ENGLISH

11 ޖުލައި 2026

Advertisement

ޕީއެންސީގެ އިންތިހާބު؛ ޕާޓީގެ އިސްވެރިން ވޯޓުލުމުގެ ކަންކަން ބައްލަވާލައްވައިފި

11 ޖުލައި 2026

|

ޝިފްޒާން އަޙްމަދު

ޕީއެންސީގެ ލީޑަރުން އިންތިހާބުގެ ވޯޓުލުން ކުރިއަށްދާ ތަންތަން ބައްލަވައިލައްވަނީ، ފޮޓޯ: ޕީއެންސީ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ސްޓިއަރިން ކޮމިޓީތަކާއި ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާ މަރުކަޒުތަކަށް އެ ޕާޓީގެ އިސްވެރިން ޒިޔާރަތްކުރައްވައި އިންތިހާބުގެ ކަންކަން ކުރިއަށްދާ ގޮތް ބައްލަވައިލައްވައިފިއެވެ. 

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއާއި ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިނގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް ފަލާޙުވަނީ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާ މަރުކަޒުތަކަށް ޒިޔާރަތްކުރައްވާފައެވެ. 

އެ ބޭފުޅުންގެ އިތުރަށް ޕާޓީގެ ނައިބުލީޑަރުންނާއި ޕާޓީގެ އިސް މަގާމުތައް އަދާކުރައްވާ އެހެނިހެން ބޭފުޅުންވެސް އިންތިހާބުގެ ވޯޓުލުން ކުރިއަށްދާ މަރުކަޒުތަކަށް ޒިޔާރަތްކުރައްވާފައިވެއެވެ. އަދި ބައެއް ބޭފުޅުން އިންތިހާބުގައި ވޯޓު ދެއްވާފަައިވެއެވެ. އެގޮތުން ޕީޖީ ލީޑަރު ފަލާހުވެސް ވޯޓު ލައްވާފައިވެއެވެ. 

މިއަދުގެ އިންތިހާބުގެ ވޯޓުލުން 131 ރަށުގައި ކުރިއަށްދާނެކަމަށާއި، މި އިންތިހާބުގައި 2،000 އަށްވުރެ ގިނަ މަގާމަށް ބޭފުޅުން އިންތިހާބުކުރުމަށް ހަމަޖެހިފައިވާކަމަށް ޕީއެންސީން ބުނެފައިވެއެވެ. 

މިއީ މިހާތަނަށް ރާއްޖޭގެ ޕާޓީއެއްގެ އެތެރޭގެ އެންމެ ގިނަ މަގާމަށް މީހުން އިންތިހާބުކުރުމަށް ބާއްވާ އިންތިހާބެވެ. އަދި މި އިންތިހާބަށްފަހު އަންނަ އޮކްޓޯބަރު މަހުގައި އެ ޕާޓީގެ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. 

މި އިންތިހާބުގައި ސްޓިއަރިން ކޮމިޓީތަކުގެ ރައީސުންނާއި ނައިބުރައީސުންނާއި މެންބަރުން އިންތިހާބުކުރުމުގެ އިތުރަށް، ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީގެ މެންބަރަކު ތަމްސީލުނުކުރައްވާ ދާއިރާތަކުގެ ދާއިރާ ރައީސުންނާއި، މަޖިލީހުގައި ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ތަމްސީލުކުރައްވާ ދާއިރާތަކުން ދާއިރާތަކުގެ ނައިބުރައީސުން އިންތިހާބުކުރުމަށް ހަމަޖެހިފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު