ENGLISH
09 ޖުލައި 2026
ޑރ. ފަޒުނާ އަވަހާރަވުމާއި ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ
09 ޖުލައި 2026
|
ޙހ
އެންމެ މަޤްބޫލު
އޯޓިޒަމް އާއި އޭޑީއެޗްޑީ ފަދަ ބަލިތަކަށް ޚާއްސަވި ރާއްޖޭގެ ފުރަތަމަ ޑޮކްޓަރު، ގދ. ގައްދޫ، ކަށިކެޔޮމާގެ އުމުރުން 47 އަހަރުގެ ޑރ. އާމިނަތު ފަޒުނާ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ކުޑަކުދިން ހެދިބޮޑުވާގޮތް ބަލައި ފަރުވާ ދިނުމުގެ ދާއިރާއިން ޚާއްޞަ ސުޕަޝެލިސްޓެއްގެ ގޮތުގައި ޤައުމަށް ޚިދުމަތްކޮށްދެއްވަން ފެށްޓެވި ފުރަތަމަ ދިވެހި ޑޮކްޓަރު އާމިނަތު ފަޒުނާ އަވަހާރަވުމުގެ ހިތާމައިގައި، އެ ޢާއިލާއަށާއި، ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގެ ހުރިހާ މުވައްޒަފުންނަށް އަދި ޞިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ.
"މަރްޙޫމާ ޑރ. އާމިނަތު ފަޒްނާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލަހައްޓަވާށި. އާމީން،" ރައީސްގެ ޕޯސްޓްގައި ވެ އެވެ.
ޑރ. އާމިނަތު ފަޒުނާ ނިޔާވީ ކެންސަރު ބަލީގައި ފަރުވާ ހޯދަމުން ގެންދަނިކޮށް އައިޖީއެމް ހޮސްޕިޓަލްގަ އެވެ.
ޑރ. ފަޒުނާ އަކީ އޯޓިޒަމް އާއި އޭޑީއެޗްޑީ ފަދަ ބަލިތަކަށް ޚާއްސަވި ރާއްޖޭގެ ފުރަތަމަ ޑޮކްޓަރެވެ. 2024 ވަނަ އަހަރުން ފެށިގެން ޑރ. ފަޒުނާ ގެންދެވީ އައިޖީއެމްއެޗްގައި ޚިދުމަތް ކުރައްވަމުންނެވެ.
ޑރ. ފަޒުނާގެ މައްޗަށް ކަށުނަމަދު ކުރުން އޮތީ މިރޭ އިޝާ ނަމާދަށް ފަހު އާ ސަހަރާ މިސްކިތުގަ އެވެ.
ޑރ. ފަޒުނާ ނިޔާވުމަކީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް ލިބުނު ބޮޑު ހުސްކަމެކެވެ.