ENGLISH
30 ޖޫން 2026
ތުޅާދޫ ކަލްޗަރަލް ސެންޓަރު ތަރައްގީކުރުމުގެ ޢަމަލީ މަސައްކަތްތައް ފަށައިފި
30 ޖޫން 2026
|
ތުޅާދޫ ކަލްޗަރަލް ސެންޓަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން-- ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ބ. ތުޅާދޫ ކަލްޗަރަލް ސެންޓަރު ތަރައްގީކުރުމުގެ ޢަމަލީ މަސައްކަތްތައް ފަށައިފިއެވެ.
މި މަޝްރޫއަކީ މޯލްޑިވްސް ޓްރާންސްޕޮޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިދިޔަ އަހަރު އޮގަސްޓް މަހުގެ ތެރޭގައި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
އެމްޓީސީސީން ބުނީ، އިމާރާތުގެ ފައުންޑޭޝަން މަސައްކަތް ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ އިމާރާތުގެ ތަނބުތައްޖެހުމުގެ މަސައްކަތްތައް ކަމަށެވެ.
ތުޅާދޫ ކަލްޗަރަލް ސެންޓަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން-- ފޮޓޯ: އެމްޓީސީސީ
މި އިމާރާތް ތަރައްގީކޮށް ނިމުމުން، މިތަނުގައި ލިޔެލާޖެހުމާއި، އަތްތެރި މަސައްކަތާއި، ގެތުން އަދި ލަކުޑީގެ މަސައްކަތް ފަދަ ސަގާފީ ހުނަރުވެރި ފަންނުތަކަށް ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވެއެވެ. ރާއްޖޭގެ އުފެއްދުންތެރިކޮށް އިތުރުކޮށް، ޘަޤާފީ މަސައްކަތްތައް ދިރުވައި އާލާ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ މުހިއްމު ސިޔާސަތެކެވެ. އެގޮތުން މި މަޝްރުއަކީ އެ ތަޞައްވަރު ހާސިލްކުރުމަށް ކުރިއަށް ގެންދެވޭ މުހިއްމު މަސައްކަތެކެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ، މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު ދެކުނުބުރީގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ތުޅާދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއެކު ބޭއްވެވި ހާއްސަ ބައްދަލުވުމުގައެވެ.
އެމްޓީސީސީ އާ މި މަޝްރޫއު ހަވާކޮށްފައިވަނީ، 420 ދުވަސްތެރޭ ނިންމާގޮތަށް 24.4 މިލިއަން ރުފިޔާއަށެވެ. އެގޮތުން މި އިމާރާތް ދެ ފަންގިފިލާއަށް ތަރައްގީކުރާއިރު، މި ސެންޓަރުގައި ކެފޭއަކާއި އަދި ހިތްފަސޭހަކޮށްލުމަށް ޖާގަވެސް ހުންނާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
ތުޅާދޫއަކީ އަތްތެރިކަމުގެ މަސައްކަތާއި ދިވެހި ފަންނުވެރިކަމުގެ ހުނަރުވެރިކަމަށް މަޝްހޫރު ރަށެކެވެ. އަދި ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ރަށެކެވެ. އެހެންކަމުން އެ ރަށުގައި ގާއިމުކުރެވޭ ކަލްޗަރަލް ސެންޓަރުވާނީ އެ ރަށުގެ އިގުތިސާދީ ހަރަކާތް އިތުރުކޮށް، ރަށުގެ ތަނަވަސްކަމަށް ބޮޑު ހިއްސާއެއް ކުރާނެ މަޝްރޫއަކަށެވެ.