ENGLISH
10 އޭޕްރީލު 2025
މަންމޯހަން ސިންގް: އިންޑިޔާގެ އިޤްތިޞާދު ދުނިޔެއަށް ހުޅުވައިލެއްވި ދުރުވިސްނޭ ލީޑަރު!
27 ޑިސެމްބަރު 2024
|
ފޮތްތަކުގެ ތެރެއިން ޢިލްމުގެ ދުނިޔެއަށް ގެއްލިފައި ހުންނެވި، ޒުވާން މަންމޯހަން ސިންގް، ކޮންމެވެސް ދުވަހަކުން އިންޑިޔާގެ ވެރިކަން ކުރައްވާނެ ކަމަށް އެ މަނިކުފާނުގެ ބައްފާފުޅު ފަހަރެއްގައި އުއްމީދުކުރައްވަފާނެއެވެ. ނަމަވެސް، އެ ހުވަފެން ހަޤީޤަތަކަށް ވާނެ ކަމަށް ހުދު އޭނާ ވެސް ޤަބޫލެއް ނުކުރައްވާނެއެވެ.
އުމުރުފުޅުން 92 އަހަރުގައި، ރޭގެ ވަގުތެއްގައި އަވަހާރަވި މަންމޯހަން ސިންގް، 2004 ވަނަ އަހަރު އިންޑިޔާގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ވަޑައިގެންނެވީ، އިއްތިފާގަކުން ކަމަށް ބުނެވިދާނެއެވެ.
އިންޑިޔާގެ "އެކްސިޑެންޓަލް ޕްރައިމް މިނިސްޓަރ"ގެ ގޮތުގައި މަންމޯހަން ސިންގްއަށް ބޮޑުވަޒީރުކަން ލިބިވަޑައިގަތީ، ކޮންގްރެސް ޕާޓީގެ އޭރުގެ ލީޑަރު ސޯނިޔާ ގާންދީ، އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު، އެ މަޤާމާ ޙަވާލުވެވަޑައިގަންނަވަން ދެކޮޅު ހެއްދެވެމުންނެވެ.
ނަމަވެސް، 1990 ވަނަ އަހަރުގެ ތެރޭގައި ފައިނޭންސް މިނިސްޓަރުގެ މަޤާމުގައި މަންމޯހަން ސިންގް އިންޑިޔާގެ އިޤްތިޞާދަށް ގެންނެވި އިންޤިލާބީ، އަދި ދުރުވިސްނޭ އިސްލާޙީ ފިޔަވަޅުތައް، ބޮޑުވަޒީރުކަމުގައި އިތުރު ހަރުފަތަކަށް ގެންދެވިއެވެ.
އިކޮނޮމިކްސްއިން އިނގިރޭސިވިލާތުގެ މަޝްހޫރު ކޭމްބްރިޖް ޔުނިވަރސިޓީން ތަޢުލީމް ހާޞިލްކުރައްވައިގެން ހުންނެވި މަންމޯހަން ސިންގް އަމާޒަކަށްވީ، އިންޑިޔާގެ ފަގީރުކަމަށް ޙައްލެއް ހޯއްދެވުމެވެ.
އާއިލާގައި ނުވަ ބެއިންނާ އެކު މަންމޯހަން ސިންގް، އަމްރިތާސާރުގައި ތަޢުލީމީ ހަޔާތް ފެއްޓެވީ، ގޭތެރޭގައި އަޑުގަދަކަމުން މަގުބައްތިތަކުގެ ދަށުގައި ހުންނަވައިގެން އޭގެ އަލިންނެވެ. މަންމޯހަންގެ ބައްޕާފުޅަކީ، ހިއްކާފައިވާ ހުންނަ މޭވާ ވިއްކަން އުޅުނު ބޭފުޅެކެވެ.
އިނގިރޭވިލާތުގެ ކޭމްބްރިޖަށް އެ މަނިކުފާނު ވަޑައިގެންނެވީ ސްކޯލަރޝިޕެއްގައެވެ.
އެނބުރި ގައުމަށް ވަޑައިގެން، ސިވިލް ސާވިސްގެ ގޮތުގައި އަދި އދ.ގެ އެކި މަޤާމުތަކުގައި އެ މަނިކުފާނު ޚިދުމަތް ކުރެއްވިއެވެ.
ބޮޑުވަޒީރުކަމާ ޙަވާލުވެވަޑައިގެންނެވިއިރު، އިންޑިޔާގެ އިޤްތިސާދު އޮތީ އޭރުގެ ތާރީޚް ނުދެކޭ ފަދަ ބޮޑު ކާރިސާއެއްގެ ތެރޭގައެވެ.
މަންމޯހަން ސިންގް ގެ ފުރަތަމަ ދައުރުގެ ތެރޭގައި، އިންޑިޔާގެ އިޤްތިޞާދު ނުވަ ޕަސެންޓުގައި ކުރިއެރައިގެންދިޔުމުގެ ފަހަތުގައި އޮތީ، އެ މަނިކުފާނު އެޅުއްވި، ކެރޭ، ހަރުދަނާ، އިސްލާޙީ ފިޔަވަޅުތަކެވެ.
އިންޑިޔާގެ ހަކަތަ އުފައްދާ މިންވަރު މުޅިން އެހެން މިސްރާބަކަށް ގެންދިޔުމަށް، އެމެރިކާ އާ އެކު ސޮއިކުރި ނިޔުކްލިޔަރ ހަކަތައިގެ އެއްބަސްވުމަކީ ވެސް މަންމޯހަން ސިންގް ގެ ޒައާމަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.
އެ މަނިކުފާނުގެ ފުރަތަމަ ދައުރު ނިމެން ގާތްވިއިރު، އިޤްތިޞާދީ ދުވެލި މަޑުޖެހި، ތަކެތީގެ އަގުތައް އުފެލެން ފެށިޔަސް، އާންމުންގެ ގިނަ ބަޔެއްގެ މަޤުބޫލުކަން ހޯއްދަވާފައިވާ މަންހޯމަން ސިންގް، ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވިއެވެ.
ނަމަވެސް، މަޑުމައިތިރި އަދި ބަސްމަދު ލީޑަރެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެމުން އައި، މަންމޯހަން ސިންގް ގެ ދެވަނަ ދައުރުގެ ތެރޭގައި ސަރުކާރުގެ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފެންމަތިވެ، އެކަން ހުއްޓުވަން އެ މަނިކުފާނު އެކަށީގެންވާ ފިޔަވަޅު ނާޅުއްވާ ކަމުގެ ތުހުމަތުގެ އިނގިލިތައް އަމާޒުވެ، އެ މަނިކުފާނުގެ މަޤުބޫލުކަން މަޑުމަޑުން ފަނޑުވާންފެށިއެވެ.
އެއާ އެކު، 2014 ވަނަ އަހަރުގެ އާންމު އިންތިޚާބުގެ ކުރިން، ކޮންގްރެސް ޕާޓީއަށް ކާމިޔާބު ލިބުނުނަމަވެސް، ސިޔާސީ މަސައްކަތުން ދުރަށް ވަޑައިގަންނަވަން ނިންމެވި ކަން މަންމޯހަން ސިންގް އިޢުލާނުކުރެއްވިއެވެ.
ނަމަވެސް، އެ އިންތިޚާބުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެ، ކޮންގްރެސް ޕާޓީއަށް ވެރިކަން ގެއްލުނެވެ.
ނަމަވެސް، މަންމޯހަން ސިންގް ގެ ބޮޑުވަޒީރު ކަމުގައި، އޭރު ވަރަށް ބޮޑަށް ހިފެހެއްޓިފައި އޮތް އިންޑިޔާގެ އިޤްތިޞާދު މުޅި ދުނިޔެއަށް ހުޅުވާލައްވައި، މިހާރު މުޅި ދުނިޔޭގައި ފައިތިލަ ސާބިތުކޮށްފައިވާ ޤައުމެއްގެ ދަރަޖަ ހޯދުމުގައި އެ މަނިކުފާނު އަދާކުރެއްވި، އިންޤިލާބީ، ދުރުވިސްނޭ ދައުރު، އިންޑިޔާގެ ތާރީޚުން ވަނީ ޖާގަ ހޯދައިފައެވެ.