ENGLISH

06 ޖުލައި 2026

Advertisement

އަޒްޓެކާގެ ފޯރިގަދަ ކުރިމަތިލުން ކާމިޔާބުކޮށް، އިންގްލެންޑް ކުއާޓާއަށް

06 ޖުލައި 2026

|

އިސްމާއިލް ޝާހު

ވޯލްޑް ކަޕުގައި މެކްސިކޯ ކޮޅަށް ލަނޑު ޖެހުމަށްފަހު އިންގްލެންޑުގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ

ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި ޖޫޑް ބެލިންހަމް ކާމިޔާބުކުރި ދެ ލަނޑާއި ހެރީ ކޭންގެ ޕެނަލްޓީއާއެކު، މުބާރާތް ބާއްވާ އެއް ޤައުމު ކަމަށްވާ މެކްސިކޯ ބަލިކޮށް، އިންގްލެންޑް ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މެކްސިކޯގެ މަޝްހޫރު އަޒްޓެކާ ސްޓޭޑިއަމްގައި މިއަދު ކުޅުނު ފޯރިގަދަ މެޗުގެ ދެވަނަ ހާފުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް، އިންގްލެންޑުން ވަނީ 3-2 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައެވެ.

މިއީ އިންގްލެންޑް ޖެހިޖެހިގެން ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ތިންވަނަ ފަހަރެވެ. ކުއާޓާ ފައިނަލްގައި އިންގްލެންޑް ބައްދަލުކުރާނީ ނޯވޭއާއެވެ. ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅުނު އިންގްލެންޑް ޓީމުން މި މެޗު ކާމިޔާބުކުރީ އުނދަގޫ ހާލަތްތަކަކާ ކުރިމަތިލުމަށްފަހުއެވެ. އަދި މިއީ ވޯލްޑް ކަޕުގެ ތާރީޚުގައި އަޒްޓެކާ ސްޓޭޑިއަމްގައި މެކްސިކޯ ބަލިވި ފުރަތަމަ ފަހަރެވެ.

ވޯލްޑް ކަޕުގައި މެކްސިކޯ އާއި އިންގްލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

ގުގުރުމާއެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން މެޗު ފެށުން ގަޑިއިރަކަށް ލަސްވި ނަމަވެސް، މެޗު ފެށުމާއެކު ސަޕޯޓަރުންގެ ހަޅޭކުގެ އަޑާއެކު މެކްސިކޯއިން ދިޔައީ ނުރައްކާތެރި ހަމަލާތަކެއް އުފައްދަމުންނެވެ. އެހެންނަމަވެސް އިންގްލެންޑުން ވަނީ ވަރުގަދަ ޑިފެންސަކާއެކު މެކްސިކޯގެ ހަމަލާތައް ހުއްޓުވައި، މެޗުގެ ކޮންޓްރޯލް ހޯދާފައެވެ.

މެޗުގެ 30 މިނެޓު ހިނގިތަނާ ބުކަޔޯ ސަކާ ނަގައިދިން ރީތި ހުރަހަކުން ބެލިންހަމް ވަނީ ބޮލުން ޖަހައި ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އޭގެ ދެ މިނެޓު ފަހުން ކެޕްޓަން ކޭން ތަނަވަސްކޮށްދިން ފުރުސަތެއްގައި ބެލިންހަމް ވަނީ އިންގްލެންޑަށް ދެވަނަ ލަނޑެއް ޖަހައިދީފައެވެ. މެކްސިކޯގެ ސަޕޯޓަރުންގެ ހިތްވަރު ދިނުމާއެކު، ހޫލިއަން ކީނޯނޭސް ވަނީ ލިބުނު ފުރުސަތެއްގެ ބޭނުން ހިފައި ލަނޑެއް ޖަހައި، މެކްސިކޯއަށް އުއްމީދު އާކޮށްދީފައެވެ.

ދެވަނަ ހާފުގައި އިންގްލެންޑްގެ ޑިފެންޑަރު ޖަރެލް ކުއަންސާއަށް ދެއްކި ރަތް ކާޑާއެކު އެ ޓީމަށް އިތުރު ދަތިތަކާ ކުރިމަތިވިއެވެ. އެހެންނަމަވެސް، އެންތަނީ ގޯޑަންއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، ކޭން ވަނީ އިންގްލެންޑުގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ.

ވޯލްޑް ކަޕުގައި މެކްސިކޯ ކޮޅަށް ލަނޑު ޖެހުމަށްފަހު އިންގްލެންޑުގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ

މެޗުގެ ފަހުކޮޅުގައި ކޭންގެ އަތުން ހެދުނު ގޯހަކުން މެކްސިކޯއަށް ލިބުނު ޕެނަލްޓީ ރައުލް ހިމެނޭޒް ކާމިޔާބުކޮށްދީ، ނަތީޖާ 3-2 އަށް ބަދަލުކުރިއެވެ. މެޗުގެ ފަހު 20 މިނެޓުގައި މެކްސިކޯއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ވަރުގަދައަށް ހަމަލާތައް އުފެއްދި ނަމަވެސް، އިންގްލެންޑުން ވަނީ ހިތްވަރާއެކު އެ ހަމަލާތައް ދިފާއުކޮށް މެޗު ކާމިޔާބުކޮށްފައެވެ.

މިއީ 1986 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާގެ "ހޭންޑް އޮފް ގޯޑް" ލަނޑާއި "ގޯލް އޮފް ދަ ސެންޗަރީ" ލަނޑާއެކު އިންގްލެންޑް ބަލިވި ފަހުން، އަޒްޓެކާގައި އެ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ. އެހެންކަމުން މި ކާމިޔާބީއާއެކު އިންގްލެންޑުން ވަނީ ތާރީޚީ މޮޅެއް ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު