ENGLISH

02 ޖުލައި 2026

Advertisement

ހުޅުމާލޭ ހޮސްޕިޓަލުން އިންޓަންޝިޕް ހަދާ ފުރަތަމަ ބެޗް ނިމެނީ، ދެވަނަ ބެޗަށް ހުޅުވާލައިފި

02 ޖުލައި 2026

|

ޝިފްޒާން އަޙްމަދު

ހުޅުމާލޭ ހޮސްޕިޓަލުގައި އިންޓާންޝިޕް ހެދުމުގެ 15 ފުރުސަތު ހުޅުވާލާފައިވާއިރު ފުރަތަމަ ބެޗުގައި އިންޓާންޝިޕް ފެށި 15 ކުދިން އަންނަ ސެޕްޓެންބަރުގައި ދަސްވެނިވާނެ

އެމްބީބީއެސް ނުވަަތަ އެމްޑީ ހާސިލުކުރުމަށްފަހު އިންޓާންޝިޕް ފުރިހަމަކުރުމަށް ހުޅުމާލޭ ހޮސްޕިޓަލުން މިދިޔަ އަހަރު ފުރަތަމަ ފަހަރަށް ހުޅުވައިލި ފުރުސަތުގައި އިންޓާންޝިޕް ހަދަން ފެށި 15 ކުދިން އިންޓާންޝިޕް ނިމުމާ ގާތަށް ގޮސްފައިވާއިރު ދެވަނަ ބެޗުގައި އިންޓާންޝިޕް ހެދުމުގެ ފުރުސަތު އެ ހޮސްޕިޓަލުން ހުޅުވާލައިފިއެވެ. 

އެ ހޮސްޕިޓަލުގެ ޑެޕިއުޓީ ޑިރެކްޓާ އޮފް މެޑިކަލް އެޑްމިން ނާހިދާ ހަމީދު "އެމްއެމްޓީވީ"އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ 2025 ވަނަ އަހަރު ފެށި އިންޓާންޝިޕް ޕްރޮގުރާމުގެ ފުރަތަމަ ބެޗުގައި އެ ހޮސްޕިޓަލުން ތަމްރީނުކުރީ 15 ޑޮކްޓަރުން ކަމަށެވެ. އެ ޑޮކްޓަރުންގެ ތަމްރީނުތައް އޯގަސްޓު މަހުގައި ނިމުމަށްފަހު އިތުރު އެއް މަސްދުވަސް ބައެއް ޕޯސްޓިންތައް ނިންމުމަށް ދޭނެކަމަށެވެ. އެއަށްފަހު މުޅި ތަމްރީނު އެކީ ނިމި ދަސްވެނިވާނީ ސެޕްޓެންބަރު މަހު ކަމަށެވެ. 

ދެވަނަ ބެޗުގައިވެސް 15 ޑޮކްޓަރުންނަށް އިންޓާންޝިޕް ފުރުސަތު ހުޅުވާލާފައިވާއިރު، ފުރުސަތު ދިނުމުގައި އިސްކަންދޭނީ އެމްބީބީއެސް ނިންމިތާ ގިނަ ދުވަސްވީ ޑޮކްޓަރުންނަށެވެ. އާއިލާ ކައިރީގައި ތިބިގެން އިންޓާންޝިޕް ފުރިހަަމަކުރުމުގެ ފުރުސަތު ލިބުމުގެ އިތުރަށް ހުޅުމާލޭ ހޮސްޕިޓަލުގައި އިންޓާންޝިޕް ފުރިހަަމަކުރާ ކުދިންނަަށް ސަރުކާރުން ކޮންމެ މަހަކުވެސް ހާއްސަ އެލަވެންސްްއެއް ދޭނެއެވެ. 

ނާހިދާ ވިދާޅުވީ އިންޓާންޝިޕު ފުރުސަތު އިއުލާނުނުކުރާއިރުވެސް ވަރަށް ގިނަ ކުދިން އެ ފުރުސަތު ހުޅުވައިލާނެ ދުވަހެއް އޮޅުންފިލުވުމަށް މެއިލުކޮށް ގުޅައި ހަދަމުންއައި ކަމަށެވެ. އަދި އޭނާ އެދިވަޑައިގަތީ މިއަދުން ފެށިގެން ޖުލައި 12 ވަނަ ދުވަހުގެ ނިޔަލަަށް ފުރުސަތު ހުޅުވާލާފައިވާއިރު، މި މުއްދަތުގެ ތެރޭގައި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު އެ ފުރުސަތު ބޭނުންވާ ހުރިހާ ކުދިންވެސް އެޕްލިކޭޝަން ހުށަހެޅުމަށެވެ. 

ހުޅުމާލޭ ހޮސްޕިޓަލުގެ އިތުރަށް އައިޖީއެމްއެޗްއާއި އޭޑީކޭ އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި އިންޓާންޝިޕް ޕްރޮގުރާމުތައް މިހާރު ހިންގައެވެ. ސަރުކާރު ތިން ހޮސްޕިޓަލުގައި އިންޓާންޝިޕް ފުރިހަމަކުރާ ޑޮކްޓަރުންނަށް ކޮންމެ މަހަކު ސަރުކާރުން އެލަވެންސްއެއް ދެމުންދެއެވެ. 

ކިޔުންތެރިންގެ ހިޔާލު