ENGLISH
11 ޖުލައި 2026
2027 އިން 2029 ވަނަ އަހަރަށް ލަފާކުރާ ބޭސްލައިން ބަޖެޓުގެ މަސައްކަތް ފަށައިފި
11 ޖުލައި 2026
|
އެންމެ މަޤްބޫލު
ދެހާސް ހަތާވީހުން ދެހާސް ނަވާވީސް ވަނަ އަހަރަށް ލަފާކުރާ ބޭސްލައިން ބަޖެޓުގެ މަސައްކަތް ފަށައިފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ދައުލަތުގެ މާލިއްޔަތު ގާނޫނުގެ ހަތަރު ވަނަ ބާބުގެ ދަށުން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިސަސް، ދައުލަތުގެ އަހަރީ ބަޖެޓް ތައްޔާރުކޮށް، ބަޖެޓް އެކުލަވާލެވޭ މާލީ އަހަރު ފެށުމުގެ ދެ މަސް ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭ ކަމަށެވެ.
ބޭސްލައިން ބަޖެޓަކީ އިދާރާތަކުން މިހާރު ކުރިއަށްގެންދާ ނުވަތަ ހިންގަމުންދާ ހަރަކާތްތަކާއި މަޝްރޫއުތައް މިހާރު ކުރިއަށްގެންދާ ފެންވަރު ނުވަތަ ސްކޯޕުގައި ކުރިއަށް ގެންދިއުމަށްޓަކައި ހިނގާނެ ކަމަށް ލަފާކުރެވޭ ހަރަދުތަކުގެ މައްޗަށް އެކުލަވާލެވޭ ބަޖެޓެކެވެ. މީގެ ތެރޭގައި އަލަށް ފެށުމަށް ރާވާ ހަރަކާތްތަކާއި، މަޝްރޫއުތަކާއި، އިތުރަށް ހޯދަން ބޭނުންވާ ހިދުމަތާއި ތަކެއްޗާއި، އަދި އަލަށް ނަގަން ގަސްތުކުރާ މުވައްޒަފުންނަށް ބޭނުންވާ ބަޖެޓް ނުހިމެނޭނެއެވެ.
ބޭސްލައިން ބަޖެޓް ތައްޔާރުކުރަންވާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާފައިވާ ބަޖެޓް ސީލިންއަށްވުރެ ބޮޑު ނުވާނެހެން އަދި ބަޖެޓުގެ އަމާޒުތައް ހާސިލުޔކުރެވޭނެ ގޮތަށް ހަރަކާތްތަކާއި މަޝްރޫއުތައް ހިމަނައިގެން ކަމަށް މިނިސްޓްރީން ބުނެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ 2027 އިން 2029 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރާއިރު، ބޭސްލައިން ބަޖެޓް ހުށަހަޅާނީ އެސްއޭޕީބީސީ މޮޑިއުލް މެދުވެރިކޮށް ކަމަށެވެ. އަދި ސިސްޓަމުން ބޭސްލައިން ބަޖެޓް އެކުލަވާލާނެ ގޮތުގެ މައުލޫމާތު މިހާރު ފެންނަންން ހުންނާނެ ކަމަށެވެ.
ބޭސްލައިން ބަޖެޓް ހުށަހަޅާއިރު، އިތުރު މައުލޫމާތުގެ ގޮތުގައި އިދާރާގެ މުސާރައިގެ ބަޖެޓުގެ ތަފްސީލާއި، އިދާރާގެ ހަރަދުތަކުގެ ކޮސްޓިންގ ތަފްސީލާއި، އަދި އޮފީހުގެ ބަޖެޓް ސްޓޭޓްމަންޓު ވެސް އީމެއިން މެދުވެރިކޮށް ހުށަހަޅަންވާނެ ކަމަށެވެ. މީގެ އިތުރުން ޕާފޯމަންސް ބޭސްޑް ބަޖެޓު އެކުލަވާލުމަށްޓަކައި ބަޖެޓުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކުގެ މައުލޫމާތު މިނިސްޓްރީއިން އަންގާ ގޮތެއްގެ މަތިން ފޮނުވަންވާނެ ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ. އަދި ބޭސްލައިން ބަޖެޓާއެކު މި މައުލޫމާތުތައް ތައްޔާރުކުރުމަށްފަހު ހުށަނާޅާ އިދާރާތަކުގެ ބޭސްލައިން ބަޖެޓް ހުށަހެޅިކަމުގައި ނުބެލެވޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ފިނޭންސް މިނިސްޓްރީން އަންގާފައިވަނީ ބަޖެޓުގެ އަމާޒުތަކާއި ސަރުކާރުން ކަނޑައަޅާފައިވާ މުހިންމު ލަނޑުދަނޑިތައް ހާސިލްކުރުމަށް، 2027 އިން 2029 ވަނަ އަހަރަށް ލަފާކުރާ މެދުރާސްތާ ބަޖެޓުގައި ހިމެނުމަށް ހުށަހަޅާ ބޭސްލައިން ބަޖެޓު އަންނަ މަހުގެ 20 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށެވެ.