ENGLISH

11 ޖުލައި 2026

Advertisement

މި އަހަރުގެ މިހާތަނަށް ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް 1.2 ބިލިއަން ރުފިޔާ ޖަމާކޮށްފި

11 ޖުލައި 2026

|

ޝިފްޒާން އަޙްމަދު

ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވޭ

މި އަހަރުގެ މިހާތަނަަށް ސޮވެރިން ޑިވެލޮޕްމެންޓު ފަންްޑަށް 1.2 ބިލިއަން ރުފިޔާ ޖަމާކޮށްފިއެވެ. 

ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު 2017 ވަނަ އަހަރު ގާއިމުކުރީ ދައުލަތުން ނަގާ ދަރަނީގެ ބުރަ އަންނާން ހުރި ޖީލުތަކަށް ވާރުތަވިޔަނުދީ، އެ ދަރަނި އަދާކުރެވޭނެ އިންތިޒާމެއް ގާއިމުކުރުމުގެ ގޮތުންނެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދަތުރުކުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނަގާ ފައިސާގެ ވަކި މިންވަރެއް އެ ފަންޑަށް ކޮންމެ މަހަކު ޖަމާކުރެއެވެ. 

2018 ވަނަ އަހަރުގެ ނިޔަލަށް ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި ބޭރު ފައިސާއިން 200 މިލިއަންް ޑޮލަރާ ގާތްކުރާ އަދަދަށް ފައިސާ ރައްކާކުރެވިފައި ހުއްޓެވެ. ނަމަވެސް 2019 ވަނަ އަހަރު ފިނޭންސް މިނިސްޓްރީއާއި މަރުކަޒީ ބޭންކުގެ މެދުގައި ގާއިމުކުރި އެއްބަސްވުމެއްގެ ދަށުން އެ ފަންޑުގައި ހުރި ބޭރުފައިސާ މާރުކުރެވޭ ގޮތަށް ހަމަޖެއްސިއެވެ. 

އަދި ކޮވިޑް-19ގެ އާލަމީ ވަބާގެ ސަބަބުން އިގުތިސާދު ހީނަރުވެ ބޭރުފައިސާއިން އާމްދަނީ ލިބުން ހުއްޓުނު ދަނޑިވަޅުގައި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި ހުރި ފައިސާގެ ބޮޑު އިންސައްތައެއް ދިވެހި ރުފިޔާއަށް މާރުކުރިއެވެ. 

2023 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި ހުރީ ދެ މިލިއަން ޑޮލަރެވެ. އެ ދުވަހުން ފެށިގެން އަހަރުން އަހަރަށް ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް ޖަމާކުރާ ބޭރު ފައިސާ އިތުރުކުރުމަށް ސަރުކާރުން މަސައްކަތް ފެށިއެވެ. 

ނަތީޖާއެއްގެ ގޮތުން 2026 ވަނަ އަހަރުގެ އޭޕްރީލު މަހުގައި ދައްކަންޖެހުނު 500 މިލިއަން ޑޮލަރުގެ ސުކޫކު ޕޭމެންޓުގެ ބޮޑު ބައެއް އަދާކުރީ އޭގެ ކުރީ ދޮޅުއަހަރެއްހައި ދުވަހު ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް ޖަމާކޮށް ރައްކާކުރި ފައިސާއިންނެވެ. 

މި އަހަރުގެ މިހާތަނަށް އެސްޑީއެފްއަށް 1.2 ބިލިއަން ޑޮލަރު ޖަމާކޮށްފައިވާއިރު، ނިމުނު އަހަރުގެ އެ މުއްދަތުގައި އެ ފަންޑަށް ޖަމާކޮށްފަައިވަނީ އެއް ބިލިއަން ޑޮލަރެވެ. އެހެންކަމުން މި އަހަރު ޖަމާކުރި ފައިސާގެ އަދަދު ނިމުނު އަހަރަށްވުރެ %10.3 އިތުރުވެފައިވެއެވެ. 

ސަރުކާރުން އަންނަނީ ބޭރުގެ ދަރަނީގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައި އޮތް ހިރާސް ކުޑަކުރުމަށް ދައުލަތުގެ ބޭރުފައިސާގެ ރަސްމީ ރިޒާވްއާއި ސޮވެރިން ޑިވެލޮޕްމެންޓުގައި ރަައްކާކުރެވިފައި ހުރި ފައިސާ އިތުރުކުރުމަށް މަސައްކަތްކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު