ENGLISH

08 ޖުލައި 2026

Advertisement

ފީފާގެ ނިޒާމު ހިނގަނީ ވަކި އުސޫލެއްގެ ތެރެއިން މިނިވަންކަމާއެކު: އިންފަންޓީނޯ

06 ޖުލައި 2026

|

އިސްމާއިލް ޝާހު

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް --- ފޮޓޯ: އޭޕީ

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން އަދަބު ދޭ ނިޒާމު، އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯ ދިފާއުކުރައްވައި ވާހަކަދައްކަވައިފިއެވެ.

އިންފަންޓީނޯ މިފަދައިން ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އެދިލެއްވުމަކަށް ފަހު، ފީފާ ވޯލްޑް ކަޕް 2026 ގައި އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޮގަންއަށް ދެއްކި ރަތް ކާޑާ ގުޅިގެން ދިން ސަސްޕެންޝަން ފީފާއިން ފަސްކުރުމާ ގުޅިގެން، ބައިނަލްއަގުވާމީ ފެންވަރުގައި ފާޑުކިޔުންތައް އަމާޒުވެ، މި މައްސަލައިގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައިވާ ދަނޑިވަޅެއްގައެވެ.

އިންފަންޓީނޯ ވިދާޅުވީ ފީފާގެ ގާނޫނީ ފިޔަވަޅުތައް އަޅާ އިދާރާތަކަކީ މިނިވަންކަމާއެކު މަސައްކަތްކުރާ ތަންތަން ކަމަށާއި، ބަލޮގަންގެ މައްސަލައަކީ ގާނޫނީ މަރުހަލާއެއްގެ ތެރޭގައި އޮތް ކަމެއްކަން ރައީސް ޓްރަމްޕަށް ދަންނަވާފައިވާނެ ކަމަށެވެ. ނަމަވެސް، ޓްރަމްޕް ވަނީ އެމެރިކާގެ ފޯވާޑް އަލުން ކުޅުމުގެ ފުރުސަތު ދިނުމަށް ނިންމި ނިންމުމަށް "ވަރަށް ފުރިހަމަ" ނިންމުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ރިޕޯޓުތައް ބުނާގޮތުން މި މައްސަލަ އަލުން މުރާޖާކުރުމަށް ފީފާގައި އެދިވަޑައިގަތީވެސް ޓްރަމްޕެވެ.

މި މައްސަލައަކީ މިއަހަރުގެ މުބާރާތުގައި ކުރިމަތިވި އެންމެ ބޮޑު ޚިޔާލުތަފާތުވުމަށް ވެފައިވާއިރު، ޔޫރަޕުގެ ފުޓްބޯޅައިގެ މައި އިދާރާ، ޔުއެފާއިން ވަނީ ފީފާއިން "ރަތް ރޮނގު ހުރަސްކޮށްފި" ކަމަށް ބުނެ އެކަން ކުށްވެރިކޮށްފައެވެ. މީގެ އިތުރުން ބެލްޖިއަމްގެ ފުޓްބޯޅަ އެސޯސިއޭޝަނާއި، އެކި ގައުމުތަކުގެ ފެޑެރޭޝަންތަކާއި، ތަޖުރިބާކާރު ކޯޗުންނާއި އޮފިޝަލުންވެސް ދަނީ ފީފާގެ މި ނިންމުމުގެ ސަބަބުން އެ އިދާރާގެ އަދަބުދޭ ނިޒާމަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށް ބުނަމުންނެވެ.

އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ސީދާ ރަތް ކާޑެއް ދައްކަނީ --- ފޮޓޯ: ރޮއިޓަރސް

ބެލްޖިއަމުން ހުށަހެޅި މައްސަލަ ފީފާއިން ވަނީ ބޭރުކޮށްލާފައި

މި މައްސަލައާ ގުޅިގެން، ގަދަ 16 ގައި މިރޭ އެމެރިކާއިން ކުޅޭ މެޗުގައި ބަލޮގަންއަށް ނުކުޅެވޭނެ ކަމަށް ބުނެ ބެލްޖިއަމުން ވަނީ މައްސަލަ ހުށަހަޅާފައެވެ. ނަމަވެސް ފީފާއިން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ. ބޮސްނިއާ އެންޑް ހެރްޒެގޮވިނާއާ ދެކޮޅަށް ކުޅުނު މެޗުގައި ބަލޮގަންއަށް ރަތް ކާޑު ދެއްކީ ނުރައްކާތެރި ފައުލެއް ކުރުމާ ގުޅިގެންނެވެ. އާންމު އުސޫލުން ނަމަ ރަތް ކާޑަކާއެކު އެއް މެޗުގެ ސަސްޕެންޝަނެއް އަންނާނެއެވެ.

"ބަލޮގަން ކުރި އެއްވެސް ގޯސް ކަމެއް ނެތް، އޭނާއަކީ އަހަރެމެންގެ އެންމެ މޮޅު ކުޅުންތެރިޔާ،" އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ. "ޓީމުގެ އެންމެ މޮޅު ކުޅުންތެރިޔާ ނަގައި، ނުކުޅެވޭނެ ކަމަށް ބުނުމަކީ ވަރަށް ބޮޑު ބޭއިންސާފެއް."

ބަލޮގަންގެ މައްސަލަ އަލުން މުރާޖާކުރުމަށް ފީފާގައި އެދިވަޑައިގަތީ ޓްރަމްޕް

ޓްރަމްޕް ވިދާޅުވީ، އެއީ ވަރަށް ބުއްދިވެރި ނިންމުމެއް ކަމަށާއި، މައްސަލަ މުރާޖައާ ކުރުމަށް އޭނާ އެދިވަޑައިގަތީ، އެފަދަ މޮޅު ކުޅުންތެރިއަކަށް ފުރުސަތު ނުދީފި ނަމަ، ވޯލްޑް ކަޕުގައި ބޮޑު ލައްގަނޑެއް ޖެހިދާނެތީ ކަމަށެވެ. އަދި ބަލޮގަންއަށް ރަތް ކާޑު ދެއްކި ބްރެޒިލްގެ ރެފުރީ ރަފައެލް ކްލޯސްގެ ގާބިލިއްޔަތާ މެދުވެސް ޓްރަމްޕް ވަނީ ސުވާލު އުފައްދަވާފައެވެ.

އިންފަންޓީނޯ ވަނީ ޓްރަމްޕް ގުޅުއްވިކަން ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް ފީފާގެ ނިޒާމު ހިނގަނީ ވަކި އުސޫލެއްގެ ތެރެއިން މިނިވަންކަމާއެކު ކަމަށާއި، އެއީ އޭނާ އަބަދުވެސް ދަމަހައްޓަވާނެ އުސޫލެއް ކަމަށް ވިދާޅުވިއެވެ.

މިއީ ފީފާގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށް ތުހުމަތު ކުރެވުނު ފުރަތަމަ ފަހަރެއް ނޫނެވެ. ބަލޮގަންގެ ސަސްޕެންޝަން ފީފާއިން އެއް އަހަރު ދުވަހުގެ ޕްރޮބޭޝަނަކަށް ބަދަލުކުރީ، އޭނާ ދެއްކި ރަތް ކާޑު ބާތިލު ނުކޮށް، ނަމަވެސް ވަގުތުން އަދަބު ތަންފީޒުކުރުން ފަސްކުރާ ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު