ENGLISH
10 އޭޕްރީލު 2025
އިމްރާން ޚާންގެ އިތުރު 60 ސަޕޯޓަރަކު ޖަލަށްލާން ޕާކިސްތާންގެ އަސްކަރީ ކޯޓުން ހުކުމްކޮށްފި
27 ޑިސެމްބަރު 2024
|
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ޖަލަށް ލުމާ ގުޅިގެން، އެ މަނިކުފާނުގެ ސަޕޯޓަރުން މަގުތަކަށް ނުކުމެ ކުރި މުޒާހަރާތަކުގައި އަސްކަރީ މަރުކަޒުތަކަށް ގެއްލުންދިން ކަމުގެ ކުށް ސާބިތުވެ، އާންމުންގެ އިތުރު 60 މީހަކު ޖަލަށްލާން ހުކުމްކޮށްފިއެވެ.
އަސްކަރީ ކޯޓުން ވަނީ މި މަހުގެ 22 ގައި ވެސް އާންމުންގެ 25 މީހަކަށް ދިގު ޖަލު ހުކުމްތަކެއް އިއްވައިފައެވެ.
ޢާންމުންގެ ބައެއްގެ މައްސަލަތަކެއް އަސްކަރީ ކޯޓުން ނުބެލޭނެ ކަމަށް، ޕާކިސްތާނުގެ ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ވަނީ ބުނެފައެވެ. އަދި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި 85 މީހުންގެ މައްޗަށް ވެސް އިއްވާފައިވަނީ ދެ އަހަރާއި 10 އަހަރާ ދެމެދުގެ ޖަލު ހުކުމްތަކެކެވެ. ނަމަވެސް، އެ މީހުންގެ މައްޗަށް ސާބިތުވި ކުށުގެ ތަފްޞީލެއް ކޯޓަކުން ނުދެއެވެ.
ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން މަޤާމުން ދުރުކޮށް، މިދިޔަ އަހަރުގެ މެއި މަހު ހައްޔަރުކުރީ، ޕާކިސްތާނުގެ ބާރުގަދަ އަސްކަރީ ލީޑަރުންނާ ދެކޮޅަށް ފެއްޓެވި ވަރުގަދަ ކެމްޕޭނާ ގުޅިގެންނެވެ.
ޚިޔާނާތުގެ ތުހުމަތުކޮށް، ޚާން ހައްޔަރުކުރުމުން، އެ މަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުން ވަނީ މަގުތަކަށް ނުކުމެ، ސަލާމަތީ ބާރުތަކާ ކުރިމަތިލައި، އަސްކަރީ ބައެއް މަރުކަޒުތަކަށް ވެސް ގެއްލުންދީފައެވެ.
އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކް އިންސާފް (ޕީޓީއައި) އިން ބުނީ ފަހުން ހުކުމްކުރި 60 މީހުންގެ ތެރޭގައި އެ މަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅަކު ހިމެނޭ ކަމަށާއި އޭނާގެ މައްޗަށް އިއްވާފައިވަނީ 10 އަހަރުގެ ޖަލު ހުކުމެއް ކަމަށެވެ.