ENGLISH

09 ޖުލައި 2026

Advertisement

ޔޫތު ޗެމްޕިއަންޝިޕް: ބުރު ސްޕޯޓްސް ބަލިކޮށް އޮޑި ސްޕޯޓްސް އެއްވަނައަށް

09 ޖުލައި 2026

|

އިސްމާއިލް ޝާހު

ޔޫތު ޗެމްޕިއަންޝިޕުގައި ބުރު ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް 2026 ގައި ބުރު ސްޕޯޓްސް ކުލަބު ބަލިކޮށް، ތާވަލުގެ އެއްވަނައަށް އޮޑި ސްޕޯޓްސް ކުލަބު ޖެހިލައިފިއެވެ.

މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕުގައި ހަ ޓީމެއް ވާދަކުރާއިރު، އެ ޓީމުތަކަކީ ޓީސީ އާއި، އޮޑި ސްޕޯޓްސްގެ އިތުރުން ކެޔޮދޫ އާއި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ބުރު ސްޕޯޓްސް ކުލަބެވެ. ލީގު އުސޫލުން މުބާރާތުގެ ކުޅުން ކުރިއަށްދާއިރު، ފައިނަލަށް ދަތުރުކުރާނީ ލީގު ބުރު ނިމޭއިރު އެންމެ ކުރީގައި އޮންނަ ދެ ޓީމެވެ.

ޤައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުން އޮޑި ސްޕޯޓްސް މޮޅުވީ ބުރު ސްޕޯޓްސް އަތުން 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗު ފަށައިގެން ހަތަރުވަނަ މިނެޓުގައި އޮޑި ސްޕޯޓްސްއިން ލީޑު ނެގިއިރު، މި ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު ޝަޔާން ޝިފާއުއެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން، މެޗުގެ 40 ވަނަ މިނެޓުގައި ނާއިލް ޔޫސުފް ވަނީ އޮޑި ސްޕޯޓްސްގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގެ ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި ބުރު ސްޕޯޓްސްއިން ފަރަގު ކުޑަކުރިއިރު، މި ލަނޑު ޖަހައިދިނީ އިބްރާހީމް ނާއިޝް ނާޒިމެވެ. އެކަމަކު މެޗުގެ 71 ވަނަ މިނެޓުގައި ހުސައިން ސުހާދު ސުހާން ވަނީ އޮޑި ސްޕޯޓްސްއަށް އަލުން ލީޑު ފުޅާކޮށްދީފައެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައަށް އޮޑި ސްޕޯޓްސް ޖެހިލީ ކުޅުނު ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް މާޒިޔާއަށް ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، މިއަދުގެ މެޗުން ބަލިވި ބުރު ސްޕޯޓްސް އޮތީ ތާވަލުގެ ހަތަރުވަނައިގައި، ކުޅުނު ހަތަރު މެޗުން ލިބުނު ތިން ޕޮއިންޓާއެކުއެވެ.

މި މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ ޓީސީ އާއި ނިއު ރޭޑިއަންޓެވެ.

ކިޔުންތެރިންގެ ހިޔާލު