ENGLISH

09 ޖުލައި 2026

Advertisement

49 އަހަރުން ދަށުގެ މީހުންނަށް ހިމަބިހި ވެކްސިން ދޭން ފަށައިފި

09 ޖުލައި 2026

|

އާމިނަތު ނުޒްލާ

އެމްއާރު ވެކްސިން - ފޮޓޯ: އެމްތްރީ އިންޑިއާ

ހިމަބިހީގެ ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ 3 ވަނަ ފޭސްގެ ދަށުން 49 އަހަރުން ދަށުގެ، ދެ ޑޯޒް ފުރިހަމަވެފައި ނުވާ މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ހެލްތް ޕްރޮޓެކަޝަން އެޖެންސީ (އެޗްޕީއޭ) އިން ފަށައިފިއެވެ.

އެޗްޕީއޭ އިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރު ހިމަބިހީގެ 121 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. ހިމަބިހިން ރައްކާތެރިވުމަށް، ގިނަ ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތް ކަމާ ގުޅޭ އިދާރާތަކުން އަންނަނީ ކުރަމުންނެވެ. އެގޮތުން 18 އަހަރުން ދަށުގެ ކުދިންނަށް ވެކްސިން ދީ ނިންމައިފައެވެ. 

ވޭތުވެދިޔަ ހަފުތާގައި އެކަނިވެސް 55 ކޭސް ފެނިފައިވެއެވެ. 49 އަހަރުން ދަށުގެ މީހުންނަށް ވެކްސިންގެ ދެވަނަ ޑޯޒް ދިނުމަށް ހަމަޖެހިފައި ވަނީ 07 ޖުލައި އިން 30 ޖުލައިގެ ނިޔަލަށެވެ.

މާލޭގައި ވެކްސިންދޭ ތަންތަނާއި ގަޑިތައް އެޗްޕީއޭގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވަނީ އާންމުކޮށްފައެވެ. އަތޮޅުތަކުގައި ހުންނަ މަރުކަޒުތަކުން ޚިދުމަތް ދޭ ގަޑިތައް އެ މަރުކަޒަކުން ވަކިން އިޢުލާނުކުރާނެއެވެ.

ބައްޔަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްފައިނުވާ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިހާތަނަށް 220 ކޮންޓެކްޓުންނަށްވަނީ ވެކްސިން ދީފައެވެ.

މާލޭ ސަރަޙައްދުގައި އެމްއާރު ވެކްސިންދޭ މަރުކަޒުތައް:

1. ޔޫޕީއެޗްސީސީ

2. ހުޅުމާލެ ހޮސްޕިޓަލް

3. ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލް

4. ވިލިމާލެ ހޮސްޕިޓަލް

5. އޭޑީކޭ ހޮސްޕިޓަލް

6. ޓްރީޓޮޕް ހޮސްޕިޓަލް

ފުރަންޓްލައިންގައި މަސައްކަތް ކުރައްވާ ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން 1537 މީހުންނަށް ވަނީ ވެކްސިން ދީފައެވެ.

ހިމަބިއްސަކީ ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ނަމަވެސް އައުޓްބްރޭކެއް އައުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން އަންނަނީ އެކަމަށް ފިޔަވަޅު އަޅަމުންނެވެ.

ހިމަ ބިއްސަކީ ވައިރަހެއްގެ ސަބަބުން ޖެހޭ ގައިންގަޔަށް އަރާ ވަރަށް ނުރައްކާތެރި ބައްޔެކެވެ. ހިމަބިހި ޖެހެނީ "މީސްލްސް ވައިރަސް"ގެ ސަބަބުން ނެވެ. މިއީ ޕެރަމިކްސޯ ވައިރަސްގެ ތެރޭގައި ހިމެނޭ "މޯބިލިވައިރަސް"ގެ ވައްތަރެކެވެ. ގިނައިން ޖެހެނީ ކުޑަކުދިންނަށް ކަމަށްވިޔަސް އާންމުކޮށް ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ހިމަބިހި ޖެހިދާނެއެވެ.

ބަލިޖެހިފައިވާ މީހާގެ ފުށުން އެހެން މީހުންގެ ގަޔަށް ބަލި ފަތުރަނީ ބައްޔާއި ގުޅިގެން ގައިގައި ނަގާ ބިހިތައް ފެނުމުގެ 5-4 ދުވަސް ކުރިންނާއި، އަދި ބިހިތައް ފެނުމަށްފަހު 5-4 ދުވަސް ހަމަވުމާއި ދެމެދުގައި އޮންނަ މުއްދަތުގެ ތެރޭގަ އެވެ. ހިމަބިހި ޖެހިފައި ތިބޭ މީހުންނާއި، އެކުއުޅޭ 90 އިންސައްތަ މީހުންނަށް ހިމަބިހި ޖެހުމުގެ ފުރުޞަތު ބޮޑުކަމަށް ސިއްހީ މާހިރުން ބުނެއެވެ. ބަލިޖެހިފައިވާ މީހާ ކެއްސައި، ކިނބިހި އެޅުމުގެ ތެރޭގައި، ވައިގެ ތެރެއަށް ވައިރަސްތައް ބޭރުވެ، ނޭވާލުމުގެ ޒަރިއްޔާއިން ސަލާމަތުން ހުރި މީހާގެ ހަށިގަނޑަށް ވައިރަސް ވާސިލުވެ، އެމީހަކަށް ބަލި ޖައްސުވައެވެ.

ކިޔުންތެރިންގެ ހިޔާލު