ENGLISH

08 ޖުލައި 2026

Advertisement

ލިޔާ ކޮންމެ ލިޔުމެއްގައި ގައުމީ މަސްލަހަތަށް ރައްކާތެރިވާންވާނެ: ޝާކިރު

08 ޖުލައި 2026

|

ޝިފްޒާން އަޙްމަދު

ދިވެހިބަހުގެ އެކަޑެމީގެ ރައީސް ހަސަން ޝާކިރު މުހައްމަދު، ފޮޓޯ: ވަން އޮންލައިން

ލިޔުންތެރިން ލިޔާ ކޮންމެ ލިޔުމެއްގައި ގައުމުގެ މަސްލަހަތުތަކަށް ރައްކާތެރިވުމަށް ދިވެހިބަހުގެ އެކަޑަމީގެ ރައީސް ޙަސަން ޝާކިރު މުޙައްމަދު އިލްތިމާސްކުރައްވައިފިއެވެ. 

މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ 34 ވަނަ ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި ހިދުމަތްތެރި ލިޔުންތެރިންނަށް ތަހުނިޔާ ފޮނުއްވައި އާއްމުކުރެއްވި ހިތާނުގައި ޝާކިރު ވިދާޅުވީ ލިޔުންތެރިންނަކީ ހުރިހާ ޒަމާނެއްގައިވެސް ގައުމަށް ނުހަނު މަތިވެރި ހިދުމަތްތަކެއް ފޯރުކޮށްދޭ ބައެއްް ކަމަށެވެ. 

ޝާކިރު ފާހަގަކުރެއްވި ގޮތުގައި ލިޔުންތެރިން މުޖުތަމައަށް ހަދިޔާކުރައްވާ ލިޔުންތަކުގެ އަސަރު އެތައް ޒަމާނަކަށް ދެމިގެންދެއެވެ. އަދި އެ އަސަރަކީ ހެޔޮ އަސަރެއްކަމަށް ހެއްދެވުމަކީ ކޮންމެ ލިޔުންތެރިއެއްގެ ވާޖަިބެއްކަން ފާހަގަކުރައްވައި ކޮންމެ ގަލަމަކީވެސް ޒިންމާއެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. 

މިއަހަރުގެ ލިޔުންތެރިންގެ ދުވަހުގެ ޝިއާރަކީ "އަމާނާތްތެރި ލިޔުންތެރިއަކަށް"ވުންކަން ފާހަގަކުރައްވަމުން ޝާކިރު ވިދާޅުވީ އެ ޝިއާރަކީ ކޮންމެ ލިޔުންތެރިއެއްގެ ޒިންމާއެއް ކަމުގައި ހެއްދެވުން މުުހިއްމު ކަމަށެވެ. އަދި މިއަދު ލިޔުންތެރިން ލިޔުއްވާ ކޮންމެ ލިޔުއްވުމަކީ މާދަމާ އެ ލިޔުމާމެދު ޒިންމާވާން ޖެހިވަޑައިގަންނަވާނެ ލިޔުމެއް ކަމަށްވެސް ވިދާޅުވިއެވެ. 

"އެހެންކަމުން ލިޔުއްވާ ކޮންމެ ލިޔުއްވުމެއްގައިވެސް ހަގީގަތުގެ ރީތި ކުލަ ޖައްސަވަންވާނެ. ރައްޔިތުންނާއި މުޖުތަމައާއި ގައުމުގެ މަސްލަހަތަށް ރައްކާތެރިވާންވާނެ. ލިޔުންތެރިންނަށް ލިބިވަޑައިގެންފައިވާ ލިޔުންތެރިކަމުގެ ފަންނީ ހުނަރުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިއްޕެވުމަށް ކޮންމެ ހާލަތެއްގައިވެސް ސަމާލުކަންދެއްވަން ވާނެ،" ޝާކިރުގެ ހިތާބުގައި ލިޔުއްވިއެވެ. 

ލިޔުންތެރިން ގައުމަށްކޮށްދެއްވާފައިވާ އަދި މިހާރުވެސް ކޮށްދެއްވާ ހިދުމަތްތައް ޝުކުރުވެރިކަމާއެކު ފާހަގަކުރައްވަމުން، ޝާކިރު ލިޔުއްވާފައިވަނީ ދިވެހި ލިޔުންތެރިަކަމާއި އަދަބިއްޔާތަށް ލިބިފައިވާ އަދި މިހާރުވެސް ލިބެމުންދާ ދިރުން ފަނޑުވުމެއް ނެތި އާވަމުންދާނެކަމަކީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު