ENGLISH
10 އޭޕްރީލު 2025
ދެކުނު ކޮރެޔާގެ ވަގުތީ ރައީސް ވެސް މަޤާމުން ދުރުކުރަން ހުށަހަޅައިފި
26 ޑިސެމްބަރު 2024
|
ދެކުނު ކޮރެޔާގެ ރައީސް ޔޫން ސުކް ޔެއޯލް އަޒުލުކޮށްފައިވާއިރު، ރައީސްގެ މަސްޢޫލިއްޔަތުތަކާ ވަގުތީ ގޮތުން ޙަވާލުވެ ހުންނެވި ބޮޑުވަޒީރު ހާން ޑުކް ސޫ ވެސް މަޤާމުން ވަކިކުރުމުގެ މައްސަލައެއް އިދިކޮޅު ޕާޓީތަކުން ހުށަހަޅައިފިއެވެ.
"އަޅުގަނޑުމެން މި ހުށަހެޅުން ހުށަހަޅާފައިވަނީ ޕްލެނަރީ ސެޝަންގެ ކުރިން، މިއަދު ރިޕޯޓް ކުރާނަން،" ޤާނޫނު ހަދާ މަޖިލީހުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މެމްބަރު ޕާކް ސުންގް ޖޫން ވިދާޅުވިއެވެ.
"މާދަމާ ވޯޓަށް އަހާނަން."
ޑުކް ސޫ އާ މެދު އިދިކޮޅު ޕާޓީތަކުން ނުރުހިގެން އުޅެނީ، ޔެއޯލްގެ އަޒުލުކޮށްފައިވާ މައްސަލާގައި ގޮތެއް ނިންމަންޖެހޭ އެ ޤައުމުގެ ދުސްތޫރީ ކޯޓަށް ފަނޑިޔާރު ޢައްޔަނުކުރުން ލަސްކުރަމުންދާތީއެވެ.
ދެކުނު ކޮރެއާގައި ކުއްލި ޙާލަތު ޔޫން އިޢުލާނު ކުރެއްވި މައްސަލާގައި، ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތުން އޭނާގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކުރީ މި މަހުގެ 13 ވަނަ ދުވަހެވެ.
ދެކުނު ކޮރެޔާގެ ޤާނޫނުއަސާސީގެ ދަށުން، އިތުބާރު ނެތް ކަމުގެ މައްސަލަ ބަލައި، އެކަމާ މެދު ގޮތެއް ކަނޑައަޅަން ދުސްތޫރީ ކޯޓަށް ހަ މަސް ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. ޔޫންގެ މަޤާމު ގެއްލޭނީ، މަޖިލީހުގެ ނިންމުމަށް ކޯޓުން ތާއީދުކޮށްފި ނަމައެވެ.
އެ މައްސަލަ ބަލަން ފަށައި، ކުއްލި ޙާލަތު އިޢުލާނުކުރުމާ ގުޅޭގޮތުން ސުވާލުކުރުމަށް ޕްރޮސެކިޔުޓަރުން އެދުނު އެދުމަށް ޔޫން ގެންދަވަނީ ތަކުރާރުކޮށް ދެކޮޅު ހައްދަވަމުންނެވެ.
ކުއްލި ޙާލަތު ޔޫން އިޢުލާނު ކުރެއްވި މައްސަލާގައި، އެ މަނިކުފާނާ ދެކޮޅަށް ގިނަ ތަހުޤީޤުތައް ކުރެވެމުންދާ އިރު، ޤައުމުން ބޭރަށް ވަޑައިނުގެންނެވޭ ގޮތަށް އެ މަނިކުފާނުގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފައެވެ.
ޤައުމުގައި ހަމަނުޖެހުން އުފެއްދުމުގެ ތުހުމަތު ޔޫންއަށް ކުރެވޭއިރު، އެ ކުށް ސާބިތުވެއްޖެނަމަ، މަރުގެ ހުކުމެއް އައުމުގެ ފުރުޞަތު އޮންނާނެއެވެ.