ENGLISH

01 ޖުލައި 2026

Advertisement

އެމްބާޕޭގެ ދެ ލަނޑާއެކު ސްވިޑަން ބަލިކޮށް، ފްރާންސް ގަދަ 16 އަށް

01 ޖުލައި 2026

|

އިސްމާއިލް ޝާހު

ވޯލްޑް ކަޕުގައި ސްވިޑަން ކޮޅަށް ލަނޑު ޖެހުމަށްފަހު ފްރާންސްގެ ކެޕްޓަން އެމްބާޕޭ --- ފޮޓޯ: އޭޕީ

ކެޕްޓަން ކީލިއަން އެމްބާޕޭ ކާމިޔާބުކޮށްދިން ދެ ލަނޑާއެކު ސްވިޑަންގެ މައްޗަށް 3-0 ގެ ފަސޭހަ މޮޅެއް ހޯދައި، ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 އިން ފްރާންސް ޖާގަ ހޯދައިފިއެވެ.

މި މެޗުގައި ކާމިޔާބުކުރި ލަނޑުތަކާއެކު، މި މުބާރާތުގައި އެމްބާޕޭ ޖެހި ލަނޑުގެ އަދަދު ވަނީ 6 އަށް އަރާފައެވެ. މީގެ އިތުރުން އެމްބާޕޭ މިހާރު ވަނީ ވޯލްޑް ކަޕުގެ ނޮކްއައުޓް މަރުހަލާގެ 9 މެޗުގައި 9 ލަނޑު ޖަހާފައެވެ. މިއީ މިހާތަނަށް މި މަރުހަލާގައި ކުޅުންތެރިއަކު އެންމެ ގިނަ ލަނޑު ޖެހި ރިކޯޑެވެ. މީގެ ކުރިން މި ރިކޯޑު އޮތީ 8 ލަނޑު ޖަހާފައިވާ ބްރެޒިލްގެ ލިއޮނިޑަސް އާއި ރޮނާލްޑޯގެ އަތުގައެވެ.

ގްރޫޕް ސްޓޭޖުގައި ފްރާންސުން ދައްކަމުންދާ ވަރުގަދަ ކުޅުމަކީ އިދިކޮޅު ޓީމުތަކަށް އޮތް ބިރުވެރި އިންޒާރެކެވެ. އެމްބާޕޭ އިސް ދައުރެއް އަދާކުރި މި މެޗުގައި މައިކަލް އޮލީސޭ ވަނީ އޭނާއަށް އެހީތެރިވެދިނުމުގައި ފާހަގަކޮށްލެވޭ ފަދަ މޮޅު ކުޅުމެއް ދައްކާފައެވެ.

ވޯލްޑް ކަޕުގައި ސްވިޑަން ކޮޅަށް ފްރާންސްގެ އެމްބާޕޭ ލަނޑު ޖަހަނީ --- ފޮޓޯ: އޭޕީ

ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗުގައި ފްރާންސްގެ ހަލުވި ދުވެލި ހުއްޓުވުމަކީ ސްވިޑަންއަށް ކުރެވޭވަރުގެ ކަމަކަށް ނުވިއެވެ. އަދި މުޅި މެޗުގައި ސްވިޑަންއަށް ފްރާންސްގެ ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ދެ ހަމަލާއެވެ.

މަންމަ ނިޔާވުމާ ގުޅިގެން ޓީމާ ދުރުގައި ހުރުމަށްފަހު، ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އަލުން ބެންޗަށް އެނބުރި އައި މި މެޗުގައި، އެމްބާޕޭ ވަނީ ފެންވަރު ރަނގަޅު ކުޅުމެއް ދައްކާފައެވެ. އޭނާ ވަނީ މެޗުގެ ދެ ހާފުގައިވެސް ލަނޑު ޖަހާފައެވެ. ފުރަތަމަ ހާފުގައި ސްވިޑަންގެ ފަހަތް ފޫއަޅުވާލުމަށްފަހު ފުރަތަމަ ލަނޑު ކާމިޔާބުކުރިއިރު، ތިންވަނަ ލަނޑު ޖެހީ އޮލީސޭ ދިން ޕާހަކުންނެވެ. 

ވޯލްޑް ކަޕުގައި ސްވިޑަން ކޮޅަށް ލަނޑު ޖެހުމަށްފަހު ފްރާންސްގެ އެމްބާޕޭ އާއި އޮލީސޭ އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ

ފްރާންސްގެ ދެވަނަ ލަނޑަކީ އޮލީސޭ ތަނަވަސްކޮށްދިން ފުރުސަތަކުން ބްރެޑްލީ ބާކޯލާ ކާމިޔާބުކުރި ލަނޑެކެވެ. އާސެނަލްގެ ޝައުގުވެރިކަން ހުއްޓިފައިވާ ކަމަށް އަޑުފެތުރިފައިވާ ބާކޯލާ ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ފްރާންސްގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި އެމްބާޕޭ ދެ ލަނޑު ޖެހިއިރު، ވޯލްޑް ކަޕުގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގައި އެމްބާޕޭ މިހާރު އުޅެނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއަށްވުރެ އެންމެ ލަނޑެއް ފަހަތުގައެވެ. އަދި މި އަހަރުގެ ރަން ބޫޓުގެ ރޭހުގައިވެސް އޭނާ ވަނީ މެސީއާ އެއްވަރުވެފައެވެ.

މި މުބާރާތުގެ ގަދަ 16 ބުރުގައި ފްރާންސް ބައްދަލުކުރާނީ މި މުބާރާތުގައި ހީނުކުރާ ފަދަ މޮޅު ކުޅުމެއް ދައްކަމުން އަންނަ ޕެރަގުއޭއާއެވެ. އެ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެރޭ ފިލަޑެލްފިއާގައެވެ.

ކިޔުންތެރިންގެ ހިޔާލު