ENGLISH

09 ޖުލައި 2026

Advertisement

އާޖެންޓީނާ އާއިި މިސްރު ބައްދަލުކުރި މެޗުގެ ރެފުރީގެ ދިފާއުގައި ކޮލީނާ

09 ޖުލައި 2026

|

އިސްމާއިލް ޝާހު

ވޯލްޑް ކަޕުގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި މިސްރުގެ ކުޅުންތެރިން މެޗުގެ ރެފުރީއަށް އެޕީލް ކުރަނީ --- ފޮޓޯ: ރޮއިޓަރސް

ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި މިސްރާއި އާޖެންޓީނާ ބައްދަލުކުރި މެޗުގައި ރެފުރީން ނިންމި ނިންމުންތައް، ފީފާގެ ރެފުރީންގެ ކޮމިޓީގެ އިސްވެރިޔާ ޕިއެރްލުއިޖީ ކޮލީނާ ދިފާއުކޮށްފިއެވެ. އާޖެންޓީނާ 3-2 ގެ ނަތީޖާއަކުން މޮޅުވި މެޗުގައި ރެފުރީން ވަކި ފަރާތަކަށް ޖެހިފައިވާ ކަމަށް ބުނެ ކުރެވޭ ތުހުމަތުތައް އޭނާ ވަނީ ދޮގުކޮށްފައެވެ.

ފީފާގެ ރަސްމީ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ އިންޓަވިއުއެއްގައި ދުނިޔެ ދުށް އެންމެ މޮޅު ރެފުރީ ކޮލީނާ ބުނީ ރެފުރީންގެ ނިންމުންތަކަށް ފާޑުކިޔުމަކީ ފުޓްބޯޅައިގައި އާންމު ކަމެއް ނަމަވެސް، ރެފުރީންގެ އިޚުލާސްތެރިކަމާ މެދު ސުވާލު އުފެއްދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މެޗުން ބަލިވުމާ ގުޅިގެން މިސްރުން ވަނީ ރެފުރީންގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

"ނިންމުންތަކާ މެދު ބިނާކުރަނިވި ގޮތެއްގައި މަޝްވަރާކުރުމަކީ އަބަދުވެސް ފުޓްބޯޅައިގެ ބައެއް. އެކަމަކު އެއްވެސް އަސާސެއް ނެތް ތުހުމަތުތަކަށް މި ކުޅިވަރުގައި ޖާގައެއް ނެތް،" ކޮލީނާ ބުންޏެވެ. އޭނާ އިތުރަށް ބުނީ ފީފާގެ ރެފުރީންގެ ނިންމުންތަކަށް އެއްވެސް ފަރާތަކަށް، އޭގެ ތެރޭގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހިމެނިވަޑައިގަންނަވާ ގޮތަށް، ނުފޫޒު ނުފޯރުވޭނެ ކަމަށެވެ.

ކޮލީނާ ފާހަގަކުރި ގޮތުގައި މިފަދަ ތުހުމަތުތަކުގެ ސަބަބުން ރެފުރީންނާއި އެ މީހުންގެ އާއިލާތަކަށް ނުރައްކަލާ ކުރިމަތިލާން ޖެހިދާނެއެވެ.

ފީފާގެ ރެފުރީންގެ ކޮމިޓީގެ އިސްވެރިޔާ ޕިއެރްލުއިޖީ ކޮލީނާ --- ފޮޓޯ: ރޮއިޓަރސް

މުބާރާތުން މިސްރު ވަކިވާން ޖެހުނީ މެޗުގެ ކުރީކޮޅު 2-0 ގެ ނަތީޖާއަކުން ކުރީގައި އޮއްވައި، އާޖެންޓީނާއިން ފަހަތުން އަރައި މެޗުގެ އިތުރު ވަގުތުގައި އެންޒޯ ފެނާންޑޭޒް ޖެހި ލަނޑުން މޮޅުވުމުންނެވެ. މިސްރުގެ ކޯޗު ހުސާމް ހަސަން ތުހުމަތުކުރި ގޮތުގައި، އާޖެންޓީނާ މުބާރާތުގައި ބޭއްވުމަށް ރެފުރީއަށް ނުފޫޒު ފޯރުވާފައި ވެއެވެ. އަދި މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނީ މެޗުގެ ނަތީޖާއަށް ސީދާ އަސަރުކުރި ބައެއް ނިންމުންތަކުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

މިސްރުގެ މައިގަނޑު ޝަކުވާއަކީ މުސްތަފާ ޒީކޯ ޖެހި ލަނޑެއް، އެ ލަނޑު ޖެހުމުގެ ކުރިން ފައުލެއް ކުރި ކަމަށް ބުނެ ބާތިލުކުރުމެވެ. އަދި އާޖެންޓީނާ މޮޅުވި ލަނޑު ޖެހުމުގެ ކުޑައިރުކޮޅެއް ކުރިން މުޙައްމަދު ސަލާހަށް ކުރި ފައުލަކަށް ރެފުރީ ފުރުސަތު ނުދިނުމުންވެސް އެ ޓީމުން ކަންބޮޑުވުން ފާޅުކުރިއެވެ.

ނަމަވެސް ކޮލީނާ ބުނީ ޒީކޯގެ ލަނޑު ބާތިލުކުރީ ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން ރަނގަޅަށް ބެލުމަށްފަހު ކަމަށާއި، އެއީ އާޖެންޓީނާގެ ލިސަންދްރޯ މާޓިނޭޒަށް، މަރުވާން އަތިއްޔާ ކުރި ފައުލަކާ ގުޅިގެން ނިންމި ނިންމުމެއް ކަމަށެވެ. އަދި ސަލާހަށް ކުރި ފައުލާ ގުޅޭގޮތުން އޭނާ ބުނީ އެއީ ފުޓްބޯޅައިގައި ދިމާވާ އާދައިގެ ކޮންޓެކްޓެއް ކަމަށް ރެފުރީ އާއި ވީއޭއާރުންވެސް ނިންމާފައިވާ ކަމަށެވެ.

ކޮލީނާގެ ވާހަކަ ނިންމަވާލައްވަމުން ބުނީ ބައެއް ނިންމުންތަކަކީ އެކި މީހުންނަށް އެކި ގޮތަށް ފެނިދާނެ ކަންކަން ކަމުގައި ވިޔަސް، މުޅި މުބާރާތުގައި ވީއޭއާރް ބޭނުންކުރަމުންދާ ގޮތާ މެދު ފީފާއިން ހިތްހަމަޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު