލް ކޯޓު، ބިނާރާ އަދި އެވްސެކް ސެމީއަށް
12 ޖުލައި 2026
|
ކްލަސިކުގައި ބީސީސީ އާއި ހުޅުމާލެ ހޮސްޕިޓަލް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
އެންމެ މަޤްބޫލު
ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގައި ހިމެނޭ ކްލަސިލް 2026 ގެ ސެމީ ފައިނަލަށް ކުލަބު ބީސީސީ، ކުލަބު ކްރިމިނަލް ކޯޓު (ސީއާރްސީ)، އެންމެ ފަހުގެ ރަނަރަޕް ކުލަބު ބިނާރާ އަދި ކުލަބު އެވްސެކް ދަތުރުކޮށްފިއެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ސެމީއަށް ބީސީސީ ދަތުރުކުރީ މިރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން ހުޅުމާލެ ހޮސްޕިޓަލް ބަލިކުރުމަށްފަހުއެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވަނީ 3-3 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެއާއެކު ޕެނަލްޓީ ޝޫޓްއައުޓުގައި 4-2 ގެ ނަތީޖާއަކުން ބީސީސީ ވަނީ ކުރިހޯދާފައެވެ.
މި މެޗުގައި ބީސީސީގެ ލަނޑުތައް ޖަހައިދިނީ އަޙްމަދު މިކްޔާލް މުއީން، އަބްދުލް ރަހުމާން ސާމީ އަބްދުލް ރަހީމް އަދި އަބްދުﷲ ލޫތު އިބްރާހީމެވެ. ހުޅުމާލެ ހޮސްޕިޓަލްގެ އަޙްމަދު ފައްޔާޒް ފައިސަލް ދެ ލަނޑު ކާމިޔާބުކުރިއިރު، އަނެއް ލަނޑު ޖަހައިދިނީ ހަސަން ނާއިފެވެ.
ޕެނަލްޓީ ޝޫޓްއައުޓުގައި ހުޅުމާލެ ހޮސްޕިޓަލުގެ ނާއިފް އަދި އިސްމާޢީލް އަރީޝް ޕެނަލްޓީތައް ކާމިޔާބުކުރި ނަމަވެސް، ފައްޔާޒް އަދި އިބްރާހީމް ސޯލިހުގެ ޕެނަލްޓީތައް ކާމިޔާބުވެފައެއް ނުވެއެވެ. އަދި ބީސީސީގެ މުޙައްމަދު އާއިޝް މުސްތަފާގެ ޕެނަލްޓީ ކާމިޔާބުނުވި ނަމަވެސް، އެ ޓީމުގެ ލޫތު، މުޙައްމަދު އިމާން އަޙްމަދު، ސާމީ އަދި މުޙައްމަދު ނިހާލް ނަޝީިދު ވަނީ ޕެނަލްޓީތައް ކާމިޔާބުކޮށްފައެވެ.
މި މުބާރާތުގެ ސެމީއަށް ކްރިމިނަލް ކޯޓު ދަތުރުކުރީ މިރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން ވިޒިޓް މޯލްޑިވްސް ކުލަބު ބަލިކުރުމަށްފަހުއެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެއާއެކު ޕެނަލްޓީ ޝޫޓްއައުޓުގައި 4-3 ގެ ނަތީޖާއަކުން ކްރިމިނަލް ކޯޓު ވަނީ ކުރިހޯދާފައެވެ.
މި މެޗުގައި އިސްމަޢީލް ރާއިދު ރިޔާޒުގެ ލަނޑުން ވިޒިޓް މޯލްޑިވްސްއިން ލީޑު ނެގި ނަމަވެސް، ފަހު ވަގުތު މުޙައްމަދު ހައްސާން އަޙްމަދު ވަނީ ކްރިމިނަލް ކޯޓަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
ޕެނަލްޓީ ޝޫޓްއައުޓުގައި ވިޒިޓް މޯލްޑިވްސްގެ ރާއިދު، އަޙްމަދު ސާއިން ސިއްދީގު އަދި މުޙައްމަދު އަލީފް ޕެނަލްޓީތައް ކާމިޔާބުކުރި ނަމަވެސް، އަބްދުލް ޝަކޫރު އަބްދުލް ސައްތާރު އަދި އަޙްމަދު ސާއިމްގެ ޕެނަލްޓީތައް ކާމިޔާބުވެފައެއް ނުވެއެވެ. އެކަމަކު ކްރިމިނަލް ކޯޓުގެ ހަތަރު ޕެނަލްޓީވެސް ކާމިޔާބުކުރިއިރު، މި ޕެނަލްޓީތައް ޖަހައިދިނީ ޔައިޝް މުސްތަފާ، މުޙައްމަދު ޝާއިފް ޝާމިރު، ހައްސާން އަދި އަލީ ޝާޒް ހިލްމީއެވެ.
ކްލަސިކުގައި ބިނާރާ އާއި އެމްއީޑީޓީޓީ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
މީގެ އިތުރުން މި މުބާރާތުގެ ސެމީއަށް ބިނާރާ ދަތުރުކުރީ މިރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި އިޤުތިޞާދީި ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާ (އެމްއީޑީޓީޓީ) އަތުން ފަސޭހަކަމާއެކު 7-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
މި މެޗުގައި ބިނާރާގެ އިސްމަޢީލް އަޒުހާން ހެޓްރިކެއް ހެދިއިރު، އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ ޖަޒްލާން ޖައުފަރު، އަޙްމަދު ރުވާއު، މުޙައްމަދު މިންވާލް އަދި މުޙައްމަދު ޝަފްރާޒެވެ. މި މެޗުގައި އެމްއީޑީޓީޓީން ކާމިޔާބުކުރި ދެ ލަނޑުވެސް ޖަހައިދިނީ އިރުފާން އާދަމް ނަސީރެވެ.
މި މުބާރާތުގެ ސެމީއަށް އެވްސެކް ދަތުރުކުރީ މިރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ ބަލިކުރުމަށްފަހުއެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވަނީ 3-3 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެއާއެކު ޕެނަލްޓީ ޝޫޓްއައުޓުގައި 5-4 ގެ ނަތީޖާއަކުން އެވްސެކް ވަނީ ކުރިހޯދާފައެވެ.
މި މެޗުގައި އެވްސެކުގެ އިބްރާހީމް ޒިޔާން ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ތައުމީން ނޫހެވެ. ކުޅިވަރާ ބެހޭ ވުޒާރާގެ އާލިމް އަބްދުލް ގައްޔޫމް ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑު ކާމިޔާބުކޮށްދީފައިވަނީ މުޙައްމަދު ސާޖިދެވެ.
ޕެނަލްޓީ ޝޫޓްއައުޓުގައި ކުޅިވަރާ ބެހޭ ވުޒާރާގެ އިބްރާހީމް ސިމާހު، އަޙްމަދު އަޝްފާން، ސާމް އަބްދުﷲ އަދި އާލިމް ޕެނަލްޓީތައް ކާމިޔާބުކުރި ނަމަވެސް، ސާޖިދުގެ ޕެނަލްޓީ ކާމިޔާބުވެފައެއް ނުވެއެވެ. އެކަމަކު އެވްސެކުން ފަސް ޕެނަލްޓީވެސް ކާމިޔާބުކުރިއިރު، މި ޕެނަލްޓީތައް ޖަހައިދިނީ ޒިޔާން، އީމާން އިލްޔާސް، އާދަމް މާހިލް، ތައުމީން އަދި ޝުޖާއު ހުސައިނެވެ.
މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅޭނީ އަންނަ ބުދަ ދުވަހުގެރެއެވެ.