ENGLISH

10 އޭޕްރީލު 2025

Advertisement

ޕާކިސްތާނުން އަފްޣާނިސްތާނަށް ދިން ވައިގެ ޙަމަލާއެއްގައި 46 މީހަކު މަރުވެއްޖެ

26 ޑިސެމްބަރު 2024

|

ހަސަން އާމިރު

އަފްޣާނިސްތާނުގެ އިރުމަތީ ބޯޑަރު ސަރަޙައްދަކަށް ޕާކިސްތާނުން ދިން ވައިގެ ޙަމަލާތަކެއްގައި 46 މީހަކު މަރުވެފައިވާ ކަމަށް އަފްޣާނިސްތާނުގައި މިހާރު ވެރިކަން ހިންގަމުންދާ ތާލިބާން ސަރުކާރުގެ ތަރުޖަމާނު ބުނެފިއެވެ.

"ރޭ (އަންގާރަ ދުވަހު) ޕާކިސްތާނުން ވަނީ ޕަކްޓިކާ ޕްރޮވިންސްގެ ބަރްމަލް ޑިސްޓްރިކްޓްގައި ހަތަރު ޕޮއިންޓަކަށް ބޮން އަޅާފައި. މަރުވި މީހުންގެ ޖުމްލަ އަދަދަކީ 46. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުން،" ތާލިބާން ސަރުކާރުގެ ތަރުޖަމާނު ޒަބީހުالله މުޖާހިދު ބުންޏެވެ.

އެ ޙަމަލާތަކުގައި އިތުރު ހަ މީހަކު ޒަޚަމްވެފައިވާއިރު، އޭގެތެރޭގައި ގިނައީ ކުޑަކުދިން ކަމަށް އޭނާ ބުންޏެވެ.

ތާލިބާން ސަރުކާރުގެ ޑިފެންސް މިނިސްޓްރީން އަންގާރަ ދުވަހުގެ ރޭ ދަންވަރު ނެރުނު ބަޔާނެއްގައި ވަނީ އަފްޣާނިސްތާނުގެ ސަރަޙައްދަށް ޕާކިސްތާނުން އެންމެ ފަހުން ދިން ޙަމަލާތައް ކުށްވެރިކޮށް، އެއީ "ރަހުމްކުޑަ" އަދި "އަނިޔާވެރި" ޢަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ.

އަދި ޢަމަލުގެ ސާފު ރައްދު ދޭނެ ކަމުގެ އިންޒާރު ވެސް ތާލިބާން ސަރުކާރުން ވަނީ ޕާކިސްތާނަށް ދީފައެވެ.

އަފްޣާނިސްތާނުގައި އޮތް ވެރިކަން 2021 ވަނަ އަހަރު ވައްޓައިލުމަށްފަހު، ތާލިބާނުން ސަރުކާރާ ޙަވާލުވި ފަހުން، ބޯޑަރު ސަރަޙައްދުގައި ޕާކިސްތާނާ އެކު ނުތަނަވަސްކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތްތަކުން، ޕާކިސްތާނަށް ދޭތެރެއަކުން ޙަމަލާތައް ދެމުންދާ ކަމަށް ޕާކިސްތާނުން ދަނީ ތަކުރާރުކޮށް ތުހުމަތު ކުރަމުންނެވެ.

ނަމަވެސް، އެކަން ތާލިބާން ސަރުކާރުން ވަނީ ދޮގުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު