ENGLISH

02 ޖުލައި 2026

Advertisement

ފަލަސްޠީނަށް އެހީވުމަށް އަންރުވާއަށް 50،000 ޑޮލަރު ދިނުމަށް ރާއްޖެއިން ނިންމައިފި

02 ޖުލައި 2026

|

ޝިފްޒާން އަޙްމަދު

ދިވެހިރާއްޖެއިން އދ.އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު އަލީ ނަސީރު މުހައްމަދު

ފަލަސްޠީނަށް އެހީތެރިވުމަށް މި އަހަރު ދިވެހިރާއްޖެއިން 50،000 އެމެރިކާ ޑޮލަރު ދިނުމަށް ނިންމާފައިވާކަން ދިވެހި ސަރުކާރުން ހާމަކޮށްފިއެވެ. 

މި ފައިސާ ދިނުމަށް ނިންމާފައިވަނީ ފަލަސްޠީނު ރައްޔިތުންނަށް އެހީވުމަށް އދ.އިން ގާއިމުކޮށްފައިވާ އެޖެންސީ އަންރުވާ މެދުވެރިކޮށެވެ. އެކަން ސަރުކާރުން އިއުލާނުކުރީ އދ.ގެ މައި މަރުކަޒުގައި ޖުލައި 1، 2026 ވަނަ ދުވަހު ކުރިއަށްގެންދިޔަ "އަންރުވާ ޕްލެޖިން ކޮންފަރެންސް"ގައެވެ. 

މި ކޮންފަރެންސްގައި ދިވެހިރާއްޖޭގެ ފަރާތުން ދެއްކެވި ވާހަކަފުޅުގައި އދ.އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ.ޢަލީ ނަޞީރު މުޙައްމަދު ވިދާޅުވި ގޮތުގައި މި ފައިސާގެ އެހީ ދިނުމަށް ރާއްޖެއިން ނިންމީ ހަމައެކަނި މާލީ އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ މަގުސަދުގައެއް ނޫނެވެ. ނަ

ނަޞީރު ސިފަކުރެއްވި ގޮތުގައި ރާއްޖެއިން ދޭ މި މާލީ އެހީތެރިކަމަކީ ފަލަސްޠީނު ރައްޔިތުންްގެ އިންސާނީ ކަރާމަތް ނެގެހެއްޓުމާއި، އުސޫލުތަކާއި ގަވާއިދުތަކުގެ މައްޗަށް ބިނާވެފައިވާ ބައިނަލްއަގުވާމީ ނިޒާމު ހިމާޔަތްކުރުމާ ގުޅުންހުރި މުހިއްމު މަސައްކަތެކެވެ. 

ސަފީރުގެ ވާހަކަފުޅުގައި އަންރުވާގެ މަސައްކަތްތަކަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަަކާއި އެ އެޖެންސީއަށް އަމާޒުވަމުންދާ އެއްވެސް އަސްލެއް ނެތް ތުހުމަތުތަކުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ. އަދި އަންރުވާއިން އަދާކުރާ ނުހަނު މުހިއްމު ދައުރު އަދާކުރުންމަތީ އެ އެޖެންސީއަށް ދެމިއޮވެވޭކަން ކަށަވަރުކުރުމަށްޓަކައި ދެމެހެއްޓެނެވި ގޮތެއްގައި އެ އެޖެންސީއަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ސަފީރު ގޮވައިލެއްވިއެވެ. 

މީގެ ކުރިން 2024 ވަނަ އަހަރުވެސް ރާއްޖެއިންވަނީ އަންރުވާއަށް 50،000 ޑޮލަރު ދިނުމަށް ނިންމައި އެކަން އިއުލާނުކޮށްފައެވެ. 

އަންރުވާއަކީ ފަލަސްޠީނު ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްކުރާ ޖަމްއިއްޔާއެކެވެ. ހުޅަނގު އައްސޭރިއާއި ޣައްޒާގައި ފަލަސްޠީނު ރައްޔިތުންނަށް ބޭނުންވާ ޟަރޫރީ ކާބޯތަކެއްޗާއި ބޭސް ފޯރުކޮށްދިނުމުގެ އިތުރަށް ތައުލީމު ފޯރުކޮށްދޭ މަދުރަސާތައް އެ އެޖެންސީން ހިންގައެވެ. 

އިސްރާއީލުން އަންނަނީ އެ އެޖެންސީގެ މުވައްޒަފުންނަށް ޓެރަރިޒަމުގެ ތުހުމަތުކޮށް އެމީހުން ހައްޔަރުކުރުމާއެކު، އެ އެޖެންސީން ކުރަމުންދާ އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްތަކަށް ތަފާތު އެކި ގޮތްގޮތުން ހުރަސްތައް ކުރިމަތިކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު