ENGLISH

11 ޖުލައި 2026

Advertisement

ކޮންގްރެސްއާއެކު ޕީއެންސީގެ ހުރިހާ މެންބަރުންނާއި ލީޑާޝިޕާ ލާމެހިގެންދާނެ ނިޒާމެއް ހަމަޖެހޭނެ: ޢަބްދުއްރަޙީމް

11 ޖުލައި 2026

|

ޝިފްޒާން އަޙްމަދު

ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް އަބްދުﷲ، ފޮޓޯ: ޕީއެންސީ

މިއަދު ކުރިއަށްދާ ޕީއެންސީގެ ސްޓިއަރިން ކޮމިޓީތަކާއި ދާއިރާތަކުގެ އިންތިޚާބު ނިމުމަށްފަހު ދެން ބާއްވާ ޕާޓީގެ ކޮންގްރެސް ނިމިގެންދާއިރު ރަށްރަށުގައި ތިއްބެވި ޕާޓީގެ އާއްމު މެންބަރުންނާއި، އެ ޕާޓީގެ ލީޑަރުންނާ ސީދާ ގޮތުން ލާމެހިގެންދާނެ ނިޒާމެއް ގާއިމުކުރެވިގެންދާނެ ކަމަށް ކޮންގްރެސް ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. 

މިއަދު ކުރިއަށްދާ އިންތިޚާބާ ގުޅޭ ގޮތުން އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ޢަބްދުއްރަޙީމް ވިދާޅުވީ ޒަމާނުއްސުރެ ރައްޔިތުންގެ ފަރާތުން ލިބޭ އެންމެ ބޮޑު އެއް ޝަކުވާއަކީ ޕާޓީގެ އާއްމު މެންބަރުންނާއި ޕާޓީގެ ލީޑަރުންނާ ދެމެދު އޮންނަ ގުޅުން ހީނަރުވުން ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޒަޢާމަތުގައި ޕީއެންސީގެ ލީޑާޝިޕާއި އެ ޕާޓީގެ އާއްމު މެންބަރުންނާމެދު އޮތް ގުޅުން ވަރަށް ބޮޑަށް ވަރުގަދަކުރެވިފައިވާކަމަށާއި، ކުރިން އޮތް ޝަކުވާއަށް ވަރަށް ބޮޑު ޙައްލެއް ހޯދައިދެއްވިފައިވާކަމަށްވެސް ވިދާޅުވިއެވެ. 

އެ މައްސަލައަށް ލިބުނު އެންމެ ބޮޑު ޙައްލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒު ރަށްްރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ ރަސްމީ މަސައްކަތްޕުޅު ނިންމަވައިލެއްވުމަށްފަހު، ކޮންމެ ރަށެއްގައިވެސް ޕީއެންސީގެ ކަންކަމުގައި އިސްކޮށް މަސައްކަތްކުރައްވާ ބޭފުޅުންނާ ބައްދަލުކުރައްވައި އެ ބޭފުޅުންނާއެކު ވަގުތު ހޭދަކުރައްވައި، އެ ބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމުގައި ވަގުތު ހޭދަކުރައްވާ ކުރެއްވުންކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވީ މިއީ ކުރީގައި ޕާޓީތަކުގެ ވެރިން އަމަލުކުރައްވާފައިވާ ގޮތެއް ނޫން ކަމެވެ. 

ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި ޕާޓީތައް ހިނގާ ގޮތަށް، ޕާޓީގެ މެންބަރުންނާއި ޕާޓީގެ ލީޑަރުންނާ ދެމެދުގައި ހަރުދަނާ ނިޒާމެއްގެ ތެރެއިން ރަނގަޅު ގުޅުންތަކެއް ގާއިމުކުރެވިގެން، ޕާޓީއެއްގެ އެތެރޭގައި ހުންނަންޖެހޭ އެންމެހައި އިންތިޒާމުތަކާއި ވަސީލަތްތައް ފުރިހަމަކުރެވިގެން ރާއްޖޭގައި މިހާރު ހިންގަމުންދާ ހަމައެކަނި ޕާޓީއަކީ ޕީއެންސީކަމަށްވެސް ޗެއާޕާސަން ވިދާޅުވިއެވެ. 

"ތިވިދާޅުވިހެން އިންތިޚާބަކާ ދިމާކޮށް ރަށަކަށް ވަޑަައިގެންފައި ދެން ވަރަށް ގާތްވާނެ. އެހެނެއްނޫން އަޅުގަނޑުމެން ކޮންގްރެސް ޕާޓީގެ ސިޔާސަތު މިއަދު ބައްޓަންވެފައި މިއޮތީކީއެއް. ދެން އަޅުގަނޑުމެން މިހާރު ހަގީގަތުގައި ޕާޓީއެއް ހިނގާ ގޮތަށް އެހުރިހާ ވަސީލަތްތަކާއި އިންތިޒާމުތަކާއެކު ރާއްޖޭގައި ހިނގަނީ ޕީއެންސީއޭ ބުނާކަށް އަޅުގަނޑުމެން ޖެހިލުމެއް ނުވޭ،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ. 

މިއަދު ކުރިއަށްްދާ އިންތިޚާބު ނިމޭއިރު މާލެއާއި އަތޮޅު ތެރެއިން ޖުމްލަ 3،000 އެތައް މީހަކު ޕާޓީގެ އެކި މަގާމުތަކަށް އިންތިޚާބުވެފައި ތިބޭނެކަން ފާހަގަކުރައްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ މިއިން ކޮންމެ މަގާމަކަށް އިންތިޚާބުވެވަޑައިގަންނަވާ ބޭފުޅުންނަކީ ޕާޓީގެ އާއްމު މެންބަރުންނާއި ޕާޓީގެ ލީޑާޝިޕު ގުޅުވައިދެއްވާނެ ބޭފުން ކަމަށެވެ. 

"އެހެންވީމާ މި އިންތިޚާބު ނިމިގެންދާއިރު އަޅުގަނޑުމެންގެ އެއްވެސް ރަށެއް ނޯންނާނެ، ޑައިރެކްޓްކޮށް ޕާޓީއާ ގުޅިފައި ނެތް އެއްވެސް ރަށެއް. އެ ފެންވަރަށް ޕާޓީގެ އިންތިޒާމުތައް ދަނީ ހަމަޖެހެމުން. މިއިންތިޚާބު ނިމި ކޮންގްރެސް ނިމިގެންދާއިރު ފެންނާނެ ޕާޓީ އޭގެ އަސްލު ޒާތުގައި ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ޕާޓީ ހިނގާ ގޮތަށް ހިނގާ ޕާޓީ، އެކަން ފެންނާނެ ޕީއެންސީގެ ތެރެއިން،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ. 

ޕާޓީގެ ވަސީލަތްތައް ފުރިހަމަކުރުމަށް ކުރެވިފައިވާ މަސައްކަތްތަކަށް އަލިއަޅުވައިލައްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ މިހާރު ހުރިހާ ރަށެއްގަައިވެސް އެ ޕާޓީގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރެވިފައި ހުންނާނެ ކަމަށެވެ. އަދި މިހާރު ޕާޓީން އަމާޒު ހިފާފައިވަނީ މި އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި އެ ޕާޓީގެ ޖަގަހަތައް ހުޅުވުމަށް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. 

ޢަބްދުއްރަޙީމް ދެއްވި ޔަގީންކަމަކީ ޕާޓީގެ އިންތިޚާބު ނިމި، އަންނަ އޮކްޓޯބަރު މަހު ބާއްވާ ޕާޓީގެ ކޮންގުރެސް ނިމިގެންދާއިރު އެ ޕާޓީގެ ހުރިހާ އިންތިޒާމުތައް ތަރުތީބުކުރެވި ހަރުދަނާ އުސޫލެއްގެ ތެރެއިން ޕާޓީގެ ކަންކަން ކުރިއަށްގެންދެވޭނެ ކަމުގެ ޔަގީން ކަމެވެ. 

ކިޔުންތެރިންގެ ހިޔާލު