ENGLISH
10 ޖުލައި 2026
ބޭހުގެ ފެންވަރު ދެނެގަތުމުގެ ގާބިލުކަން އެބަހުރި: ވަޒީރު ޤީލާ
10 ޖުލައި 2026
|
ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ މަޖިލީހުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. ފޮޓޯ؛ މަޖިލިސް އިދާރާ.
އެންމެ މަޤްބޫލު
ރާއްޖެ އެތެރެކުރާ ބޭހުގެ ފެންވަރާއި ކަށަވަރުކަން ދެނެގަތުމުގެ ގާބިލުކަން އެބަހުރިކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
ކެންސަރަށް ފަރުވާ ކުރުމަށް ބޭނުންކުރާ "ޑަޒަލެކްސް" ނަމަކަށް ކިޔާ ބޭހެއްގެ ފޭކް ބެޗުތަކެއް އުޅޭކަން ފެންމަތިވީ މިދިޔަ ހަފްތާގެ ތެރޭގައެވެ.
މިކަމާ ގުޅޭގޮތުން މިދިޔަ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ފޭކް ބޭސްތައް ދައުރުވަމުންދާކަމަށެވެ. އެގޮތުގެމަތިން ޑަޒަލެކްސްގެ ފޭކް ބެޗްތަކެއް ދައުރުވާތީ އެކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ -- ޑަބްލިއުއެޗްއޯގެ ސަމާލުކަމަށް ގެނައީ ރާއްޖެއިންކަމަށެވެ.
"އަޅުގަނޑުމެން ފުރަތަމަ ފަހަރަށް މިސަރުކާރުން އެ ބޭހާ މެދު ޝައްކު އުފެދިގެން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއަށް އެ ފޮނުވާފައި އަޅުގަނޑުމެން މި އެދުނީ އެ ބޭހުގެ ޞައްޙަކަން ކަށަވަރުކޮށްދޭށޭ. އިނގޭތޯ. އެހެންވީމާ، އޭގެން ވެސް އެ ދައްކުވައިދެނީ އަޅުގަނޑުމެންގެ ތެރޭގައި ވެސް ހަމަ މިކަން، ބޭސް ވެސް، ނޫނިއްޔާ އެހެން ވަސީލަތްތަކުގެ ވެސް އިންނާނެ މީގެ ފެންވަރާ މެދު ނޫނިއްޔާ މީގެ ކަށަވަރުކަން ދެނެގަތުމުގެ ގާބިލުކަން އަޅުގަނޑުމެންގެ ތެރޭގައި އެބަހުއްޓޭ،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މެކްސިކޯގައިވެސް މީގެ ފޭކް ބޭސް ދައުރުވަމުންދާކަން އެނގުނީ ރާއްޖެއިން އެންގި އެންގުމާ އެއްގޮތަށް ޑަބްލިއުއެޗްއޯއިން ބެލި ބެލުމުންކަމަށެވެ. އަދި މިހާރު މިވައްތަރުގެ ބޭސް ދުނިޔޭގައި ފެތުރުން ހުއްޓުވިފައިވާކަމަށް ވިދާޅުވިއެވެ.
ޑަޒަލެކްސްގެ ފޭކް ބޭސްތައް ހުއްޓުވުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާތީ ޑަބްލިއުއެޗްއޯއިން ވަނީ ދިވެހި ސަރުކާރަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ޑާޒަލެކްސް" އަކީ އާންމުކޮށް "މަލްޓިޕަލް މައިލޯމާ" ނަމަކަށް ކިޔާ ކެންސަރުގެ ބާވަތަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ ބޭހެކެވެ.
އެ ބޭހަކީ ރާއްޖޭގެ އެެއްވެސް ބޭސް ފިހާރައަކުން ވިއްކި ބޭހެއް ނޫންކަމަށާއި އެ އިންޖެކްޝަނަކީ ރާއްޖެއިން ބޭރަށް ކެންސަރުގެ ފަރުވާއަށް ދިޔަ މީހެއްގެ ޕްރިސްކްރިޕްޝަނަށް ގެނައި އިންޖެކްޝަނެއްކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން މީގެ ކުރިން ބުނެފައިވެއެވެ. ޑޮކްޓަރަށް ދެއްކުމުގެ މަރުހަލާގައި އެ އިންޖެކްޝަނަކީ ފޭކް އިންޖެކްޝަނެއްކަން ފާހަގަވުމާއެކު އެ ޕޭޝަންޓު ގަޔަށް ވެސް އިންޖެކްޝަން ޖަހާފައިނުވާނެކަމަށް ވުޒާރާއިން ބުންޏެވެ.