ENGLISH
10 ޖުލައި 2026
ފުލުހުންގެ މުދައްރިބުންގެ އަގުވަޒަންކުރުން ހަރުދަނާ ކުރަނީ
10 ޖުލައި 2026
|
ކޮމިޝަނާ އޮފް ޕޮލިސް
އެންމެ މަޤްބޫލު
ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަމްރީނުތައް ހިންގާ މުދައްރިބުން ކުރާ ބުރަ މަސައްކަތުގެ އަގު މުއައްސަސާގެ އެންމެ މަތީ ފަންތީގައި ދާއިމީގޮތެއްގައި ވަޒަންކުރުމަށް ނިންމަވައި، ކުރިއަށް އޮތް އަސާސީ ތަމްރީނު ކޯސްތައް ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތުތަކުގެ ތެރެއިން މުދައްރިބުންނަށް ހަނދާނީ ފިލާ އާއި ސެޓްފިކެޓް ހަވާލުކުރާ ގޮތަށް ހަމަޖެއްސުމަށް ކޮމިޝަނާ އޮފް ޕޮލިސް ހުށަހަޅުއްވައިފިއެވެ.
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ އެގްޒެކެޓިވް އޮފިސަރުންނާއި، 42 ވަނަ އަސާސީ ތަންރީނު ކޯހުގެ މުދައްރިބުންގެ އަގުވަޒަންކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރު ވިދާޅުވީ، މުދައްރިބުން ކުރާ މަސައްކަތަކީ ހަމައެކަނި ތަމްރީނެއް ދިނުން ނޫން ކަމަށާއި، އެއީ ރައްޔިތުންނަށް ހިދުމަތްކުރާނެ ބައެއްގެ އަހުލާގާއި، އިލްމާއި ތަރުބިއްޔަތު ބައްޓަންކުރުމުގެ ސީރިއަސް ޒިންމާއެއް ކަމަށެވެ. އެހެންކަމުން، ކޮލެޖުގެ ގަވާއިދުތައް ތަންދޭނަމަ، ކުރިއަށް އޮތް ހުރިހާ އަސާސީ ތަމްރީން ކޯސްތައް ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތުގެ ތެރެއިން، ކޯސް އޮފިސަރާ ރަސްމީކޮށް މުދައްރިބުންގެ ސެޓްފިކެޓްތައް ހަވާލުކުރާ ގޮތަށް ޕްރޮގްރާމް ބައްޓަންކުރުމަށް ކޮލެޖުގައި ވަނީ އެދިވަޑައިގެންފައެވެ.
"މިގޮތަށް މިކަން ކުރެވިގެންދިޔާމާ، އަދި މިއަށްވުރެންވެސް ފުރިހަމަވެގެންދާނެކަމަށް އަޅުގަނޑަށް ވިސްނެނީ. ކުރެވެން ނެތިއްޔާމު އަޅުގަނޑު މިތާގައި ހުރިހާ ދުވަހަކު މިގޮތުގައި މިކަން ކުރިއަށްގެންދަން އަޅުގަނޑު ބަލާނަން،" މުދައްރިބުންގެ މަސައްކަތް މުޅި މުއައްސަސާގެ އެގްޒެކެޓިވް ލެވެލްއިން ބަލައިގަންނަކަން ހާމަކުރައްވަމުން ކޮމިޝަނަރު ވިދާޅުވިއެވެ.
ކޮމިޝަނަރުގެ ވާހަކަފުޅުގައި، ދެވަނަ ބޮޑު ހަނގުރާމައަށްފަހު ސުންނާފަތިވި ޖަޕާނު އަލުން ކޮޅަށް ޖެހުމަށްޓަކައި ޑޮކްޓަރުންނާއި ނަރުހުންނަށްވުރެ ކުރިން، ދުނިޔޭގައި ތިބި ޓީޗަރުން ހޯދައި އިސްކަންދިން ތާރީޚީ މިސާލު ފާހަގަކުރެއްވިއެވެ. އަދި ކޮންމެ މުއައްސަސާއެއް ނުވަތަ ގައުމެއް އާރާސްތުކުރުމުގެ އަސްލަކީ އުނގެނުމާއި އުނގަންނައިދިނުން ކަމަށްވާއިރު، ފުލުހުންގެ ސަފުތައް ވަރުގަދަކުރުމުގައި މުދައްރިބުންގެ ދައުރު ނުހަނު ބޮޑުކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ފުލުހުންގެ މަސައްކަތްތަކަށް ބަލާއިރު މުވައްޒަފުންގެ އަދަދު އަދިވެސް މަދުކަން ފާހަގަކުރައްވައި، ޚިދުމަތުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި އާ ބެޗެއްގެ ތަމްރީނުތައް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށް ކޮމިޝަނަރު ހާމަކުރެއްވިއެވެ. އެގޮތުން، މިކަމާ ގުޅޭގޮތުން، ފުލުހުންގެ އެގްޒެކެޓިވް ބޯޑުގެ ބައްދަލުވުމުގައި މަޝްވަރާކުރެވި، އޭގެ ތެރެއިން ވަރަށް މުހިއްމު ބޮޑު މަސައްކަތެއް ފުރިހަމަކުރެވިފައިވާ ކަމަށާއި، ލަސްތަކެއް ނުވެ އާ ބެޗެއް މުދައްރިބުންނާ ހަވާލުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
ފުލުހުންގެ ތަމްރީނުތަކަކީ ނިމުމެއް އޮންނަ ކަމެއް ނޫންކަން ފާހަގަކުރައްވަމުން ކޮމިޝަނަރު އިތުރަށް ވިދާޅުވީ، އަސާސީ ތަމްރީނަށްފަހު ޚިދުމަތަށް ނުކުންނަ ފުލުހުންނަށް އަމާޒުކޮށްގެން ހިންގާ "އިން-ހައުސް ޓްރޭނިންގ" ތައްވެސް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ތަމްރީނުތައް އިތުރަށް ވަރުގަދަކޮށް ފުޅާކުރުމަށް ސްޓްރެޓީޖިކް ޕްލޭންތައް ރޭވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ، ކޮމިޝަނަރު ވަނީ މުދައްރިބުން ކުރައްވާ ގައުމީ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ.