ENGLISH
09 ޖުލައި 2026
ޓްރަމްޕަށް ތާއީދުކުރާ ކަމަށް ބުނެ، ފީފާގެ ރައީސްގެ މައްސަލައެއް އައިއޯސީއަށް
09 ޖުލައި 2026
|
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއެކު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރައްވައި، ސިޔާސީ ނުފޫޒުން އެއްކިބާވުމުގެ ގަވާއިދުތަކާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ޚިލާފުވެފައިވާ ކަމަށް ބުނެ، ހިއުމަން ރައިޓްސް ގްރޫޕަކުން މައްސަލަ ހުށަހެޅުމަށް ނިންމުމާ ގުޅިގެން، އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން މައްސަލަ ބަލަން ފެށުން އެކަށީގެންވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ "ފެއަރސްކޮޔަރ" އިން ބުނި ގޮތުގައި، އިންފަންޓީނޯ ތަކުރާރުކޮށް ސިޔާސީ ގޮތުން ވަކި ފަރާތަކަށް ނުޖެހުމުގެ ގަވާއިދުތަކާ ޚިލާފުވެފައިވާތީ، އެ މައްސަލަ އައިއޯސީއަށް ހުށަހަޅާނެއެވެ. އިންފަންޓީނޯއަކީ 2020 ވަނަ އަހަރުން ފެށިގެން އައިއޯސީގެ މެންބަރެކެވެ.
ފެއަރސްކޮޔަރ އިން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފީފާގެ އެތިކްސް ކޮމިޓީއަށްވެސް މި މައްސަލަ ހުށަހަޅާފައެވެ. އެ ޝަކުވާގައި ބުނެފައިވަނީ ރައީސް ޓްރަމްޕުގެ ސިޔާސަތުތަކާއި އަމަލުތަކަށް އިންފަންޓީނޯ ފާޅުގައި ތާއީދުކުރައްވާފައިވާ ކަމަށެވެ. މީގެ އިތުރުން، ފީފާއިނ ސުލްހައިގެ އިނާމު ތައާރަފުކުރުމަށް ނިންމި ނިންމުމާއި، އެ އިނާމު ރައީސް ޓްރަމްޕަށް އެރުވުމުގައި އިންފަންޓީނޯ އަދާކުރެއްވި ދައުރާއި، އެކަންކަން ފީފާގެ އިޖުރާއީ ގަވާއިދުތަކާ އެއްގޮތަށް ހިނގާފައިވޭތޯ ބަލައިދިނުމަށްވެސް އެ ޖަމާއަތުން ވަނީ އެދިފައެވެ.
ފެއަރސްކޮޔަރގެ ޝަކުވާގައި ބުނެފައިވަނީ އިންފަންޓީނޯ ޚިލާފުވެފައިވަނީ ސިޔާސީ ގޮތުން ވަކި ފަރާތަކަށް ނުޖެހުމުގެ ޒިންމާއާ ބެހޭ ފީފާގެ ކޯޑް އޮފް އެތިކްސްގެ 15 ވަނަ މާއްދާއާ ކަމަށެވެ. މި ގަވާއިދަށް ތަބާވާންޖެހޭ ފަރާތްތަކުން ރަސްމީ މުއާމަލާތްތަކުގައި ސިޔާސީ ގޮތުން ވަކި ފަރާތަކަށް ނުޖެހި ތިބެންޖެހެއެވެ. މި ގަވާއިދާ ޚިލާފުވާ ފަރާތްތަކަށް މަދުވެގެން 10،000 ސްވިސް ފްރޭންކް (12،378 ޑޮލަރު) އިން ޖޫރިމަނާކުރުމާއި، ދެ އަހަރު ދުވަހުގެ މުއްދަތަށް ފުޓްބޯޅައާ ގުޅުންހުރި ހަރަކާތްތަކުން ސަސްޕެންޑް ކުރުމުގެ އަދަބު ދެވިދާނެއެވެ.
އަދި ސުލްހައިގެ އިނާމު ތައާރަފުކޮށް، ވޯލްޑް ކަޕުގެ ގުރުއަތުލުމުގެ ރަސްމިއްޔާތުގައި އެ އިނާމު ޓްރަމްޕަށް ދިނުމަށް ނިންމީ ފީފާ ކައުންސިލުންތޯ ނުވަތަ އިންފަންޓީނޯ އަމިއްލައަށް ނިންމެވި ނިންމެވުމެއްތޯ ބަލައިދިނުމަށްވެސް ވަނީ އެދިފައެވެ. ފެއަރސްކޮޔަރ އިން ބުނީ އިންފަންޓީނޯ އެކަން ކުރެއްވީ ގަވާއިދާ ޚިލާފަށް އަމިއްލަ ބާރުގެ ބޭނުންކުރައްވައިގެން ކަމަށްވާނަމަ، އެއީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ.
އައިއޯސީގެ ރައީސް ކާސްޓީ ކޮވެންޓްރީ ވިދާޅުވީ އެފަދަ ޝަކުވާއެއް ރަސްމީކޮށް އަދި ލިބިފައިނުވާ ކަމަށާއި، ނަމަވެސް ލިބިއްޖެ ނަމަ އެތިކްސް ކޮމިޝަނުން އެ މައްސަލަ ބަލާނެ ކަމަށެވެ. ފެއަރސްކޮޔަރ އިން ބުނާ ގޮތުގައި މިދިޔަ ޑިސެމްބަރު މަހު ހުށަހެޅި މައްސަލަ ފީފާއަށް ލިބިފައިވާކަން ކަށަވަރުކޮށްދިން ނަމަވެސް، އެ މައްސަލައިގެ ތަހުގީގެއް ފެށިކަމުގެ އެއްވެސް އިޝާރާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
ފީފާއިން ފެއަރސްކޮޔަރ އަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އިސްވެރިޔާގެ އިރުޝާދުގެ ދަށުން މައްސަލައިގެ ކުރިމަތި ތަހުގީގެއް ފެށިދާނެ ކަމަށެވެ. ނަމަވެސް މައްސަލައެއް ހުށަހެޅުމަކީ ތަހުގީގު ފަށާނެ ކަމުގެ ޔަގީންކަމެއް ނޫން ކަމަށާއި، އަދި މައްސަލަ ހުށަހަޅާ ފަރާތަކީ މައްސަލައިގެ ޝަރީއަތުގެ ބައިވެރިއަކަށް ނުވާތީ، ސިއްރު ހިފެހެއްޓުމުގެ ގޮތުން އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ޔޫރަޕުގެ ޕާލަމެންޓްގެ 50 މެންބަރަކާއި، ނޯވޭގެ ފުޓްބޯޅަ ފެޑެރޭޝަނުންވެސް ވަނީ އިންފަންޓީނޯއާ ދެކޮޅަށް ހުށަހަޅާފައިވާ މި މައްސަލައަށް ތާއީދުކޮށްފައެވެ.
މިހާރު ކުރިއަށްދާ ވޯލްޑް ކަޕުގައި އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޮގަންއަށް ދެއްކި ރަތް ކާޑާ ގުޅިގެން އައި ސަސްޕެންޝަނަށް ލުއިދީ، ބެލްޖިއަމާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ފީފާއިން ދިނީވެސް ރައީސް ޓްރަމްޕުގެ އެދިލެއްވުމަކަށް ކަމަށް ތުހުމަތު ކުރެވެއެވެ. ނަމަވެސް އެ ނިންމުމުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް އިންފަންޓީނޯ ވަނީ ވިދާޅުވެފައެވެ.