ENGLISH
02 ޖުލައި 2026
އޮސްޓްރިއާ އާ ދެކޮޅަށް ކުޅޭ މެޗަށް ސްޕެއިން އޮތީ ފުރިހަމައަށް ތައްޔާރުވެފަ: ޑެ ލަ ފުއެންޓޭ
02 ޖުލައި 2026
|
ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕެއިނުގެ ކޯޗު، ޑެ ލަ ފުއެންޓޭ ވާހަކަ ދައްކަނީ. ފޮޓޯ: ރޮއިޓާސް
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 32 ޓީމުގެ ބުރުގައި މިރޭ އޮސްޓްރިއާ އާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗަށް ސްޕެއިނުގެ ސްކޮޑު އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށާއި، މިވަގުތު އަނިޔާގެ މާބޮޑު މައްސަލައެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު، ލުއިސް ޑެ ލަ ފުއެންޓޭ ބުނެފި އެވެ.
މެޗުގެކުރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނެއްގެ އެހީގައި ވާހަކަ ދައްކަމުން ކޯޗު ޑެ ލަ ފުއެންޓޭ ބުނީ، މި މެޗަށް ނުކުންނައިރު ލަމީން ޔަމާލް، ވިކްޓަރ މުނޯޒް އަދި ޔެރެމީ ޕީނޯ ވެސް ތިބީ ޓީމަށް ކުޅެވޭ ވަރަށް ފިޓްކޮށް ކަމަށެވެ.
މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކާބޯ ވާޑޭއާ އެއްވަރުވެ، އުރުގުއާއީ އަތުން ހަނި ގޮތަކަށް މޮޅުވި ނަމަވެސް، ކުރިއަށް އޮތް މެޗުގައި ޓީމުގެ ކުޅުމަށް ކުރިއެރުންތަކެއް އަންނާނެ ކަމަށް އުންމީދުކުރާ ކަމަށް ޑެ ލަ ފުއެންޓޭ ބުންޏެވެ. މިހާތަނަށް މި މުބާރާތުގައި ސްޕެއިނުގެ އަސްލު ފެންވަރާ ގާތަށް ކުޅެވިފައިވަނީ ސަޢޫދީ ޢަރަބިއްޔާ އަތުން 4-0 އިން މޮޅުވި މެޗުގައި އެކަންޏެވެ.
"މިހާތަނަށް ނެރެވުނު ނަތީޖާތަކުގައި ރަނގަޅުކުރަންޖެހޭ ކަންކަން ޓީމުން ދެނެގަންނަން ފަށާފައިވާ މަންޒަރު މި ހަފްތާގައި ޓީމުގެ ފަރާތުން ދަނީ ފެންނަމުން،" ޑެ ލަ ފުއެންޓޭ ބުންޏެވެ.
ސްޕެއިނުގެ ތަރި، ޔަމާލް އެ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވަނީ. ފޮޓޯ: އޭޕީ
ބާސެލޯނާގެ ޒުވާން ތަރި، ޔަމާލް މި މުބާރާތުގައި މިހާތަނަށް ބޭނުންކޮށްފައިވަނީ ވަރަށް ބަލައިގެން ނަމަވެސް، ކުރިއަށް އޮތް މެޗުގައި ބޭނުންވާ މިންވަރަކަށް އޭނާ ކުޅެން އެރުވޭނެ ކަމަށް ޑެލަ ފުއެންޓޭ ފާހަގަކުރި އެވެ.
މިދިޔަ އޭޕްރީލް މަހު ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، މުބާރާތުގައި ޔަމާލްގެ ބޭނުންކޮށްފައިވަނީ ވަރަށް މަދުންނެވެ. މީގެ އިތުރުން، ޕީނޯގެ ކޮނޑަށް ލިބުނު އަނިޔާއިން ސަލާމަތްވެފައިވާއިރު، މުނޯޒް ވެސް ވަނީ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކަށްފަހު އަލުން ފިޓްވެފައެވެ.
2010 ވަނަ އަހަރުގެ ކާމިޔާބީއަށްފަހު، ފަހަކަށް އައިސް ވޯލްޑް ކަޕްގެ ކުރީކޮޅު ސްޕެއިން ކަޓަމުންދާތީ ސަޕޯޓަރުންގެ ފަރާތުން އޮތް ބޮޑު ޕްރެޝަރާ ގުޅޭގޮތުން ސުވާލުކުރުމުން ޑެ ލަ ފުއެންޓޭ ބުނީ އެކަމާ ކަންބޮޑުނުވާ ކަމަށެވެ.
ވޭތުވެދިޔަ ދެ ވޯލްޑް ކަޕްގައިވެސް ސްޕެއިން ވަނީ ނޮކައުޓް ބުރުގެ ފުރަތަމަ މެޗުން ބަލިވެފައެވެ. އަދި 2014 ވަނަ އަހަރު ގްރޫޕް ސްޓޭޖުން ވަނީ ކަޓާފައެވެ. އެހެންނަމަވެސް، ޑެ ލަ ފުއެންޓޭގެ އިރުޝާދުގެ ދަށުން 2023 ގެ ނޭޝަންސް ލީގާއި 2024 ގެ ޔޫރޯ ކާމިޔާބުކޮށްފައިވާ ސްޕެއިން ޓީމު މިފަހަރު އޮތީ ރަނގަޅު ހާލަތެއްގަ އެވ. އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު 45 މެޗުގެ ތެރެއިން އެ ޓީމު ބަލިވެފައިވަނީ އެންމެ ދެ މެޗުންނެވެ.
ސްެޕެއިނުގެ ބައެއް ކުޅުންތެރިން ފަރިތަކުރުންތަކުގައި ބައިވެރިވަނީ. ފޮޓޯ: ރޮއިޓާސް
"އަހަރެމެންގެ ފަރާތުން ކުރެވޭ އުއްމީދުތަކާ މެދު އުފާވޭ. އެއީ، އަހަރެމެންނާ މެދު ކުރެވޭ އުންމީދުތައް މަތިވުމުން، އަހަރެމެން ކުރަންޖެހޭ ކަމަކީ އެ އުންމީދުތަކާ އެއްވަރަށް ނަތީޖާ ރަނގަޅުކުރުން ކަމަށްވާތީ." ޑެ ލަ ފުއެންޓޭ ބުންޏެވެ.
ޑެ ލަ ފުއެންޓޭ ބުނިގޮތުގައި އޭނާ ވަނީ އޮސްޓްރިއާ އާ ދެކޮޅަށް ކުޅޭ މެޗަށް ނެރޭނެ ޓީމު ކަނޑައަޅާފައެވެ. ނަމަވެސް އެއީ ކޮން ކުޅުންތެރިންނެއްކަމުގެ އެއްވެސް އިޝާރާތެއް އޭނާ ނުދިނެވެ.
މި މުބާރާތުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗެއްގައި ސްޕެއިންގެ ކޮޅަށް ލަނޑެއް ވަދެފައެއް ނުވެއެވެ.
އޮސްޓްރިއާ އާ ދެކޮޅަށް ގަދަ 32 ޓީމުގެ ބުރުގައި މިރޭ ސްޕެއިން ނިކުންނަ މެޗު ފަށާނީ ރާއްޖެގަޑިން މެންދަމު 12 ޖަހާއިރު އެވެ.