ENGLISH

04 ޖުލައި 2026

Advertisement

ކިޑްސަލް: އެލީޓް ބަލިކޮށް ޗެމްޕިއަންކަން އެސްޕަޔަރ އެކެޑަމީއަށް

03 ޖުލައި 2026

|

އިސްމާއިލް ޝާހު

ކިޑްސަލްގެ ޓްރޮފީ އެސްޕަޔަރ އެކެޑަމީގެ ކުޅުންތެރިން އުފުލާލަނީ --- ފޮޓޯ: މުޙައްމަދު އަނޫފް ޙަބީބް / އެމްއެމް ސްޕޯޓްސް

ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގައި ހިމެނޭ ކިޑްސަލް 2026 ގެ ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން އެލީޓް އެކެޑަމީ ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން އެސްޕަޔަރ އެކެޑަމީން ހޯދައިފިއެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދިޔަ މި މުބާރާތަކީ ކުލަބު މޯލްޑިވްސްއިން މުޅިން އަލަށް ބޭއްވި މުބާރާތެކެވެ. މި މުބާރާތް ޚާއްސަ ކުރެވިފައިވަނީ އެކެޑަމީތަކުގެ 15 އަހަރުން ދަށުގެ އުމުރުފުރައިގެ ކުޅުންތެރިންނަށެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން އެސްޕަޔަރ އެކެޑަމީން ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވުމާއެކު، ޕެނަލްޓީ ޝޫޓްއައުޓުގައި 4-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

ފައިނަލް މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އެލީޓުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އާދު ބިން މުޙައްމަދު ނިޔާޒެވެ. އެކަމަކު އަޙްމަދު ޔާލް ޝުޖާއު ވަނީ އެސްޕަޔަރ އެކެޑަމީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އޭގެ އިރުކޮޅެއް ފަހުން އާދު ކާމިޔާބުކުރި އިތުރު ލަނޑަކާއެކު، އެލީޓުން ދެވަނަ ފަހަރަށް ލީޑު ނެގިއިރު، ދެވަނަ ހާފުގައި ޔަލްސަން ބިން ހިސާން ވަނީ އެސްޕަޔަރ އެކެޑަމީއަށް އަނެއްކާވެސް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓުގައި އެލީޓުގެ ޔޫސުފް ލުގްމާން ނަސީމް އަދި އަލީ ޒިހާން ޒިޔާދު ޕެނަލްޓީތައް ކާމިޔާބުކުރި ނަމަވެސް، އެ ޓީމުގެ އާދު އަދި ޝައިމަން އަޙްމަދު ރިޒާ ފޮނުވާލި ޕެނަލްޓީތައް ކާމިޔާބުވެފައެއް ނުވެއެވެ. އޭގެ ބަދަލުގައި އެސްޕަޔަރ އެކެޑަމީން ޖެހި ހަތަރު ޕެނަލްޓީވެސް ވަނީ ކާމިޔާބުކޮށްފައެވެ. މި ޕެނަލްޓީތައް ޖަހައިދިނީ އަޙްމަދު އާހިލް ހުސައިން، ޔަލްސަން، އަންމާރު ބިން ނަވާޒް އަދި މީކާ މުޙައްމަދު ކަލީމެވެ.

މި މުބާރާތުގެ "ޕްރިންސް އޮފް ފުޓްސަލް" ގެ މަގާމު ހޯދީ އެލީޓުގެ އާދުއެވެ. ކުލަބު މޯލްޑިވްސްއިން މުޅިން އަލަށް ބޭއްވި ކިޑްސަލް މުބާރާތުގައި މި އަހަރު 10 އެކެޑަމީއެއް ވަނީ ވާދަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު