ENGLISH

29 ޖޫން 2026

Advertisement

ޚިދުމަތުގައި 25 އަހަރުވެ ވަކިވާ ފުލުހުންނަށް ބޭސްފަރުވާގެ ކަންކަން ހަމަޖައްސައިދެނީ

28 ޖޫން 2026

|

އަޙުމަދު ޙަމީދު

ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު

ފުލުހުންގެ ހިދުމަތުގައި 25 އަހަރު ވުމަށްފަހު ރިޓަޔާކުރާ ފަރާތްތަކަށް، ހިދުމަތުގައި ދެމިހުރި ފުލުހެކޭ އެއް އުސޫލަކުން ބޭސްފަރުވާކުރުމުގެ ކަންކަން ހަމަޖައްސައިދެވޭނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެ އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މި ފަދައިން ވިދާޅުވީ، ފުލުހުންގެ 93 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ސޯޝަލް ސެންޓަރުގައި އޮތް ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ އިތުރަށް ވިދާޅުވީ، ފުލުހުންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރާ ފުލުހުންނަށް ދެވޭ އިނާޔަތް ހިސާބުކުރުުގައި އޮތް ލިމިޓް ބަދަލުކުރުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ. އެގޮތުން އެ ފުލުހަކު ހިދުމަތްކޮށްފައިވާ މުއްދަކަށް ބަލައި ލިބޭ އިނާޔަތް ހަމަޖައްސައިދެއްވާނެ ކަމަށެވެ.

“އަޅުގަނޑު ތިޔަ ބޭފުޅުންނަށް އަރުވާ ޔަގީންކަަމަކީ، ފުލުހުންގެ އެންމެހައި ހާލަތްތައް ރަނގަޅުކުރައްވައި އުފާވެރި ފުލުހުންގެ މުއައްސަސާއަކަށް ފުލުހުންގެ ހިދުމަތް ބަދަލުކުރެއްވުމުގައި  މިއަދުގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް އިސްނަންގަވައިގެން، ގިނަ މަސައްކަތްތަކެއް ކުރައްވާއިރު، އަދި އެ ކަމުގައި އަޅުގަނޑުމެންގެ އިއްޒަތްތެރި ވަޒީރު މަސައްކަތްޕުޅު ކުރައްވާއިރު، ތިޔަ ބޭފުޅުންގެ އިހުސާސްތަކާއި ކަންބޮޑުުވުންތައް ސަރުކާރާ ހިއްސާކުރުމުގައި އަޅުގަނޑު ދީލަތިވާނެކަން.” ކޮމިޝަނާ ވިދާޅުވިއެވެ.

ކޮމިޝަނާ އިތުރަށް ވިދާޅުވީ، ގެދޮރުގެ ދަތިކަމާއި، ބޯހިޔާވަހިކަމުގެ ދަތިކަމާއި، ތައުލީމާއި ފަންނީ ކުރިއެރުންތަކުގެ ދާއިރާއާއި، މުއައްސަސާއަށް ބޭނުންވާ ޓެކްނޮލޯޖީއާއި، ވަސީލަތްތަކާއި އުމްރާނީ ކުރިއެރުންތަކާއި، އެހެނިހެން ދާއިރާތަކުން ވެސް ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ދިވެހި ފުލުހުންނަށް އިންގިލާބީ ކުރިއެރުމެއް ގެނެސްދެއްވަން މަސައްކަތްޕުޅު ކުރައްވާއިރު، ފުލުހުންގެ ހައްގުގައި އިހުލާސްތެރިކަމާއެކު މަސައްކަތް ކޮށްދެއްވާނެކަމުގައެވެ.

އޭގެ އިތުރުން، މިއަދު ފުލުހުން މި ދެކޭ ޒަމާނީ ދިވެހި ފުލުހުންގެ މުއައްސަަސާ 2004ވަނަ އަހަރު ވުޖޫދުމާއި މި މުއައްސަސާ މިގޮތުގައި ބިނާވުމުގައި އާދަޔާ ހިލާފު ނަމޫނާއެއް ދައްކަވައި މި ކާމިޔާބު މަސައްކަތް ހަގީގަތަކަށް ހައްދަވައިދެއްވި ދިވެހި ފުލުހުންގެ ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް، ބުރިގޭޑިއާ ރިޓަޔާޑް އާދަމް ޒާހިރާއި ކޮމިޝަނާގެ މަގާމު އަދާކުރެއްވި ހުރިހާ ބޭކަލުންނަށް ޝުކުރު ދެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު