ENGLISH
12 އޭޕްރީލު 2025
އިޒްރޭލާއި ޙަމާސް، ޣައްޒާގައި ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުން ލަސްވުމުގެ ތުހުމަތުގައި
26 ޑިސެމްބަރު 2024
|
ފަލަސްތީނުގެ ޣައްޒާގައި ހަނގުރާމަ ހުއްޓާލުމާއި ރަހީނުކޮށްފައިވާ މީހުން މިނިވަންކުރުމުގެ އެއްބަސްވުމަކާ ވަރަށް ގާތަށް ދެވިފައިވާ ކަމަށް ބުނުމަށްފަހު، އެ މަޝްވަރާތައް ލަސްކުރާ ކަމުގެ ތުހުމަތު، އިޒްރޭލާއި ޙަމާސް އިން އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި އަޅުވަން ފަށައިފިއެވެ.
އިޒްރޭލާއި ޙަމާސްއާ ދެމެދު، ސުލްޙަ ޤާއިމުކޮށް، ޣައްޒާގައި ހަނގުރާ ހުއްޓާލައި، ރަހީނުން މިނިވަންކުރުމަށް އެމެރިކާ އާއި މިޞްރާއި އެކު ޤަތަރުން މެދުވެރިއެއްގެ ރޯލު އަދާކުރަމުން، މަޝްވަރާތައް އަލުން ފެށީ މިދިޔަ ހަފްތާގެ ތެރޭގައެވެ.
އެ މަޝްވަރާތައް ދުވަހަކު ކުރިއަށް ނުދާ މިންވަރަށް ގޮސްފައިވާ ކަމަށް ޙަމާސްގެ އިތުރުން އިޒްރޭލުން ވަނީ ބުނެފައެވެ.
ނަމަވެސް، އެ އެއްބަސްވުން ފައިނަލްކުރުމަށް ހުރަސްތައް ކުރިމަތިކުރުވަމުންދާ ކަމަށް ބުނެ، ދެ ފަރާތުން ވަނީ ތުހުމަތުތައް ބަދަލުކޮށްފައެވެ.
ޙަމާސްގެ އޮފިޝަލަކު ވިދާޅުވީ، އެއްބަސްވުމުގެ މަޝްވަރާތައް އަދިވެސް ކުރިއަށްދާ ކަމަށާއި، ނަމަވެސް އިޒްރޭލުން އަނެއްކާވެސް އާ ޝަރުތުތަކެއް ކުރިމަތިކުރުވާފައިވާ ކަމަށެވެ.
ނަމަވެސް، އިޒްރޭލުން ވަނީ އެ ތުހުމަތު ދޮގުކޮށް، އާ ޝަރުތުތަކެއް ކުރިމަތިކޮށްގެން، މަޝްވަރާ ކުރިއަށް ގެންދިޔުމަށް ހުރަސް އަޅަނީ ޙަމާސްއިން ކަމަށް ބުނެފައެވެ.
ޙަމާސް އިން ބުނީ، ޣައްޒާގައި ޤާއިމުވެ ތިބި އިޒްރޭލުން ސިފައިން ފޭބުމާ ގުޅޭ އާ ޝަރުތުތަކެއް އިޒްރޭލުން ކުރިމަތިކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތަފްޞީލެއް ނުދެއެވެ.
ޣައްޒާއަށް ޔަހޫދީ ފައުޖުން ޙަމަލާތައް ދެމުން އަންނަތާ 14 މަސް ދުވަސް ވެފައިވާއިރު، އެ ޙަމަލާތަކުގައި ފަލަސްތީނުގެ މައުސޫމް 45،000 މީހަކު ވަނީ ޝަހީދުވެފައެވެ. އަދި ޣައްޒާ އިސްތިޢުމާރުކޮށް އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޖަރީމާތަކުގެ ސަބަބުން، ޣައްޒާގައި ދިރިއުޅޭ 2.3 މިލިއަން މީހުންނަށް ވަނީ ކާބޯތަކެއްޗާއި ބޭސްފަރުވާ ނުލިބި، ޙާލުގައި ޖެހިފައެވެ.
ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އިޒްރޭލުގެ ރަހީނުން މިނިވަންކުރުމަށް އެއްބަސްވުމަކާ ހަމައަށް ދާން އިޒްރޭލުގެ ޢާންމުން ވެސް ދަނީ ސަރުކާރަށް ގޮވާލައި، ދޭތެރެއަކުން މުޒާހަރާތައް ކުރަމުންނެވެ.