ENGLISH
09 ޖުލައި 2026
އޮލީސޭއަށް ދެއްކި ރީނދޫ ކާޑަށް ލުއިނުދޭން ފީފާއިން ނިންމައިފި
09 ޖުލައި 2026
|
ވޯލްޑް ކަޕުގައި ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މެޗުގައި ފްރާންސްގެ އޮލީސޭއަށް ރީނދޫ ކާޑެއް ދައްކަނީ --- ފޮޓޯ: ގެޓީ
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މެޗުގައި ފްރާންސްގެ މައިކަލް އޮލީސޭއަށް ދެއްކި ރީނދޫ ކާޑު އިސްތިއުނާފުކުރުމުން، ފީފާއިން އެ މައްސަލަ ބޭރުކޮށްލައިފިއެވެ.
އެމެރިކާގެ ބޮސްޓަން ސްޓޭޑިއަމްގައި މޮރޮކޯއާ ދެކޮޅަށް މިރޭ ކުޅޭ ކުއާޓާ ފައިނަލް މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނީ "ރީނދޫ ކާޑަށް އެއްވެސް ބަދަލެއް ނާދޭ. މިއަދު ހެނދުނު ފީފާއިން އަހަރެމެންނަށް އެންގީ އެ ކާޑު ދެމިއޮންނާނެ ކަމަށް."
މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އޮލީސޭއަށް ކާޑު ދެއްކީ އެމެރިކާގެ ފިލަޑެލްފިއާގައި ކުޅުނު ފޯރިގަދަ މެޗުގެ ފަހު މިނެޓުތަކުގައި ޕެރަގުއޭގެ މަޓިއަސް ގަލާޒާއާ ދެމެދު ހިނގި ހަމަނުޖެހުމަކާ ގުޅިގެންނެވެ. މެޗުގެ ރީޕްލޭތަކުން ފެންނަ ގޮތުގައި ދެ ކުޅުންތެރިންގެ ދެމެދުގައި މާ ބޮޑު ކުރިމަތިލުމެއް ހިނގާފައެއް ނުވެއެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން މި ކާޑު ދަމަހައްޓަން ނިންމުމާ އެކު، އޮލީސޭއަށް މިހާރު ވަނީ ނުރައްކަލެއް ކުރިމަތިވެފައެވެ. އެއީ މޮރޮކޯއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާއަށް އިތުރު ރީނދޫ ކާޑެއް ދައްކައިފި ނަމަ، ސެމީ ފައިނަލްގައި ސްޕެއިން ނުވަތަ ބެލްޖިއަމްއާ ދެކޮޅަށް ކުޅޭ މެޗަށް އޭނާ ސަސްޕެންޑް ވާނެތީއެވެ. މީގެ އިތުރުން ބްރެޑްލީ ބާކޯލާ އާއި މަނޫ ކޯނޭވެސް ޕެރަގުއޭ މެޗުގައި ކާޑު ހޯދާފައިވާތީ، ސަސްޕެންޝަނުގެ ބިރު އެ ކުޅުންތެރިންނަށްވެސް އެބައޮތެވެ.
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް --- ފޮޓޯ: އޭއެފްޕީ
މިޑްފީލްޑަރު އައުރެލިއަން ޗުއަމެނީގެ އަނިޔާއާ ގުޅޭގޮތުން ވާހަކަދައްކަމުން ޑެޝޯމްޕްސް ބުނީ، އޭނާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއިން މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ. "ޗުއަމެނީގެ ހާލަތު މިހާރު ރަނގަޅު. އެކަމަކު އިތުރު ތަފުސީލެއް އަދި ދެވޭކަށް ނެތް. މިއަދުގެ ފަރިތަކުރުންތަކުގައި އޭނާ ބައިވެރިވުމަކީ އެކަށީގެންވާ ކަމެއް. ނަމަވެސް އެކަން ނިންމާނީ އޭނާގެ ހާލަތު ބެލުމަށްފަހު. އެހެން ހުރިހާ ކުޅުންތެރިންވެސް ތިބީ މެޗަށް ތައްޔާރަށް،" ރެއާލް މެޑްރިޑުގެ ކުޅުންތެރިޔާއާ ބެހޭގޮތުން ކޯޗު ބުންޏެވެ.
މި މެޗަށް އާޖެންޓީނާގެ ރެފުރީއަކު ހަމަޖެއްސުމާ ގުޅިގެން އުފެދިފައިވާ ބަހުސަށް ޑެޝޯމްޕްސް މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. މިރޭގެ މެޗުގައި އިންސާފުކުރާނީ ފަކުންޑޯ ޓެލޯއެވެ. 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްގައި ފްރާންސް ބަލިކޮށް އާޖެންޓީނާ ތަށި ހޯދި ފަހުން، މި ދެ ޤައުމުގެ ދެމެދުގައި ފުޓްބޯޅައިގެ ވާދަވެރިކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
މިދިޔަ އަންގާރަ ދުވަހު އާޖެންޓީނާ އާއި މިސްރު ބައްދަލުކުރި މެޗުގައި އިންސާފުކުރީ ފްރާންސްގެ ރެފުރީ ފްރާންސުއާ ލެޓެކްސިއޭއެވެ. އެ މެޗުގައި ނިންމި ބައެއް ނިންމުންތަކާ ގުޅިގެން މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ މައްސަލަ ހުށަހަޅާފައެވެ. "ރެފުރީން ހަމަޖެއްސުމުގައި އަހަރެންނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ. އަހަރެން އަބަދުވެސް މަސައްކަތް ކުރަނީ ރެފުރީންނަށް އިތުބާރުކުރަން،" ޑެޝޯމްޕްސް ބުންޏެވެ.
އޭނާ އިތުރަށް ބުނީ، "ޓެލޯ އާއި އޭނާގެ އެހީތެރިންވެސް، ލެޓެކްސިއޭ ފަދައިން ރަނގަޅަށް މެޗު ކުރިއަށް ގެންދާނެ ކަމަށް އުއްމީދު ކުރަން. ކޮންމެ މެޗެއްގައިވެސް ބަހުސް އުފެދޭ ފަދަ ނިންމުންތަކެއް ހުރެދާނެ. އެކަމަކު އަހަރެމެންގެ ވާދަވެރިއަކީ މޮރޮކޯ. ރެފުރީއަކީ ވާދަވެރިއެއް ކަމަށް އަހަރެން ނުދެކެން."
2018 ވަނަ އަހަރު ފްރާންސަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ޑެޝޯމްޕްސް، 14 އަހަރުގެ ދިގު ޚިދުމަތަށްފަހު މި މުބާރާތް ނިމުމުން މަގާމުން ވަކިވާނެއެވެ. އެހެންކަމުން، ބުރާސްފަތި ދުވަހު މޮރޮކޯއާ ދެކޮޅަށް ކުޅޭ މެޗަކީ އޭނާގެ ފަހު މެޗަށް ވުމުގެ ފުރުސަތު އެބައޮތެވެ. "އަހަރެން އެކަމާ މެދު މިވަގުތު ނުވިސްނަން. އަހަރެންނާއި އަހަރެންގެ ޓީމުގެ އަމާޒަކީ މެޗުން މޮޅުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުން. އަހަރެންގެ މުޅި ސަމާލުކަން ހުރީ މޮރޮކޯ ޓީމަށާއި އަހަރެމެންގެ ކާމިޔާބީއަށް،" އޭނާ ވިދާޅުވިއެވެ.